ފާއިތުވި އަހަރެއްގެ އުރީދޫ މަސްރޭހުގައި ބައިވެރިވި ޓީމެއް. -- ފޮޓޯ: އުރީދޫ
17 ޖުލައި 2025 - 21:56
އުރީދޫ މޯލްޑިވްސް އިން ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއާ ގުޅިގެން އުރީދޫ މަސްރޭސް މި އަހަރު ދެ ރަށެއްގައި ބާއްވަން ނިންމައިފި އެވެ.
މި އަހަރުގެ މަސް ރޭސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު ކ. ހުރާގައި އަދި 29 ވަނަ ދުވަހު ށ. ފުނަދޫގަ އެވެ. މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީ ކުރެވޭނެ އެވެ.
އުރީދޫ މަސް ރޭހުގައި ރަޖިސްޓަރީ ކުރެވޭނީ ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމުތަކަށެވެ. މި ރޭހުގައި ކޮންމެ ރަށަކުން ވެސް އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާނެ އެވެ. ކޮންމެ ރަށަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމަކަށް 25،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ. އަދި ދެ ވަނަ އަށް 10،000ރ.، ތިން ވަނައަށް 5،000ރ. ލިބޭނެ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް ވެސް ހާއްސަ އިނާމެއް ދޭނެ ކަމަށް އުރީދޫން ބުންޏެވެ.
"އުރީދޫ މަސްރޭސް 2025" ގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ އެވެ. އެ 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓަރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ގުރުއަތުނަގާނެ އެވެ. އަދި ނުހޮވޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ފީގެ ފުލް ރިފަންޑް ލިބޭނެ އެވެ.
އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ މަސްރޭހަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ މުބާރާތެކެވެ. މިއީ މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy