14 ޖުލައި 2025 - 02:22
ނިއު ޖާޒީ (ޖުލައި 14) - ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލައިފި އެވެ.
ޗެލްސީ މި މެޗުގައި ޖެހި ތިން ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ 22 ވަނަ މިނިޓާއި 30 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބު ކޮށްދިން ގޯލުތަކުން ލީޑު ކުރި ޗެލްސީގެ ތިންވަނަ ލަނޑު 43 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. މި ލަނޑު އެސިސްޓް ކޮށްދިނީ ޕާމާ އެވެ. ޕާމާގެ ފުރަތަމަ ލަނޑުގެ ކުރިން ވެސް އޭނާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑީ ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ޑިޒިރޭ ޑޫއޭ އަދި ޖާއޯ ނެވޭސް ބޮލުން ފޮނުވާލި ހަމަލާއެއް ސަންޗޭޒް ހުއްޓުވާފައި ވާއިރު، ދެވަނަ ހާފުގައި ވަނީ ކިވިޗާ ކްވަރަޓްސްކޭލިއާ އާއި ވިޓީނިއާގެ ހަމަލާއެއް ވެސް މަތަ ކޮށްފަ އެވެ. ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ ފަހު ހާފުގައި ކުޅެން އެރި ޗެލްސީގެ ފޯވާޑް ލިއަމް ޑިލެޕްގެ ދެ ހަމަލާއެއް ދިފާއު ކޮށްފަ އެވެ.
ޕީއެސްޖީއަށް މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ޖާއޯ ނެވޭސް، ޗެލްސީގެ މާކް ކުކުރެލާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމުން އޭނާއަށް ވަނީ ރަތް ކާޑެއް ދެއްކުމުންނެވެ.
ފައިނަލް މެޗަކީ ޕީއެސްޖީ ކޮޅަށް މުބާރާތުގައި ގޯލު ވަން ދެވަނަ މެޗެވެ. އެ ޓީމު ފައިނަލަށް އައީ ގުރޫޕް ސްޓޭޖުގައި ބޮޓަފޮގޯ އަތުން 1-0 އިން ބަލިވި މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް ކޮޅަށް ގޯލެއް ވަނަ ނުދީ މޮޅު ވެގެންނެވެ.
ޔޫއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން ޗެލްސީ ކޮޅަށް ތިން މެޗެއްގައި ޖުމްލަ ތިން ގޯލު ވަދެފައިވެ އެވެ. ޗެލްސީ ވެސް ވަނީ ގުރޫޕް ސްޓޭޖުގެ މެޗަކުން ބަލިވެފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެލްސީގެ ސަންޗޭޒް ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ކޯލް ޕާމާ އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެއެވޯޑް ހޯދީ ޑިޒިރޭ ޑޫއޭ އެވެ. އަދި ޓޮޕް ސްކޯރާ އަކީ ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ އެވެ.
ޗެލްސީ ވަނީ މީގެ ކުރިން ވެސް ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. ދެ ފަހަރު ފައިނަލް ކުޅެ، ތަށި އުފުލާލީ 2021 ވަނަ އަހަރެވެ. ނަމަވެސް މިއަހަރު ފީފާ އިން މިވަނީ ފުރަތަމަ ފަހަރަށް މުޅިން އަލަށް 32 ޓީމު ހިމަނައިގެން މުބާރާތުގެ ފޯމެޓް ބަދަލު ކޮށްލައިފަ އެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އައި ކްލަބް ވޯލްޑް ކަޕްގެ ނަން ވަނީ އިންޓަ ކޮންޓިނެންޓަލް ޗެމްޕިއަަންޝިޕަށް ބަދަލު ކޮށްފަ އެވެ. މީގެ ފަހުން ދެން ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއަދީފް
15 July 2025
ޙޫނ މިއީ ބަޔަކު ތައްޓަކަށް ގުނާ ކަހަލަ ތައްޓެއްނޫން މިއަށްވުރެން ކޮމިއުނިޓީ ޝީޑް ގަޑެއްވެސް މިއަށްވުރެ އަހަރެމެން ވިލިއުކުރާންން
އެޑްމުންޑޯ
14 July 2025
މަރްހަބާ ޗެލްސީ ،
ރަދީފްއޮފިޝަލް /
14 July 2025
ރެއާލް ސަޕޯޓަރުންގެ މެސެޖްތަކުން މަރެސްކާގެ ފޯނު ފުރުނު ބާ؟؟ މަރުހަބާ ޗެލްސީ.
މހއމ
14 July 2025
ފުރޭ ވަރަށް ވުރެ ސްޓޯރޭގް ގިނަ ފޯނެއް މަރެސްކާ ގެންގުޅެނީ. ހައްހައްހާ!