އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން: އިޒްރޭލުގެ ހަމަލާއެއްގައި އޭނާ ޒަހަމްވި ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
14 ޖުލައި 2025 - 06:08
މިދިޔަ މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ތެރެއިން ހަމަލާއެއްގައި އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޒަހަމްވި ކަމަށް އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި އެވެ.
އީރާންގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ފާސް ނިއުސް އެޖެންސީން ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ސިއްރު ބިންގަރާހެއްގައި ރައީސް ޕެޒެޝްކިއަން، ގައުމީ ސަލާމަތާބެހޭ އެންމެ މަތީ މަޖިލީހުގެ އިމަޖެންސީ ބައްދަލުވުމެއް ކުރިއަށްގެންދަވަނިކޮށް ހަމަލާދިން ކަމަށެވެ.
އެ ނިއުސް އެޖެންސީން ބުނީ އެ ބިންގަރާހަށް ވަންނަ ދޮރާއި ނުކުންނަ ދޮރާ ދިމާލަށް އިޒްރޭލުން ހަ ބޮން އެޅި ކަމަށެވެ.
މި ހަމަލާތަކުގެ ސަބަބުން ރައީސްގެ ފައިންޕުޅު ކުޑަކޮށް ޒަހަމްވި ކަމަށާއި ބިންގަރާހުން ނުކުމެވަޑައިގަތީ އިމަޖެންސީގައި ބޭނުންކުރާ މަގަމުން ކަމަށް ވެސް ފާސް ނިއުސް އެޖެންސީން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން މިހާރު ގެންދަނީ މިފަދަ ބައްދަލުވުންތަކުގެ މައުލޫމާތު އިޒްރޭލަށް ލިބުނު ގޮތް ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.
ފާސް ނިއުސް އެޖެންސީގެ މި ރިޕޯޓް އެހެން ގޮތަކުން ކަށަވަރެއް ނުވެ އެވެ. މިކަމާ ބެހޭ ގޮތުން އިޒްރޭލުން ވެސް ވާހަކައެއް ނުދައްކަ އެވެ.
އިޒްރޭލާއި އީރާންގެ 12 ދުވަހުގެ ކުރިމަތިލުމުގައި، ހަތަރު ވަނަ ދުވަހު އިޒްރޭލުން ވަނީ އީރާންގެ ވެރިރަށް ތެހެރާންގެ ހުޅަނގު އުތުރު ސަރަހައްދުގެ ފަރުބަދަމަތީގެ ހިސާބަކަށް ބޮން އަޅައިފަ އެވެ. މިހާރު ބުނާ ގޮތުގައި އެއީ އީރާންގެ އެންމެ އިސް ވެރިން އެ ވަގުތު ހިމާޔަތް ހޯއްދަވައި އިމަޖެންސީ ބައްދަލުވުންތައް ބާއްވަމުން ގެންދިޔަ ތަނެވެ.
ފާސް ނިއުސް އެޖެންސީން ބުނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން، އެ ބިންގަރާހަށް ވަންނަ އަދި ނުކުންނަ ހަ މަގާއި ވެންޓިލޭޝަން ސިސްޓަމް ވެސް ބަންދުވި ކަމަށެވެ. ހަމަލާތަކާ އެކު ބިންގަރާހުން ކަރަންޓު ވެސް ކެނޑުނު ކަމަށާއި އެކަމަކު ރައްކާތެރިކަމާ އެކު ރައީސަށް އެތަނުން ނުކުމެވަޑައިގަނެވުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އަމާޒުކޮށް މިދިޔަ މަހުގެ 13 ގައި ދޭން ފެށި ކުއްލި ހަމަލާތަކުގައި ހާހަކަށް ވުރެ ގިނަ މީހުން އީރާނުން މަރުވި އެވެ. އިޒްރޭލަށް އީރާނުން ވެސް ރައްދު ހަމަލާދީ އެތައް ބަޔަކު މަރާލައި ތަންތަނަށް ބޮޑެތި ގެއްލުން ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޝިޔާރުވޭ
14 July 2025
އީރާނައް ދިމާވެފަވާ އެންމެ ބޮޑު މައްސަލައަކީ އެތެރޭގެ ޖާސޫސުންގެ ބަލާވެރިކަން މޮސާދްގެ އޭޖެންޓުން އީރާންގެ ޖެނަރަލުން ތެރޭގަވެސް ތިބެދާނެ