"ސުޕަމޭން"ގެ ޕޯސްޓަރެއް.
19 ޖުލައި 2025 - 12:42
ޑީސީ ޔުނިވާސްގެ ސުޕަހީރޯ "ސުޕަމޭން"ގެ އާ ފިލްމަށް ފުރަތަމަ ހަފުތާގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހު ޕްރިމިއާކުރި "ސުޕަމޭން"އަށް އިއްޔެގެ ނިޔަލަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 300 މިލިއަން ޑޮލަރު ލިބިފަ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަކީ ހަމައެކަނި އެމެރިކާގައި ދައްކައިގެން ލިބުނު އާމްދަނީ އެވެ.
މި ފިލްމަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.
"ސުޕަމޭން"އަކީ މި އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދެ ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ވެސް މެ އެވެ. އެ ލިސްޓުގެ އެއްވަނައިގައި، 57.11 މިލިއަން ޑޮލަރާއެކު އޮތީ "އަ މައިންކްރާފްޓް މޫވީ" އެވެ. "ސުޕަމޭން"އަށް ލިބުނީ 56.5 މިލިއަން ޑޮލަރެވެ.
ޑީސީ ސްޓޫޑިއޯސް ހިންގުމާ މިހާރު ހަވާލުވެ ހުރި ހޮލީވުޑްގެ ޑައިރެކްޓަރު ޖޭމްސް ގަންގެ "ސުޕަމޭން"އަކީ 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހަރަދުކުރީ ހަމައެކަނި ފިލްމުގެ ޕްރޮމޯޝަނަށެވެ.
ދުނިޔޭގައި އުޅެ ބޮޑުވި ސުޕަމޭންގެ އުފަން ޕްލެނެޓް، ކްރިޕްޓޯންގެ ސަގާފަތާއި ތަރިކަ އަލުން ހޯދުމަށް ކުރާ ދަތުރުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ވެސް ޖޭމްސް އެވެ.
"ސުޕަމޭން"ގެ މި އާ ފިލްމުގައި ސުޕަމޭންގެ ރޯލު ކުޅުނީ އެމެރިކާގެ އެކްޓަރު ޑޭވިޑް ކޮރެންސްވެޓް އެވެ. އޭނާއެކު މުހިންމު ރޯލުތައް ކުޅެނީ ރޭޗަލް ބްރޯޒެހެން އާއި ނިކޮލަސް ހޮލްޓް އެވެ.
ޖޭމްސް މިހާރު ވަނީ "ސުޕަގާލް" ވެސް ގެނެސްދޭން ނިންމައި އެކަން އިއުލާންކޮށްފަ އެވެ. "ސުޕަގާލް: ވުމަން އޮފް ޓުމޯރޯ" ގެނެސްދެނީ އަންނަ އަހަރު ޖޫން 26 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy