މާފަންނު ސަހަރާގައި ހަދާ "މާފަންނު މައިޒާން"ގެ ކުރެހުން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
21 މެއި 2025 - 21:01
މާފަންނު ސަހަރާ ހުސް ކުރުމަށްފަހު އެތަނުގައި ހަދާ ޕާކަށް "މާފަންނު މައިޒާން"ގެ ނަން މާލޭ ސިޓީ ކައުންސިލުން މިއަދު ދީފި އެވެ.
ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ބުނީ އެ ނަން ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ކައުންސިލްގެ އާންމު ޖަލްސާގައި ކަމަށެވެ.
"މާފަންނު މައިޒާން" ނިމޭއިރު ޕާކިން ޖާގައިގެ އިތުރުން، އެތަނުގެ ހުޅަނގު ދެކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯނުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ގާއިމް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށް ބަސް ސްޓޮޕަކާއި 295 ސައިކަލު ޕާކް ކުރެވޭނެ ޖާގަ ވެސް އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވުމަށް ހާއްސަކުރާ ގްރީން އޭރިއާއެއްގެ އިތުރުން ކަސްރަތު ކުރުމަށް 496 އަކަފޫޓުގެ ސަރަހައްދެއް ވެސް އެތަނުގައި ގާއިމްކުރާނެ ކަމަށެވެ.
މާފަންނު ސަހަރާ ހުރި ބިމަކީ 36،153 އަކަފޫޓުގެ ބިމެކެވެ.
ސިޓީ ކައުންސިލުން ބުނީ އެ މައިޒާނުގައި ގަސް އިންދައި ފެހިކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ މައިޒާނުގައި އިންދާނީ ބޮޑަށް ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކާއި މޭވާ އާއި ތަރުކާރީ ގަސްތައް ކަމަށް ބުންޏެވެ.
އެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
"މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން، މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި މައިޒާން ތަރައްގީކުރާ ސަރަހައްދުގައި، ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ،" ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، އެ މައިޒާން ހިމެނޭ ސަރަހައްދު 24 ގަޑިއިރު ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާނެ އެވެ. އަދި އެ ސަރަހައްދުގައި ފެންހިދުމުގެ ރަނގަޅު ނިޒާމެއް ވެސް ގާއިމް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
22 May 2025
ޕާކިން އަށް އުސް އުސް ކޮންކްރީޓް އިމާރާތް ހަދާނެ ކަމެއް ނެތް. ކޮންމެ ބިލްޑިންއެއް ހަދާއިރު މަދުވެގެން އެއް ބުރި ނުވަތަ ބޭސްމަންޓް ޕާކިން އަށް ޙާއްސަކުރަން ގަވާއިދު ހަދަންވީ. ހުސްޖާގަ އިތުރުކޮށް މާލޭގަ މީހުންނަށް ނޭވާ ލެވޭވަރު ކުރަން އެބަޖެހޭ. ދެން ދުއްވާ ސައިކުތަކާ ކާރުތަށް މަދުކުރަން ގަވާއިދު ހަދަންވީ. މާލޭގަ ހިގާފަ ނުވަތަ ބައިސްކަލުގަ އުޅެވޭނެ.ސިއްހަތަށް ވެސް ރަގަޅުވާނެ.
ޑރ ވާންޗޯ
22 May 2025
ތީވެސް ކޮންމެސް ގޭންގް ގްރޫޕްއަކަށް ހިބަކޮށްދޭން ހަދާތަނެއްތޯ؟
މުޙައްމަދު123
22 May 2025
މަރުވުމަށްފަހުގައި ވެސް މުސްލިމެއްގެ ޙުރުމަތްތެރިކަން އެއީ ދިރިހުރި އިރެކޭ އެއްފަދައިން ރައްކާތެރިކުރަން ޖެހޭ އެއްޗެއް. މުސްލިމުންގެ ގަބުރުތައް ކޮނެގެން ނަގައި އެތަނުގައި ކުޅިވަރުކުޅެ މީހުންގެ މުޅަމަސްކާން ފިނި މައިޒާންތައް ނުހެދޭނެ. ނެގުން ހުއްދަކުރައްވާ ބޭފުޅުންވެސް ވިދާޅުވަނީ ވަރަށް މުހިންމު ޒަރޫރީ ބޭނުމަކަށްޓަކައި އިޙުތިރާމާއެކު އެކަން ކުރެވިދާނެ ކަމަށް.
ފަހީމާ
22 May 2025
ޕާކުތަ ނެހެދިގެން ތިއުޅެނީ. ޕާކުކުރާނެ ޖާގައޭ ނެތިގެން މިއުޅެނީ. ބުރިބުރިއައް ނަގާފަ މިޒަމަނުގަ މަތީގަވެސް ގަސް ހެއްދިދާނެ.
ސަލްމަނު
22 May 2025
ކަމަކުނުދޭ މަލްޓި ސްޓޯރީ ޕާކިންގ ބޭނުންވަނީ. ނޭފަތު ކުރިއައް ވިސްނުން ތިހިރީ
ބަޑިތަކުރު
22 May 2025
ޕާކުކުރާނެ ތަންތަން ނެތިގެންއުޅޭއިރު ތިޔަތަން އަޑިޔަށް ބަޔަކާއި މައްޗަށް ބަޔަކާއެކު 3 ބުރިހިމެނޭހެން ޕާކުރާތަނެއް ހެދިނަމަ ތިވަރުގެ ބޮޑުބިމެއްގެ މާ ފައިދާހުރި ގޮތެއްގައި ބޭނުންކުރެވުނީސް ކަންނޭނގެއެވެ.
މާލޭގެ ރައްޔިތެއް
22 May 2025
ތޮއްޖެހިފައިވާ މާލެއަށް ޜަނގަޅުކަމެއް މީ! އުންމީދުކުރަން މައްޗަންގޯޅި ސަހަރާވެސް ޕާރކަކަށް ހަދާނެ ކަމަށް. މި އޭރިޔާގަ ކުޑަކުދިން ކުޅެލަން ބޭރަށް ނިކުމެލަން ތަނެއް ނޯވޭ!
ށސ11
22 May 2025
ވަޅުލިތާ 40 ޢަހަރު ނުވާ ގަބުރުތައް އެކްކެވޭޓަރުންނަގާ ކަށިތައް އެއްކޮށް އުކާލާފަ ސަހަރާ މިހަދަނީ ޕާކިންނާ ކުޅިވަރުކުޅެން. ކިހާދެރަކަމެއް
ކޮލަމާހުއްޓާ
22 May 2025
ތިތަން ހުސްކުރީ ޕަރކިން ބިލްޑިންގ އަޅަން. ޕްލޭން މިހާރު ބަދަލުވީތޯ؟
ވެންގަބޯ
22 May 2025
ތިޔަ ތަނަށް ތިނަމެއް ނުކިޔޭނެ އިނގޭ ތިތަނަށް ކިޔޭނީ ގަބުރުސްތާނު މައިޒާން.!!! ކިތައްމީހުންގެ ކައްވަޅު ކޮނެގެން ތިނެގީ.؟ މޭޔަރަށް ބުނެލަން ބޭނުން ކަލޭގެ އާއިލާގެ މީހެއްގެ ކައްވަޅު ކޮނެފަ ނަގާފައި ޕާކެއް ހަނދާނަންތޯ.؟ ސަހަރާތައް ހުސްނުކޮށް ޕާކިންނާ ބާސްކެ ކުޅޭ ތަންތަން ހަދަން ނޭގެންޏާ އިސްތިއުފާ ދެއްވާ.! ސަހަރާތައް ހުސްނުކޮއް ޕާކިންނާ ކުޅޭތަންތަން ހެދޭވަރުގެ މީހުން އެބަތިބި ސިކުނޑީގައި އެއްކަމެއް ނެތީމަ ވާނީ މިހެން މޭޔަރު އިސްތިއުފާ އިސްތިއުފާ