އިޒްރޭލުން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން. -- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2025 - 18:50
އިޒްރޭލުން އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަވަހާރަކޮށްލަން ރާވައި ހަމަލާދޭން އުޅުނު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
"އާދެ، އެ މީހުން އަޅުގަނޑު މަރާލަން އުޅުނު. އަދި ރޭވުމާ އެއްގޮތަށް ކަންތައް ކުރި. އެކަމަކު ނާކާމިޔާބުވީ،" އެމެރިކާގެ މީޑިއާތަކުގައި މަސައްކަތްކުރާ މަޝްހޫރު މީހެއް ކަމަށްވާ ޓަކާ ކާލްސަން އަށް ދެއްވި އިންޓަވިއުއެއްގައި، ޕެޒެޝްކިއަން ވިދާޅުވި އެވެ.
ޕެޒެޝްކިއަން އެހެން ވިދާޅުވީ އޭނާ އަވަހާރަކޮށްލަން އިޒްރޭލުން މަސައްކަތްކުރިތޯ ސުވާލުކުރުމުންނެވެ.
"އަޅުގަނޑުގެ ފުރާނަ ދުއްވާލަން މަސައްކަތްކުރީ އެމެރިކާއަކުން ނޫން. އެކަމުގެ ފަހަތުގައި އޮތީ އިޒްރޭލް. އަޅުގަނޑު އުޅުނީ ބައްދަލުވުމެއްގައި ... އެ މީހުން އުޅުނީ އެ ބައްދަލުވުން ބާއްވަމުން ދިޔަ ސަރަހައްދަށް ބޮން އަޅަން،" ފާރްސީ ބަހުން ޕެޒެޝްކިއަން ދެއްވި އިންޓަވިއުގެ ތަރުޖަމާއިން އާންމުކޮށްފައިވާ ބައިގައި ވިދާޅުވެފައިވެ އެވެ.
ނަމަވެސް މި ހަމަލާދޭން އުޅުނީ މިދިޔަ މަހު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން ކުރި ހަނގުރާމައިގެ ތެރޭގައި ކަމެއް ނުވަތަ އެހެން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މި އިންޓަވިއުގައި ޕެޒެޝްކިއަން ވަނީ އީރާނަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދީ ނިއުކްލިއާ މަރުކަޒުތަކަށް ގެއްލުން ދިނުމުން ނިއުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް ހުއްޓާލާފައި ވިޔަސް އެމެރިކާއާ އެކު އަލުން މަޝްވަރާ ފެށުމުގައި މައްސަލައެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ އެކަން ވާނީ އިތުބާރުގެ މައްޗަށް ކަމަށެވެ.
"އަލުން މަޝްވަރާ ފެށުމުގައި އެއްވެސް މައްސަލައެއް އަޅުގަނޑުމެންނަކަށް ނެތް،" ޕެޒެޝްކިއަން ވިދާޅުވި އެވެ. "އެކަމަކު ޝަރުތެއް އެބަ އޮތް ... މަޝްވަރާތައް ފަށަން. އެމެރިކާއަށް އަލުން އިތުބާރުކުރާނީ ކިހިނެއް؟"
އީރާނަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައި އަސްކަރީ އިސް އެތައް ބަޔަކާއި ނިއުކްލިއާ ސައިންސްވެރިންތަކެއް އަވަހާރަކޮށްލާފައިވެ އެވެ. އިޒްރޭލުން ހަމަލާތައް ފެށީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ފެށި ނިއުކްލިއާ މަޝްވަރާތަކުގެ އާ ބުރެއް އެމެރިކާ އާއި އީރާނުން ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން 900 އަށް ވުރެ ގިނަ މީހުން މަރުވި އިރު އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހަރާކޮށްލަން ވެސް މަސައްކަތްކުރި އެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ ޚާމަނާއީއަށް ހަމަލާދޭން ހޯދި ކަމަށާއި ފެނުނު ކަމަށް ހަމަލާދީ އަވަހާރަކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
08 July 2025
އެމެރިކާއާއެކު މަޝްވަރާތައް ފަށަންޖެހޭ އެއްވެސްސަބަބެއްނެތް، މެދުއިރުމަތީގައި ހުރިހާހަމަނުޖެހުމެއް ރާވާހިންގާ އެކަންކަން ހައްލުވިޔަނުދީގޯސްކުރާބަޔަކީ އެމެރިކާ، އެއީ އެފަދަހަމަނުޖެހުންތަކުން ބޮޑުމާލީފައިދާއެއްލިބޭތީ އަދި މިކަންކަން މިގޮތަށްކުރުމުގާ އެމެރިކާގެއޮންނަނީ މައިގަނޑުއެއްބޭނުމެއް އެއީ ތެލަށްއަތްގަދަކުރުން، އެހެންބޭނުންތަކުގެތެރޭގައި އަރަބިގައުމުތައް ކުރިއަރާތަރައްގީވިޔަނުދިނުންވެސްހިމެނޭ،
ސަސްމި
08 July 2025
އެހާ މުހިއްމު މީހެއް ނޫން. ކުރީގެ ރައިސް ރައިސީ ނަމަ ތީ ވަރަށް ގަބޫލް ކުރެވޭ ވާހަކައެއް. ފަހުން ދުނިޔޭގެ ހުރިހާ ތަނަކަށް މި އަންނަ ވެރިން މުޅިން ދުނިޔެވަންތަ ކަމާ ހެދީ އުޅެނީ
ހަމިޓް
08 July 2025
އަތުގަ ޖެހުނުނަމަ އަވަހާރަކޮށްލީސް، އިޒުރޭލު ބޭނުންވަނީ ދުނިޔޭގަ ތިބިއެހެން އިންސާނުން މަރައި ހުސްކުރުން، ފުތަރަމަ އިސްލާމުންނާ ހިސާބުން. އަހަރެމެން ތިބޭނެ ސޯސަލްމީޑީއާގަ ހަލޭލައްވަން، އެމީހުން ކުރާނެ ކަމެއްކުރާނެ. ތަޅާސުންނާފަތިކޮށްލަންވީ، މި އަރަބި ވެރިންގެ ނުލަފާ ބައެއް. ޓްރަމްްޕަށް ފައިސާދެނީ އެމީހުން އެފައިސާއިން ޢައްޒާ ސުންނާފަތިކުރަނީ. އަސްލު އަރަބިން ވެރިކަން ގެއްލިދާނެތީ، އެމެރިކާގެ ހިމާޔަތް ހޯދަނީ. ވާގޮތް ބަލަން ތިބެމާ.