11 ޖުލައި 2025 - 16:00
ލަންޑަން (ޖުލައި 11) - ޗެލްސީގެ އިނގިރޭސި ފޯވާޑް ނޮނީ މަޑުއެކޭ، 50 މިލިއަން ޕައުންޑް (68 މިލިއަން ޑޮލަރު) އަށް ވާދަވެރި އާސެނަލް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން އެއްބަސްވެފައިވާ މަޑުއެކޭ ހޯދަން 50 މިލިއަން ޕައުންޑްގެ އިތުރުން ބޯނަސްގެ ގޮތުގައި ދެ މިލިއަން ޕައުންޑް ވެސް ޗެލްސީއަށް ހުށަހަޅައިފައި ވާކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.
އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ އަކީ މިވަގުތު، ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް ތައްޔާރުވަމުން އަންނަ ޗެލްސީގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި އޭނާ ކުޅުނެވެ.
މަޑުއެކޭ ޗެލްސީ ދޫކޮށްލަން ނިންމީ އިޕްސްވިޗް ޓައުން އަށް ކުޅުނު އިނގިރޭސި ފޯވާޑް ލިއަމް ޑިލެޕް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގާ ޖެމީ ގިޓެންސް އަދި ބްރައިޓަން އަށް ކުޅުނު ބްރެޒިލްގެ ސްޓްރައިކަރު ޔާއޯ ޕެޑްރޯގެ އިތުރުން ބްރެޒިލްގެ 18 އަހަރުގެ ފޯވާޑް އެސްޓެވާއޯ ވިލިއަން ވެސް ޗެލްސީއާ ގުޅުމުންނެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީއަށް ބަދަލުވި މަޑުއެކޭ ވަނީ މިހާތަނަށް އެ ކްލަބަށް 92 މެޗު ކުޅެދީ 20 ގޯލު ޖަހައިފަ އެވެ. ނެދަލެންޑްސް އަށް ބަދަލު ވުމުގެ ކުރިން މަޑުއެކޭ ވަނީ ލަންޑަނުގެ ވާދަވެރި ޓޮޓެންހަމްގެ އެކަޑަމީގައި ތަމްރީންވެފަ އެވެ.
ލަންޑަނުގެ ވާދަވެރިކަމާ އެކު ވެސް ފަހުގެ ތާރީހެއްގައި ޗެލްސީގެ ގިނަ ކުޅުޅުންތެރިންތަކެއް ވަނީ އާސެނަލް އަށް ބަދަލުވެފަ އެވެ. އެގޮތުން މި ޓްރާންސްފާ ބާޒާރުގައި ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވެސް ވަނީ އާސެނަލް އަށް ސޮއި ކޮށްފަ އެވެ.
މީގެ އިތުރުން އެންމެ ފަހުން ޗެލްސީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ޖަރުމަން ފޯވާޑް ކައި ކަވާޓްޒް ވެސް މިހާރު ކުޅެމުން އަންނަނީ އާސެނަލް އަށެވެ. އަދި އެ ސްކޮޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ މިދިޔަ ސީޒަނަަށް ފަހު އާސެނަލް ދޫކޮށް ބްރެޒިލްގެ ފްލަމެންގޯ އާއެކު ކްލަބް ވޯލްޑް ކަޕްގައި ކުޅެފަ އެވެ.
އޭގެ ކުރިން ކުޅުނު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ވިންގާ ވިލިއަން ބޯޖެސް އާއި ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒްގެ އިތުރުން، ގޯލްކީޕަރު ޕީޓާ ޗެކް ފާހަގަ ކޮށްލެވެ އެވެ. ޗެކް ރިޓަޔާ ކުރީ ވެސް އާސެނަލްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy