13 ޖުލައި 2025 - 07:15
ލަންޑަން (ޖުލައި 12) - އޯނާޝިޕް މައްސަލައިގައި އެންމެ ފަހުގެ އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަން ކްރިސްޓަލް ޔޫއެފާ ޕެލަސް ޔޫރޮޕާ ލީގުން ބޭރު ކުރުމުން، ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފް ކުޅެން ޖެހިއްޖެ އެވެ.
މިއާ ގުޅިގެން، ކުރިން ކޮންފަރެންސް ލީގު ޕްލޭއޮފް ކުޅެން އޮތް އިނގިރޭސި ލީގުގެ ހަތްވަނައިގައި ނިންމި ނޮޓިންހަމް ފޮރެސްޓަށް ވަނީ ޔޫރޮޕާ ލީގުގެ ލީގު ބުރުން ފުރުސަތު ލިބިފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކްލަބަކަށް ޔޫރޮޕާ ލީގުގެ ޖާގައެއް ކަނޑައަޅާފައި ވެ އެވެ. ލީގުގެ ގަދަ ފަސް ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފައި ވާއިރު، ހަވަނައިގައި ނިންމި އެސްޓަން ވިލާ ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.
ޕެލަސްގެ މެޖޯރިޓީ ހިއްސާދާރަކީ އެމެރިކާގެ ވިޔަފާރިވެރިޔާ ޖޯން ޓެކްސްޓާ އެވެ. އަދި ފްރާންސްގެ ލިޔޯންގެ މެޖޯރިޓީ ހިއްސާދާރަކީ ވެސް އޭނާ އެވެ. ލިޔޯން ވަނީ ލީގުގެ ހަވަނައިގައި ނިންމައި ޔޫރޮޕާ ލީގުން ފުރުސަތު ހޯދައިފަ އެވެ. ލީގުގެ 12 ވަނައިގައި ނިންމި ޕެލަސް ޔޫރޮޕާގެ ޖާގަ ހޯދާފައި ވަނީ އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.
ޔޫއެފާ އިން ބުނެފައި ވަނީ، ކޯޓް އޮފް އާބިޓްރޭޝަން (ކާސް) ގައި ކްރިސްޓަލް ޕެލަސް އަށް މި މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޕެލަސް ވެސް އަންނަނީ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޔޫއެފާގެ ގަވައިދުގައިވާ ގޮތުން އެއް ފަރާތަކުން އެއް ކްލަބަށް ވުރެ ގިނަ ކްލަބްތަކުގެ ހިއްސާ ވަކި ވަރަކަށް އޮންނަ ނަމަ ޔޫއެފާގެ އެއް މުބާރާތެއްގައި ވާދަ ނުކުރެވޭނެ އެވެ. މަލްޓި ކްލަބް އޯނާޝިޕް ރީސްޓްރަކްޗާ ކުރި ކަމުގެ ލިޔެކިޔުން މާޗު 1 ގެ ނިޔަލަށް ހުށަހަޅަން ވެސް ޔޫއެފާ ވަނީ ކްލަބްތަކަށް އަންގައިފަ އެވެ.
ޓެކްސްޓާ ވަނީ މީގެ ތިން ހަފުތާ ކުރިން ކްރިސްޓަލް ޕެލަސްގެ 43 ޕަސެންޓް ހިއްސާ، 190 މިލިއަން ޕައުންޑަށް (254 މިލިއަން ޑޮލަރަށް) ނިއުޔޯކް ޖެޓްސްގެ އޯނަރު ވުޑީ ޖޯންސަން އަށް ވިއްކާލައިފަ އެވެ. ނަމަވެސް ޕްރިމިއާ ލީގުން މި ޑީލް އަދި ރިވިއު ކޮށްފައެއް ނުވާ އިރު، ޔޫއެފާއިން ދިން މުއްދަތުގައި ޕެލަސް އަށް އެކަން ފުރިހަމައެއް ނުކުރެވުނެވެ.
ލިޔޯން ވަނީ މިދިޔަ ހަފުތާގައި، އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރަން ފްރާންސް ފުޓްބޯޅައިގެ ކްލަބްތަކުގެ މާލީ ކަންކަން ބަލަހައްޓާ ގައުމީ ކޮމިޓީން ނިންމި ނިންމުމުގެ އިސްތިއުފާނު ކާމިޔާބު ކޮށްފަ އެވެ. މި މައްސަލަ ލިޔޯން އަށް ކާމިޔާބު ނުވި ނަމަ އެ ޓީމަށް ޔޫރޮޕާ ލީގުގެ ޖާގަ ގެއްލި، ޕެލަސް އަށް ކުރިއެކޭ އެއްގޮތަށް ޔޫރޮޕާ ލީގު ކުޅެވުނީހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy