މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިޔެއްގެ އާއިލާގެ މީހުންނާއެކު ވެލާނާ އެއާޕޯޓުން ނުކުމެގެން ދަނީ: އުމްރާއަށް ގެންދަން ފައިސާ ނަގައި އަސްކޮއި އިން އަނެއްކާވެސް ބަޔަކަށް ލަނޑުދިން މައްސަލައެއް ވަނީ ބަލަން ފަށައިފައި.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
17 ޖުލައި 2025 - 04:49
އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ މައްސަލާގައި މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި އިން އަނެއްކާވެސް އެކަން ތަކުރާރުކުރި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި، ލަނޑުދީގެން އުޅޭ ކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
އަސްކޮއި ޓްރެވަލް ސާވިސްއަކީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 2023 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީފައިވާ ކުންފުންޏެކެވެ.
ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުގައި، އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންނަކީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް ކިޔާ ބައެކެވެ.
އަސްކޮއިގެ ސަބަބުން ލަނޑު ލިބުނު މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމަށް ފޮނި އުންމީދުތަކެއް ކުރަމުން އައި އެތައް ބައެއްގެ އަތުން ދުރާލައި ފައިސާ ނަގައި ފުރުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް އުމްރާއަށް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެ މީހުން ފުރަން ހަމަޖައްސާފައި އޮތީ މި މަހު 24 ގަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، އެއީ ށ. ފޯކައިދޫން އުމްރާއަށް ދާ 28 މީހެކެވެ. އުމްރާއަށް ދިއުމަށް އެއިން ކޮންމެ މީހަކު ވަނީ އެ އެޖެންސީއަށް 25،500ރ. މިދިޔަ ފެބްރުއަރީ މަހު ދައްކައިފަ އެވެ.
އަސްކޮއިގެ ޚަބަރެއް ނުވާތީ މީގެ ތިން ދުވަސް ކުރިން ގުޅުމުން ދަތުރަށް ހުރިހާ ކަމެއް ތައްޔާރު ކަމަށާއި މި މަހު 24 ގެ ކުރިން މާލެ އަންނަން އެންގި ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
ނަމަވެސް، މާލެއަށް އައުމަށް ހުރިހާ އެންމެން ޓިކެޓް ނަގައި ތައްޔާރުވެފައި ވަނިކޮށް، މިފަހަރު އުމްރާ ދަތުރު ނުދެވޭނެ ކަމަށް އަސްކޮއި އިން އިއްޔެ އެ މީހުންނަށް ވަނީ އަންގައިފަ އެވެ.
"އޭގެ ފަހުން ދެން ޚަބަރެއް ނުވެ. މެސެޖްކޮށް، ގުޅުމުން ވެސް ޚަބަރެއް ނުވެ. އެންމެ ފަހުން ފޯނު ނިއްވާލައި، ފަހުން ބުނެފި މިފަހަރު ދެވެން ނެތް ވާހަކަ،" އެ ޕޯސްޓުގައި ބުންޏެވެ.
މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމި، ހަ މީހުންގެ އާއިލާއަކަށް ފަހު ވަގުތު ލަނޑުދީގެން، މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ޖޫރިމަނާކޮށްފަ އެވެ.
އެ ފަހަރު އަސްކޮއިއަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން ޖުމްލަ 252،000ރ. އެވެ. ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތްކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ ވެސް ތިބީ މާލެ އައުމުގެ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ.
އެހެންވެ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި އިން ހިލާފުވެފައި ވާތީ 130،000ރ. އިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މިނިސްޓްރީން އެންގި އެވެ. އަދި އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ މީހުންނަށް ރިފަންޑް ދޭން ވެސް އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބެ
18 July 2025
މިއީވެސް ގައުމެއް. މިލިއަނެއް ހަމަނުވާ މިގައުމުގައި ވައްކަމާ ފޭރުން ފުލުހުންނާއި ވުޒާރަތަކަށް ވެސް އެނގިގެން އެންމެނެގެ ލޯކުރިމަތީގައި. ތަކުރާތުކޮށް. ވާ އެއްކަމެއްވެސް ނެތް. އެކަމަކު ނެތް ވުޒާރާއެއް ނެތް. އަމާ ބުނީތީ ފަރަށްދާ އުސޫލުން ފިޔަވަޅު އަޅާލަ އަޅާލާ ތިބެނީ. މިއީ ގުޅިގެން، އެނގިގެން ހިންގާ ޖަރީމާ ނޫންބާ؟ ބަލާނެ ކަމެއްނެތް އެމީހުން ތިކަން ޑިސެންބަރުގަ ވެސް ކުރާނެ. އަންނަ އަހަރުވެސް ކުރާނެ. ގައުމުގެ ވެރިން ޓްވީޓް ކޮށްކޮށް ތިބޭނެ.
ގޫކޭލި
17 July 2025
ޝަހީމަ އަކީ މިނިސްޓާރު، މިނިސްޓްރީގެ ބެލުމުގެ ދަށުން މިހުއްދަތައް ދެނީ، އެއްފަހަރެއްނުން މިކަންހިގީ ދެން މިވަރުން ޝަހީމު އިސްތިއުފާ ނުދޭންވީ ސަބަބެއްނޭގޭ
އަހުމަދު މުހައްމަދު އަލީ
17 July 2025
ތިޔަށް ކިޔާނީ ފޭރުން ނޫންތޯ ؟ އެހެންވީމަ އެ ދައުވާ ކޮށް އަވަހަށް އަދަބު ދީ ؟ ދެން ތިބި މީހުންނަށް އިބްރަތަކަޢް ވާވަރުގެ އަދަބެއް ދިނުން މުހިންމު.
ތިމާވެށި
17 July 2025
ގްރޫޕް އަކާ ނުގުޅިވެސް އުމުރާ އަކަށް ދެވިދާނެ އެވެ.
ކޮރަލް
17 July 2025
މިހާރު ވެސް ރިސޯޓް ހަދާ ޑުބާއި ބަޔަކު އަތުން ދިވެއްސަކު މަސައްކަތް ނަގާ އެހެން މީހުންނަށް މަސައްކަތް ތައް ދީ ފައިސާ ލިބުނީ ފައިސާ ކޮޅު ހިފައިގެން ބޭނގްކޮކް އަށް ގޮސް އެތަނައް ބަދަލު ވެއްޖެ އެވެ، ވީމާ ފުރަތަމަ ވެސް ތިޔަ އިސްކޮއިގެ ޒިންމާ ވާން ޖެހޭ ފަރާތް ތަކުގެ ޕާސްޕޯޓް ހިފަހައްޓަން ވީ އެވެ. ދެން ފައިސާ ނުދީފިނަމަ އެމީހުންގެ ނަމުގަ ހުރި އެސެޓް ސަރުކާރަށް ނަގަން ވީ އެވެ. ސަރުކާރު ހަރަދުގަ ފޮނުވަން ވީކީ ނޫނެވެ. މާލް މައްސަލަ ވެސް ކުރި އަކަށް ނުދެ އެ
އާފް
17 July 2025
ހައްޖު ކޯޕަރޭސަން އޮން ނާނެ ލަނޑު ނުލިބޭނެ
ސަމްސު
17 July 2025
ބޮޑަށް ވައްތަރީ ޝަހީމް މިމީހުންނާއި ގުޅިގެން ބައި އެޅޭގޮތަށް މޮޑޭ ފުއްގަނޑަކާހެން. ސަސްޕެންޑްކޮށްފަ އަނެއްކާ ހުއްދަދޭނީ އެއްޗެއްދިނީމަ
އަޖައިބު1
17 July 2025
ލާރިދީފައި ގަންނަންޖެހޭ ކޮންމެ ކަމެއްގައިވެސް މިކަހަލަ ފްރޯޑް ކޮންމެވެސް ވަރަކަށް ދިމާވާނެ ޔަގީންކަމެއް. ދެން މިފަހަރު އަސްކޮއި. އެހެންފަހަރަކުން އެހެން ކޮޔެއް. ފިޔަވަޅުއެޅުން ދެން އޮންނާނީ، ސްކޭމް އަދިވެސް ހިނގާނެ. އެނގިގެންވެސް ނޭނގިވެސް ހިނގާނެ. އެކި ލެވެލްގަ އެކި ގޮތްގޮތަށް.
ޑރ ވާންޗޯ
17 July 2025
އަސްކޮއެ ޖޫރިމަނާކޮށް ރިފަންޑުދޭން އެންގީމަނިމުނީތޯ؟. އެފައިސާ ދައްކައިފިތޯ ބަލަންޖެހެނީ ކޮންބައެއްތޯ؟. އެއްބަޔަކު މަކަރާހީލަތް ތަކުރާރުކުރާއިރުވެސް ހުއްދަ ކެންސަލްކުރުމެއްނެތި އެމީހުންނާދޭތެރޭ ގާނޫނީ ފިޔަވަޅެއްނޭޅޭނަމަ ތިޔައީ މިނިސްޓްރީގެ ތެރެއިން ގުޅިގެން ހިންގާ ޖަރީމާއެކޭ އާންމުންނަށް ނުބުނެވޭނެތޯ؟.
ފެފރ5ތ
17 July 2025
އެވޯރޑަކާއި ސިޔާސީ މަގާމެއްނު ދެން ދޭންވީ