ސްޓެލްކޯ ފްލެޓްތައް. ސްޓެލްކޯ ފްލެޓްތަކަށް ކުލި ނުދައްކާ ފަރާތްތަކުގެ އަތުން 644،000ރ. ލިބެން ޖެހޭ. -- ފޮޓޯ: މިހާރު
15 ޖުލައި 2025 - 14:27
ސްޓެލްކޯ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 644،000 ރުފިޔާ ނުލިބި ހުރި އިރު، އެ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތްތައް ސާފުކޮށް، ކުލި ނުދައްކާ މީހުންނާ މެދު ފިޔަވަޅު އަޅަން އެ ކުންފުންޏަށް އަންގަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ފްލެޓް ލިބުނު މީހުންގެ ތެރެއިން ކުލި ނުދައްކާ ގިނައީ ކުންފުނީގެ އިސް މަގާމްތައް ފުރުއްވުމަށް ފަހު ވަކިވި ބޭފުޅުން ކަމަށް މާލިއްޔަތު ކޮމިޓީގައި މެމްބަރުން ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު ވަނީ ސްޓެލްކޯގެ ފްލެޓްތަކުގެ ކުލި ނުދައްކާ މައްސަލާގައި މަޝްވަރާކޮށްފަ އެވެ. އެ ކޮމިޓީގައި އެ މައްސަލަ ކުރިއަށް ގެންދިޔައީ، ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަރީފް ހުށަހަޅުއްވައިގެންނެވެ.
ކޮމިޓީގައި އޭނާ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓްތައް ތަރައްގީކޮށްފައިވާ އިރު އެތަނުގެ ކުލި ނުދައްކާ ފަރާތްތަކުގެ މުސާރަ އިން އެ ބައި އުނިކުރަމުން އަންނަ ކަމަށެވެ. އެކަމަކު ކުންފުނީގެ އިސް މަގާމްތަކުގައި ކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު ވަޒީފާގައި ނެތް ބޭފުޅުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށެވެ.
އޭނާގެ ކަންބޮޑުވުމަކީ ކުލި ނުދެއްކިޔަސް އެ ބޭފުޅުންނަށް ފިޔަވަޅެއް ނޭޅުމެވެ.
ޝަރީފް ވިދާޅުވީ ފްލެޓްތަކަށް ކުލި ދެއްކުމުގައި މިހާރަށް ވުރެ އިންސާފުވެރި ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.
"އެތަނުގެ ކުރީގެ ބޯޑު މެންބަރުންނާއި އަދި ބައެއް ކަހަލަ ބޮޑެތި ބޭފުޅުން މިތިބީ މިކަމުން މިންޖުވެގެން ގޮސް ދުރުގައި. އެހެންވީމަ އެ މީހުންގެ މުސާރައަކުން ނުކެނޑޭ. ދެން މިއޮތީ އެ މީހުންނާ މެދު ފިޔަވަޅެއް އެޅުމޭ. މިހާ ބޮޑު ތަފާތު ކުރުމެއް ގެންގުޅުމަކީ ހަމަޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ފްލެޓް އަތުލަން ޖެހޭ ހާލަތެއް އައިސްފައިވާ ނަމަ، އެފަދަ ފިޔަވަޅުތައް ވެސް އަޅަން ޖެހެ އެވެ. އަދި އެ ފިޔަވަޅުތައް އެޅުމަށް ސްޓެލްކޯއަށް އެންގުމަށް އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދު ކުރެއްވި އެވެ.
އެ މައްސަލާގައި މާލިއްޔަތު ކޮމިޓީއާ ސްޓެލްކޯ އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، ސްޓެލްކޯގެ ފްލެޓްތަކަށް ގަވާއިދުން 33 ފަރާތެއް ކުލި ނުދައްކަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތް ފަރާތުން، 178،000 ރުފިޔާ ދައްކަން ޖެހިފައި އެބައޮތް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ކުލީގެ ގޮތުގައި ނުލިބި ޖުމްލަ 488،000ރ. އޮތް އިރު ޖޫރިމަނާގެ ގޮތުގައި ވެސް ނުލިބި 155،000ރ. އެބަ އޮތެވެ.
ކޮމިޓީގައި، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ފްލެޓްތަކުގެ މައްސަލައަކީ އެ މުވައްޒަފުންނާއި އެ ކުންފުންޏާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އެކަމުގެ ތެރެއަށް މާލިއްޔަތު ކޮމިޓީން ވަނުން ރަނގަޅު ނޫން ކަމަށާއި ދެ ފަރާތުން ހަދާފައިވާ އެގްރީމެންޓްތަކުގައި އަމަލު ކުރަންވާނީ އެގްރީމެންޓާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ކުލި ނުދައްކާ މައްސަލަތަކުގައި ހިމެނޭ ފްލެޓްތަކުގެ ކަރަންޓު ކަނޑާލަންވީ ކަމަށެވެ.
"ސްޓެލްކޯ އިން ވަކިވެފައި ތިބި ނުވަތަ ރިޓަޔާކޮށްފައި ތިބި މުވައްޒަފުންނޭ މި ކުލި ނުދައްކަނީ. އެއީ މައިގަނޑު ވާހަކައަކީ. މިސާލަކަށް ސްޓެލްކޯ އިން ހިދުމަތުން ވަކިވެފައި ހުންނަ ބޭފުޅަކަށް ދީފައިވާ ފްލެޓަކަށް ކުލި ނުދައްކާ ކަމުގައިވާ ނަމަ ސްޓެލްކޯއިން އެތަނުން ކަރަންޓް ކަނޑާލެވޭނެ މިވަގުތުން މިވަގުތަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީން ވަނީ، ކެލާ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގޮތަށް ކުލި ނުދައްކާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ސްޓެލްކޯގައި އެދެން ފާސްކޮށްފަ އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުން 360 ފްލެޓް ވަނީ ހަވާލުކޮށްފަ އެވެ. އެ ފްލެޓްތައް 2022 ވަނަ އަހަރު ހަވާލުކޮށްފައިވާ އިރު އެ ޕްރޮޖެކްޓަށް ވަނީ 623 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ސްޓެލްކޯއިން ދޫކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަރުފަ
16 July 2025
ކޮބާހޭ އެމްޑީޕީއިން ހިލޭ ބަހާލި ގޯތިތައް؟
އަހުމަދުއަލޯ
15 July 2025
ސަރުކާރުން ނުވަތަ ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ދީފައިވާ ފްލެޓަކަށް ކުލި ދައްކާނެ ކަމެއް ނެތް. ހިލޭ ބަހާލި ގޯތި ލިބުނު މީހުނަށް ހަމަ އެ ގޯތިން އަނެއްކާވެސް އިމާރާތް އެޅުމަށްފަހުން ކުއްޔަށް ދެވޭނެ ރާއްޖެތެރޭގެ މީހުންނަށް.
މުލޭ
16 July 2025
ފްލެޓަށްވަނީ ކުލި ދައްކަން އެއްބަސް ވެގެން. އެހެންވީމަ ޖެހޭނީ ކުލި ދައްކަން. ގޯއްޗަކީ އަގު ދައްކަން ނުޖެހޭގޮތަށް ދިން ބިމެއް. މިއީ ކިތަންމެ ނާއިންސާފު ކަމަކަށް ވިޔަސް އެއްބަސްވެފައި ވާގޮތަށް ޖެހޭނީ ޢަމަލުކުރަން. އެހެންނޫނީ ފިޔަވަޅު އަޅަންޖެހޭނީ.
އިންސާފުު
15 July 2025
ބައެއް މީހުން މުޒާހަރާއެއްގެ ގޮތުގައި ކުލި ނުދައްކަނީ ސަރުކާރުން ބިލިއަން ރުފިޔާގެ ބިން ހިލޭ ދީފަ އަނެއްބައި މީހުން އަލިފާން ފޮށި ވަރުގެ ގެދޮރަށް މިލިޔަނުން ފައިސާ ދައްކަން ޖެހޭތީ. އަދުލު އިންސާފު އަދި ހަމަ ހަމަ ކަމެއް ނެތް. ކޯޓު ގެ ޒިންމާ އަކީ ޖަސްޓިސް ނޫނީ އަދުލު އިންސާފު ދެމެހެއްޓުން.
ސޫމަ
15 July 2025
އެންމެން ބޭނުންވާނީ ފްރީކޮށް އުޅެލަން. ފިޔަވަޅެއް އެޅޭތަން ނާދޭ. ހިޔާ ޚަބަރެއް އެހެން ޚަބަރެއް ކިޔާނެކަމެއްނެތް
އެ ނިމުނީނު ތިޔަށްވުރެ މާބޮޑެތި ކަންކަމެއްނު ތިނިންމަނީ؟
15 July 2025
މާލޭގެ ހުރިހާ ގޭބިސީއަކަށް ބަހާލާ ؟
ފްލެޓް އައްޕަ
15 July 2025
ހުޅުމާލެ ފޭސް2 ގެ ލޭންޑް ޔޫސް ޕްލޭން ފުނޑާލައި، ހޮސްޕިޓަލާއި ސްކޫލް އަދި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށާއި ކުޅިވަރު ކުޅުމާއް ހާއްސަ ކޮށްފައިވާ ބިންތަކުން މާލޭ ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް ހިލޭ ގޯތި ބަހާލާފައި ފްލެޓް ލިބުނު ނިކަމެތި މީހާގެ އަތުން ކުލި ހޯދަން އުޅުމަކީ ބަލައިގަބެވޭ ކަމެެއް ނޫން. ހުޅުމާލެ ފޭސް2 އިން ހިލޭ ބަހާލި ގޯތިތައް ދައުލަތައް ނަގައި ކުރިން އޮތް ލޭންޑް ޔޫސް ޕްލޭނަށް ރުޖޫއަ ނުވަނީސް ފްލެޓް ތަކަށް ކުލި ދައްކާނެކަމެއް ނެތް
ށަވިޔަނި
15 July 2025
ހިޔާގެ ކުލި ވެސް ނުދައްކާ ބަޔަކު އުޅޭބވާކަމެއް ނެތް؟
ކޮރަލް
15 July 2025
ފުރަތަމަ ބަލަން ވީ ފްލެޓް ތަކުގަ ގަ އުޅެނީ އެތަން ސްޓެލްކޯ އިން ކުއްޔަށް ދިން ފަރާތް ތޯ އެވެ. ޖޫރިމަނާ އަކީ މީޙުންގެ ދިރިއުޅުން ހަލާކު ކޮށްލާ އެއްޗެކެވެ. ކުލި ނުދައްކާ ނަމަ ކުލީ ފައިސާ ނަގަން ވީ އެވެ.
އެކައުންޓު
15 July 2025
ތިޔަ ޒާތުގެ ހުރިހާ ތަނަކަށް އޮޓޮމެޓިކުން ކޮންމެ މަހަކު އެމީހެއްގެ އެކައުންޓުން ކެނޑޭ ގޮތަށް އެއްބަސްވީމަ ނޫނީ ތަންތަން ނުލިބޭ ގޮތް ހަދާނަމަ. އެއް އެކައުންޓުގަ ފައިސާ ނެތިއްޔާ ދެން އެމީހެއްގެ ނަމުގަ އިންނަ އެހެން އެކައުންޓަކުން، ނޫނިއްޔާ އެކަމަށް ޒިންމާދާރުވާނެ އެހެން ފަރާތެއް ހަމަޖައްސައި ކުއްޔަށް ދޭ ފަރާތުން ފައިސާ ކެނޑުމުގެ ބާރު ލިބޭ ގޮތަށް އެއްބަސްވެ ސޮއިކޮށްފަ ތަންތަން ކުއްޔަށް ދޭނަމަ
ސިޓިޒަން އޮފް މާލެ
15 July 2025
ޜައްޔިތުންގެ މަޖްލިސް މެމްބަރުންނަށް ގާގޫނާ ގަވާއިދުތައް އެންގުން ލާޒިމް! ކަރަންޓަކީ އަސާސީ ހިދުމަތެއް އަދި އެ ހިދުމަތް ހުއްޓައެއްނުލެވޭނެ ބިލަށް ފައިސާ ދައްކާހާ ހިންދަކު! ޢެ ފްލެޓްތައް ހުރީ މުވައްޒިފުންނަށް ވިއްކާފައި! ކުއްޔަށް ދީފަކާ ނޫން! ޥަޒީފާއިން ވަކިވުމުން ފައިސާ ދައްކަންވި އުސޫލް އެއްބަސްވުމުގައޮ އޮންނާނެ ކަމަށް ލަފާކުރެވޭ!
މުލޭ
16 July 2025
ވިއްކާފައެއްނޫން ހުރީ. ގަނެވިއްކުމުގެ އެއްބަސްވުމެއް ހަދާފައި އޮތީ. ގަންނަން އެއްބަސްވި ފަރާތަށް ތަން މިލްކުވާނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ނިމުމުން. އެހެންނޫނީ އެއީ ސްޓެލްކޯގެ ތަންތަން. ސާފުވެއްޖެކަމަށް ހީކުރަން.