ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނިއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާ އެއްކޮށް ހުސްކޮށް އެ ބޮޑު ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށާފައި.
މާފަންނު ސަހަރާގެ ބިން ހުސްކުރުމުގެ ކުރިން އެތަނުގައި ހުރި މަހާނަތަކެއް: ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ވަނީ ފަތުވާ ނެރެފި-- ފޮޓޯ: މިހާރު
10 ޖުލައި 2025 - 11:20
ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މީގެ 8 އަހަރު ކުރިން ނެރުނު ފަތުވާ ބަދަލުކޮށް، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ ނެރެފި އެވެ.
ފަތުވާ މަޖިލީހުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފާސްކުރި "މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް" މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
ގުރުއާނުގެ ބައެއް އާޔަތްތަކާ ހަވާލާދީ އެ ފަތުވާގައި ބުނެފައި ވަނީ، އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އެ މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ރަސޫލާ (ސއވ)ގެ ހަދީސްތަކުން އެނގޭ ކަމަށެވެ.
ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ބުންޏެވެ.
މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ: ފަތުވާ
"މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ އެވެ،" އެ ފަތުވާގެ ނިންމުމުގައި ބުންޏެވެ.
ފަތުވާ މަޖިލީހުން ނެރުނު މި އާ ފަތުވާގައި އެގޮތަށް ބުންޏަސް، 2017 ވަނަ އަހަރު ނެރުނު "ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރަސްތާނުތަކުގެ ބިން، އާންމު މަސްލަހަތު ހުރި ކަންކަމުގައި ބޭނުންކުރުން" ފަތުވާގައި މި މައްސަލައާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ވާހަކަތައް ތަފާތެވެ.
ކުރީގެ ފަތުވާގައި ބުނީ އިސްލާމީ ބޮޑެތި ގައުމުތަކުގައި ޒަރޫރީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި އެފަދަ ގަބުރުސްތާންތަކުގެ ބިން ބޭނުންކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތް އެޅުމާއި މަދުރަސާ ބިނާކުރުމާއި ހޮސްޕިޓަލް އެޅުމާއި މަގެއް ހެދުމާއި ފާލަމެއް އެޅުން ކަހަލަ ކަންކަން ހިމެނޭ ކަމަށް އެ ފަތުވާގައި ބުންޏެވެ.
އެއީ، ސައުދީ އަރަބިއްޔާ އާއި މިސްރާއި ޔޫއޭއީ އަދި ޖޯޑަން ކަހަލަ ގައުމުތަކުގައި އަމަލުކުރާ ގޮތެވެ.
އެހެންވެ، އޭރު އިސްލާމީ ފަތުވާ މަޖިލީހުގެ މެމްބަރުން އިއްތިފާގުވީ، މާލެ އާއި ރަށްރަށުގައި ހުރ،ި ދުވަސްވެ، އިންދިރާސްވެފައިވާ ގަބުރުސްތާނުތައް އިހުތިރާމާއެކު ކޮނެ، އިހުތިރާމާއެކު އެ ތަންތަނުން ފެންނަ މިނިކަށިތައް އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށް ފަހު އެ ގަބުރުސްތާންތަކުގެ ބިން އާންމު މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުންކުރެވިދާނެ ކަމަށެެވެ.
ފަތުވާ މަޖިލީހުގެ އެ ފަތުވާ ބަދަލުކޮށް ބުނީ، ދެން އަމަލުކުރަން ވާނީ އެ މަޖިލީހުން ފަހުން ނެރުނު ފަތުވާއަށް ކަމަށެވެ.
ގަބުރުސްތާނުގައި ޕާކު ހެދުން ހުއްދަ ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނިއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ މާފަންނު ސަހަރާ ކޮނެ ގަބުރުތައް ހުސްކޮށް އެ ބޮޑު ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. "މާފަންނު މައިޒާން"ގެ ނަން ދީފައިވާ އެ ޕާކު ނިމޭއިރު އެތަނުގައި ޕާކިން ޖާގަ އާއި 3 އޮން 3 ބާސްކެޓް ކޯޓެއް ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އެ ޕާކު ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސަހަރާ ކޮނެ މިނިކަށިތައް ނެގުމުން، އާއްމުންގެ ގިނަ ފާޑުކިއުންތައް ވެސް ސިޓީ ކައުންސިލަށް އަމާޒުވި އެވެ.
އެ ސަހަރާ ހުސްކުރާނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރުމާ އެކު ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އެއީ އެ ސަހަރާގައި ނޮވެމްބަރު 3، 1988 ގެ ޓެރަރިސްޓް ހަމަލާގައި ޝަހީދުވި އާންމުންގެ ބައެއް މީހުންގެ މަހާނަތައް އެ ތަނުގައި ހުރުމުންނެވެ.
ހެންވޭރު ސަހަރާއިން ވެސް ބައެއް ހުސްކޮށް ވަނީ ޕާކިން ޒޯނެއް ހަދައިފަ އެވެ. އަދި ގަލޮޅު ސަހަރާއިން ވެސް ބައެއް ނަގައި، އިށީނދެގެން ތިބެވޭނެ ސަރަހައްދަކާއެކު ޕާކިން ޒޯނެއް ހަދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
11 July 2025
އެތައްބައެއްގެ ގާތް ތިމާގެ މީހުންނާއި ކާބަފައިންގެ މަހާނަ ތަކާއި ކަށިތައް ނަގާ އުކާލލުމުގެ ފަތުވާ ދީފަ މިހާރު ބަދަލުކުރީ ދޯ؟ ކުރިން ނުފެނި އޮތް އާޔަތެއް ... ފެނުނީތަ؟
ހާޖާނުހުއްތު
10 July 2025
މީ މިގައުމުގެ ސޭޚުންގެ ހާލު، ކުރިންބުނިއެތި ކެންސަލްވީޔޯ!.... ދެން އަހަރެމެންކަހަލަ މަރުމޯލުން އެއްޗެއް އަހާލަންވެސް ވަކިދާނީކޮންތާކަށް. މިއަދު ބުނާއެތި މާދަމާ ކެންސަލްވެސް ވެދާނެ.
އެހެންމިހެން
10 July 2025
ހުއްދައޭބުނީމާ އެއިރުއެހެންހެދީ. ހުއްދަނޫނޭބުނީމާ އެހެންނަހަދާ ކުރިންހުރިގޮތަށްހަދާ
ބޮނބިފާލު ބަލާމީހާ
10 July 2025
ފަތުވާ ބަދަލުވިޔަސް އިޔާދަނުކުރެވޭ ކަންކަމާއިމެދު ރައުޔެއްނެރުނުނަމަ ހާދަރަނގަޅޭ. އޭރުވެސް ޢިލްވެރިން މިހާރުވެސް ޢިލްމުވެރިން. އަހަރެމެންކަހަލަ ތަނެއްދޮރެއް ނޭނގޭމީހުން ހަދާނެގޮތެއްނެތް.
ރާވެރިބެ
10 July 2025
ލަފާފުޅާ އިރުޝާދުގެ ދަށުން ހިންގާ ތަރައްގީގެ ޕްރޮޖެކްޓް ތަކަށް ފަތުވާ މަޖިލިސް އިން ހުރަސް އަޅާނަމަ އެމައްސަލަ ރައްޔިތުންގެ މަޖިލިސް އިން ބަލައި ފަތުވާ މަޖިލިސް ބަދަލު ކުރަން ޖެހިދާނެ. ދެން ހޮވާ ފަތުވާ މަޖިލިސް އެއްގެ ރައީސަކަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް ހުންނަވަން ވެސް ޕީއެންސީ އިން ނިންމަފާނެ.
ށަވިޔަނި
10 July 2025
ދުނިޔެވީ ހަޔާތަކީ ވަރަށް ކުރު އެއްޗެއް. ނަމަވެސް މަރުވުމަށް ބަރުޒަޚުގެ ޢާލަމަކީ ދާއީ ތަން. ވީމާ ކަށްވަޅުގައި އެތައް ހާސް އަހަރެއް ވާނެ. ޥިމާ އެތަނުގައި އޮތަނުދިނުމަކީ އެހެން މީހުންނަށް އޮތް ހައްގެއް ނޫން
އޮނަރަބްލް ބަކުރުބޭ ގެ ކެޔޮގަނޑު
10 July 2025
މާފަންނުގަބުރުސްތާނުގައި ހުރި ގަބުރުތަކާއި މަހާނަގާތައް ނަގާ ބައިލާ މުބާރާތް ބާއްވަން ނިންމި އިރު ފަތުވާއެއްނެތް ، ކޮނެނަގާ ސާފުކޮށް މަހާނަގާތައް ތަޅާ ކަށިތައް އުކާފައި ހުރި ފޮޓޯތައް އާންމުވެ ގަރާޖް ސިޓީ ޕާކިންޒޯނުން ލިބި ގެރި މަރުވެ ރައްޔިތުން ރަތައް އެރީމައި ހުއްދަނޫން ކަމަށް ފަތުވާ މިވަނީ ނެރިފަ ،
ބޮޑުރިޔާ
10 July 2025
މަހާނަތައްނަގައި އޯގާތެރިކަމާއެކު އެހެންތަނަކަށް ބަދަލުކޮށް އެތަން އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަކީ ހުއްދަވެގެންވާ ކަމަކަށް މިހާރަކު ނުވި ދެއްތޯ ފެން މަތިމައްޗައް ވެލިއަޅަ އެއްމަހާނާމަތީގައި އަނެއް މަހާނަހެދުން އޯކޭ ވާނެތޯ
ކަނބިލި
10 July 2025
ފަތުވާއަކީ ސިޔާސީ އެއްޗެއްނޫން. ސިޔާސީ ނުކުރޭ. ޕާކު ހެދީމާ ސަރުކާރަށް ކުރެޑިޓް ނުލިބުނަސް ރައްޔިތުންނަށް ފައިދާވާނެ. ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ރައްޔިތުންނަށް ލިބެން އޮތް ކުރިއެރުމަށް ހުރަސްނާޅާ. ތިޔަ ހަދަނީ ގޯހެއް
އުޅުނުނަމަ
10 July 2025
މާލޭގެ ސަހަރާތަކަކީ އާސާރީ ތަންތަނުގެ ގޮތުގައި ހިމާޔަތްކުރެވުނީސް އެކަމާ އުޅުނުނަމަ. ދީނީ ކަމަކަށް އެކަނި ނުހަދާ މައްސަލަ ހައްލުވީސް. މާލޭގެ އެކި ދިމާލުގަ ސަހަރާތައް ފެންނަން ހުރުމަކީ މުހިއްމުކަމެއް. ދިރިތިބީންނަށް ސަހަރާ ފެނި މަރު ހަނދާންވުމަކީ މުހިއްމުކަމެއް. މަރުވާނެކަމާ އާޚިރަތެއް އޮތްކަމާ ތިމާގެ އަމަލުތަކަށް ޖަވާބުދާރީވާންޖެހޭނެކަން އިހްސާސް ނުކުރެވޭތީ ކޮރަޕްޝަނާ މަކަރާ އޮޅުވާލުމާ ދޮގުހެދުމާ ގައުމުގަ ގިނަވެ ހުރިހާ ކަމެއް ގޯހުން ދަނީ.