އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާއާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
10 ޖުލައި 2025 - 23:47
ފަލަސްތީނުގެ ބިންތަކާ ގުޅޭ އދ.ގެ ހާއްސަ މާހިރު ފްރަންސެސްކާ އަލްބަނީޒް، އެމެރިކާއިން ޣައްޒާގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެކަން އިއުލާނުކުރައްވައިފި އެވެ.
"އަޅުގަނޑު މިއަދު މި ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ ފްރަންސެސްކާ އަލްބަނީޒްއާ ދެކޮޅަށް. އެއީ އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުންނާއި ކުންފުނިތަކާއި ކުންފުނިތަކުގެ ވެރިންނާ ދެކޮޅަށް [އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް މެދުވެރިކޮށް] ފިޔަވަޅު އަޅަން ޣައިރު ގާނޫނީ މަސައްކަތެއް ކުރާތީ،" ރުބިއޯ ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.
އޭގެ ފަހުން ނެރުއްވި ބަޔާނެއްގައި ރުބިއޯ ވަނީ އަލްބަނީޒް އެމެރިކާ ކުށްވެރިކޮށް އަބަދު ވާހަކަ ދައްކަވާތީ އެކަން ކުށްވެރިކޮށް އަދި އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރުނީ އަލްބަނީޒްގެ ލަފަޔާ ވެސް އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އަލްބަނީޒް އަކީ ޔަހޫދީންނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަމުން ރުބިއޯ ވިދާޅުވީ އެމެރިކާގެ އެކި ކުންފުނިތަކަށް "އިންޒާރުގެ ސިޓީތައް" ރުބިއޯ ފޮނުއްވަމުން ގެންދަވާ ކަމަށެވެ. ރޫބިއޯ ވަނީ "ހަގީގަތެއް ނެތް ތުހުމަތުތަކެއްގެ" މައްޗަށް ބިނާކޮށް އައިސީސީން އެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންނަށް ދައުވާ ކުރަން ބާރުއަޅަމުންދާ ކަމަށް ވެސް ރުބިއޯ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި އިސްތިގުލާލަށް ނުރައްކާވާ ސިޔާސީ އަދި އިގްތިސާދީ ހަނގުރާމައިގެ މި ކެމްޕޭންތައް އަޅުގަނޑުމެން ބަލައެއް ނުގަންނާނަން،" ރޫބިއޯ ވިދާޅުވި އެވެ.
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން އަލްބާނީޒް އައްޔަންކޮށްފައި ހުރި ނަމަވެސް އެއީ އދ. ތަމްސީލު ކުރައްވާ ބޭފުޅެއް ނޫނެވެ.
އިޓަލީއަށް އުފަން ބޭފުޅެއް ކަމަށްވާ އަލްބަނީޒް މި މަހުގެ ކުރީކޮޅު ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން މަންފާވާ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން ވިޔަފާރީގެ ގޮތުން ފައިދާވާ ކުންފުނިތަކުގެ ލިސްޓެއް އާންމުކުރައްވައިފަ އެވެ.
މި ރިޕޯޓާ ގުޅިގެން އިޒްރޭލުން ނުރުހުން ފާޅުކޮށްފައި ވާއިރު އެ ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތަކުން ވެސް ޝަކުވާ ކޮށްފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޣައްޒާގެ މައްސަލައިގައި ގެންގުޅުއްވާ ސިޔާސަތަށް އަލްބަނީޒް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. ޣައްޒާއިން މީހުން ބާލައި އެހެން ގައުމުތަކަށް ބަދަލުކުރުމާ ބެހޭ ގޮތުން މި އަހަރުގެ ކުރީކޮޅު ޓްރަމްޕު ދެއްކެވި ވާހަކަތަކަށް އޭނާ ވަނީ ވަރަށް ހަރުކަށިކަމާ އެކު ދެކޮޅު ހައްދަވައި ރައްދު ދެއްވައިފަ އެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އަލްބަނީޒް ވަނީ ވިދާޅުވެފަ އެވެ. އދ. އިން ވެސް ވަނީ އެމެރިކާގެ ނިންމުމަކީ ވަރަށް ނުރައްކާ ފެށުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާކް
12 July 2025
މިއީ ހިއުމަން ރައިޓްސް ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންގެ ހާލަކީ. ތިމާގެ އަމިއްލަ މަންފާއަށް ކޮންމެ ކަމެއް ކުރަންވެސް އެންމެ ރަނގަޅު. އެކަމަކު މީގެ އަހަރުތަކެއްކުރިން ޗައިނާއަށް ދަތިރުކުރުމުގެ ފިޔަވަޅު އެޅީ އިންސާނީ ހައްގުތައް ހިމާޔަތް ނުކުރާތީޔޯލަ. ކިހާބޮޑު ޖޯކެއްތަ މިއީ
އިސްލާހު
12 July 2025
ޙަޤީޤީ ޓެރަރިސްޓުންނަކީ އެމެރިކާއާއި އިޒްރޭލާއި އަދި އެގައުމުތަކަށް ވާގިވެރިވާ ގައުމުތައްކަން ދެނެތިބެމެ އަދި މުސްލިމުން ، ތިމާމެން ނިސްބަތްވާ ދީން ކަމުގައިވާ އިސްލާމް ދީނުގައި ހިފައިގެން ތިބި ވަކިބަޔަކީ ޓެރަރިސްޓުން ކަމަށް ހެދުމަކީ ވަރަށް ދެރަވަރު ކަމެކެވެ. އެެއީ "ހުޅަނގުން" އަހަރެމެންނަށް ޓެރަރިސްޓުން ދަސްކޮއްދީ ސިކުނޑި ދޮވެލުމުން ނުކުންނަ ނަތީޖާއެވެ.
އައިނާ
11 July 2025
ހަގީގީ މުސްލިމް ގައުމުތައް ނެތުން މައްސަލައަކީ....
ހޮޓްކިންގ
11 July 2025
އެމެރިކާގެ ބައިވެރިވުމާއެކު އިޒްރޭލުން ހިންގާ ޖަރީމާއާއި ދެކޮޅަށް އެއްޗެއްބުނާ ކޮންމެ ބަޔަކު ގޯސް. އެމެރިކާއަކީ މުޅިދުނިޔޭގެ ހަމަޖެހުމާ އިންސާފަށް އޮތް ނުރައްކަލެއް.
ޢަބުދާ
11 July 2025
އދ ގެ މަންދޫބުންނަށް ދަތިކުތުމުރުމުގެ ފިޔަވަޅުއަޅާ ގައުމުތަކަށް އދ އިން ޖެހޭ ދަތަިކުރަން.
މަބުނީ
11 July 2025
ކަމަނާ ހާސްނުވޭ.. އިންޝާ ﷲ، ކަމަނާ އަށް ހެޔޮޖަޒާ ދެއްވާށި.
ވެންގަބޯ
11 July 2025
މީކިހާ ބޮޑުވެއްޖެ ކަމެއް ހުރިހާ މުސްލިމުންނާ އަޅާގަނެގެން ނެއްޓެން ނޭނގިގެން އެމެރިކާއިން ތިއުޅެނީ ކީއްވެތަ އަހަރެން ހަރުކަށި އިބާރާތުން މުސްލިމް ގައުމުތަކަށް މިގޮވާލަނީ މިހާރުން މިހާރަށް ހުރިހާ އެމެރިކާގެ އެމްބަސީތައް ބަންދުކޮށް ސަފީރުން ތައް ވަގުތުން ފޮނުވާލުމަށް ގޮވާލަން އަދި މުސްލިމް ގައުމުތަކުގާ އެމެރިކާގެ އެމްބަސީތައް ހުރުމާ ދެކޮޅަށް ސުލްހަ ވެރިކަމާއެކު ބޮޑެތި އެއްވުންތައް ބާއްވާ ސަރުކާރުތަކަށް ޕުރެސާކުރަންވީ މީރައްޔިތުން ކުރެވޭނޭކަމެއް
ބސބސ
11 July 2025
އަޅަނީ ނޫން. އަޅައިފިތާ މިހަރު 48 ގަޑިއިރު ވެގެންދަނީ.... މިހާރު ހަމަ އެކަނި ފަލަސްތީނުގެ ދިފާއުގައި ބަސްބުނާ ބޭފުޅާ. ރިޕޯޓު ނެރުނީމަ އެކަން ހަޖަމު ނުވީ އެމެރިކާޔަށް. މީ ހައްގުތަކުގެ ވާހަކަ ދައްކަން ގޮވާލާ އެމެރިކާގެ ކަންހުރިގޮތް