ސްވައިދާގައި ބައެއް ހަނގުރާމަވެރިން ހަރަކާތްތެރި ވަނީ
15 ޖުލައި 2025 - 06:01
ސީރިއާގެ ދެކުނުގެ ޕްރޮވިންސް އައް ސްވެއިދާގައި މަޒުހަބީ ހަމަނުޖެހުންތަކުގައި 89 މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ކުރިމަތިލުންތައް ހިނގީ ސުންނީ ބަދަވީންގެ ގަބީލާތަކާއި ދުރޫޒުންގެ ހަނގުރާމަވެރިންނާ ދެމެދު އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަނުޖެހުންތައް ފެންމަތިވީ ބަޑި ހިފައިގެން ހުރި ސުންނީ ބަދަވީންގެ މީހަކު، ދުރޫޒުންގެ ތަރުކާރީ ވިއްކާ މީހަކު ރަހީނު ކުރުމުންނެވެ. އެކަމާ ގުޅިގެން ދުރޫޒުންގެ ހަތިޔާރުގެ އެޅި ގުރޫޕްތަކުން ބަދަލުހިފަން ނުކުތީ އެވެ.
ރަހީނުކުރި މީހާ ފަހުން ދޫކޮށްލި ނަމަވެސް، އިއްޔެ ވެސް ސްވެއިދާގެ ރަށް ބޭރުގައި ހިނގި ހަމަނުޖެހުންތައް ކުރިއަށް ދިޔަ އެވެ. ވެހިކަލްތަކުގައި އަލިފާން ރޯކޮށް، އެ ޕޮރޮވިންސްގެ އަވަށްތަކަށް ހަމަލާދީ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދުރޫޒުންނަކީ ހުޅަނގު އޭޝިއާގެ ބައެއް ގައުމުތަކުގައި ދިރުއުޅޭ މައިނޯރިޓީ ވަކި ދީނެއްގެ ބައެކެވެ. ޝިޔާއީންގެ އިސްމާއީލީން މަޒުހަބާ ވަކިވެގަނެގެން އުފެއްދި މި ދީން ބިނާކުރީ މުސްލިމުންގެ ފިކުރާއި ކްރިސްޓިއަނުންގެ ފިކުރު މަސްހުނިކޮށްގެންނެވެ. މި ދީނަށް އުޅޭ މީހުން އާބާދީ ދެ މިލިއަނަށް އަރައެވެ. ދުރޫޒުން އެންމެ ގިނައީ ސީރިއާ އާއި ލުބްނާން އަދި އިޒްރޭލުގަ އެވެ.
ދުރޫޒުންގެ ހިމާޔަތުގައި ސީރިއާ އަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް މީގެ ކުރިން އިޒްރޭލުން ބުންޏެވެ. އަދި ސްވެއިދާގައި އިޒްރޭލްގެ ޓޭންކްތައް ތައްޔާރަށް ތިބި ކަމަށް ވެސް އިޒްރޭލުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު، ވެރިކަމުން ދުރުކޮށް މިދިޔަ ޑިސެމްބަރު މަހު ސީރިއާގެ ވެރިކަމާ ހަވާލުވި ކުރީގެ ހަނގުރާމަވެރިޔާ އަހްމަދު އަލް ޝަރާގެ ސަރުކާރުން ވަނީ އާންމުންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމަށް އެ ސަރަހައްދުގައި އަސްކަރީ އިތުރު މަރުކަޒުތައް ހަދައި ހަމަނުޖެހުންތައް "އެންމެ އަވަހަކަށް އަދި ވަގުތުން ހުއްޓުވަން" އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވައުދު ވެފަ އެވެ.
އެ ގައުމުގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނީ ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކުރި އަސްކަރީ ހަ އޮފިޝަލަކު ވެސް މަރުވެފައިވާ ކަމަށެވެ.
މި ހަމަނުޖެހުންތަކުގައި ދުރޫޒުންގެ 46 މީހަކު މަރުވި އެވެ. އަދި ސުންނީ ބަދަވީ ހަނގުރާމަވެރިންގެ ތެރެއިން 18 މީހަކު ވެސް މަރުވި އެވެ. އާންމުގެ ހަތަރު މީހެއްގެ އިތުރުން ކޮންބައެއްކަން ދެނެގަނެވިފައިނުވާ އިތުރު ހަތް މީހަކު ވެސް މަރުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދުރޫޒުންގެ ދީނީ ލީޑަރުން ވަނީ ހަމަލާތައް ހުއްޓާލައި ހަމަޖެހުމަށް ގޮވާލާފަ އެވެ. ސްވައިދާގައި ތިބޭ ދުރޫޒުންގެ ދީނީ ތިން ލީޑަރުންގެ ތެރެއިން ހިކްމަތު އަލް ހިޖްރީ ވަނީ ސީރިއާގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ދޫރުޒަށް ވަނުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އޭނާ ގޮވާލެއްވީ ބައިނަލްއަގްވާމީ ސަލާމަތީ ބާރުތަކުން ސްވައިދާ އަށް އަމާންކަން ގެނެސް ދިނުމަށެވެ.
ސްވައިދާގެ އާބާދީގެ މެޖޯރިޓީއަކީ ދޫރުޒުންނެވެ. އޭއެފްޕީން ބުނީ ސްވެއިދާގެ ދެކުނު ސަރަހައްދުން ވަދެ، ސީރިއާގެ ސަރުކާރުގެ އަސްކަރިއްޔާއިން މިހާރު އެ ސިޓީ ކޮންޓްރޯލް ހޯދާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމުގާ
15 July 2025
ސީރިޔާ އިން ބައްޝާރު ބޭރުކުރީ އައިސިސް އެކްސްޓްރީމިސްޓުން ނެވެ. ފަންޑުކުރީ އެމެރިކާ އަދި އިޒުރޭލުންނެވެ. މީ ގޮތްނޭގޭ ގްރޫޕަށް މިރައްޖެއިންވެސް ހޫރުލް އީނުން ލިބޭނެ ކަމަށް ފަތުވާދީގެން ބަޔަކު ވަނީ ގެންގޮސް މަރާލެވިފައެވެ. ގޮތްނޭގޭ މިހަނގުރާމަތައް ނިމިގެން ދިޔައީ އިސްރާއީލަށް ދުނިޔޭގެއޮތް އިސްލާމުންގެ މޫނުކަމުގައިވާ ޝާމްކަރަ ހިބައިން ދީފައެވެ. ޝާމްކަރަ އަކީ ދަ ނިއު އިސްރާއީލެވެ.
މޯޑާ
15 July 2025
ތި ކަމުގެ އެންމެ ކުރީގައި ރާއްޖޭގެ އަންދަލުސް ހުރީ
އިސްމާލި
15 July 2025
މި ވާ ގޮތަކީ އެމެރިކާ އިޒްރޭލު އަޑީގައި ތިބެ، އެމީހުން ކުރިން ޓެރަރިސްޓެއް ކަމަށް ބުނި، އަދި އެމީހުން ފަންޑުކުރި ޖޫލާނީ ގެ ބޭނުންކޮއްގެން ސީރިއާ ނެތިކޮއްލުން. މިއީ އިޒްރޭލު ބޭނުންވާ ގޮތަށް ސީރިޔާ ގެ ބިންތައް ހިފައި އިޒްރޭލު ފުޅާކުރުމަށް ކޮށޭ މަގެއް.
ބަދަވީ
15 July 2025
އަރަބީން ވާނީ އަރަބީންނަށް.