14 ޖުލައި 2025 - 10:54
ފުޓްބޯޅަ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އޮންނަ އާއްމު އުސޫލަކީ ޗެމްޕިއަން ޓީމުގެ ކެޕްޓަނާ، ތަށި ހަވާލުކުރެއްވުމަށް ފަހު ޝަރަފްވެރި މެހެމާން އެއްކައިރިއަށް ޖެހިވަޑައިގަތުމެވެ. މަގުސަދަކީ ތަށި އުފުލާލައި، އުފާފާޅުކުރުމަށް ކުޅުންތެރިންނަށް ޖާގަ ދިނުމެވެ. އެކަމަކު ރޭ ޕީއެސްޖީ 3-0 އިން ބަލިކޮށް ޗެލްސީން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު އޮތް ރަސްމިއްޔާތުގައި އެކަން ދިޔައީ ތަފާތުކޮށެވެ. ޝަރަފްވެރި މެހެމާން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުންވެވަޑައިގެންނެވީ ޗެލްސީގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާށެވެ.
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗަށް ފަހު ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއާ ތަށި ހަވާލުކުރެއްވުމަށް ފަހު ޓްރަމްޕް އެތަނުގައި މަޑުކުރެއްވުމުން ޖޭމްސް ވަނީ ދުރަށް ނުދަންތޯ އަހައިފަ އެވެ. ޗެލްސީގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އާއި ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވެސް ޓްރަމްޕް ގާތު ދުރަށް ދިއުމަށް އެދުނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް އެތަނަށް ވަޑައިގެން ޓްރަމްޕް ގާތު އެކަމަށް އެދިވަޑައިގަތެވެ.
އެކަމަކު ޓްރަމްޕް ހަމަ ހިލާ ދުރަށް ވަޑައިނުގެންނެވި އެވެ. ވިދާޅުވީ ތިމަންނާ ކަލޭމެންނާ އެކު އުފާފާޅުކުރުމުގައި ބައިވެރިވާނެ ކަމަށެވެ. އެއަށް ފަހު ޖޭމްސް ތަށި އުފުލާލައި، އެ އުފަލުގައި އެހެން ކުޅުންތެރިން ބައިވެރިވިއިރު ޓްރަމްޕް ވެސް އަތްތިލަބަޑި ޖައްސަވަން ހުންނެވި އެވެ. ފަހުން އިންފަންޓީނޯ ވެސް ޓްރަމްޕް ކައިރި އަށް ވަޑައިގެން އުފަލުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޓްރަމްޕް އަކީ، އެމެރިކާގައި ފުޓްބޯޅަ މަޝްހޫރުކުރަން ފީފާ އިން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ލީޑަރެކެވެ. އިންފަންޓީނޯ އަންނަނީ ޓްރަމްޕްއާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވަވަމުންނެވެ. ޓްރަމްޕް އަކީ އަންނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ބިޑް އެމެރިކާ އިން ކާމިޔާބުކުރުމުގެ ވެސް ބޮޑު ހިއްސާދާރެކެވެ. ވޯލްޑް ކަޕުގެ އިންތިޒާމު ކަންކަން ޓްރަމްޕް އިސްވެ ހުންނަވައި ވިލަރެސް ކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާކީ
15 July 2025
ބަލަގަ ތިޔަ ޗެލްސީ ޓީމަށް ވުރެއް ރ.ޑޯނާލްޑް ފުޓްބޯޅައަށް ވަނީ ހިދުމަތް ކޮށްދެއްވާފަ. ވަރަ އިހްތިރާމް ކުޑަކޮށް ޗެލްސީ ޓީމު ކުޅުންތެރިން ރ.ޑޯނާލްޑް އާއި މުހާތަބް ކުރީ. ފީފާއިން މިކަން ރަންގަޅަށް ބަލާ އެކުޅުންތެރިން އަށް ސަސްޕެންޝަނާ އެކު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން.
ނީލަމް
14 July 2025
ހުރިހާ ތާކު ޢެނބުރެން ބޭނުންވޭ ހުރިހާ ފޮޓޯ އަކަށް އަރަން ބޭނުން. ހުރިހާ ހެޑްލައިން އަކަށް އަރަން ޖެހޭ. މި ހާލަތުގަ ބުނެވިދާނެ މުޅި އޮޑީގަ ހަސަނުގެ ދެފައޭ ވެސް.