އެމްޑަބްލިއުއެސްސީގެ އާ މޮބައިލް އެޕް ލޯންޗްކުރަނީ: އެ އެޕުން އިތުރު ހިދުމަތްތަކެއް ލިބޭނެ ---ފޮޓޯ/އެމްޑަބްލިއުއެސްސީ
20 ޖުލައި 2025 - 15:04
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އިތުރު ހިދުމަތްތަކެއް ލިބޭ ގޮތަށް އެ އެޕް އަޕްގްރޭޑުކޮށް ރީލޯންޗުކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަޕްގްރޭޑް ކޮށްފައިވާ އެޕް ލޯންޗުކޮށް ދެއްވީ އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ވިދާޅުވީ އާ ހިދުމަތްތަކަކާ އެކު ކުންފުނީގެ އެޕް އަލުން ލޯންޗު ކުރުމަކީ ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ތިމާވެއްޓާއި ގުޅޭ ގޮތަކަށް އެ ކުންފުނީގެ ހިދުމަތްތައް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އެ އެޕްލިކޭޝަނަށް ގެނައި ބަދަލަކީ "މޯލްޑިވްސް 2.0"ގެ ދަށުން ކުންފުނިން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަލަށް ގެނައި ބަދަލުތަކާއި އެކު ކަސްޓަމަރުންނަށް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބި، މިިހާރަށް ވުރެ އަވަހަށް އަދި ފުރިހަމައަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕަށް ގެނައި އަޕްގްރޭޑާ އެކު ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމަށް އެދި އެޕް މެދުވެރިކޮށް މިހާރު ހުށައެޅޭނެ އެވެ. އަދި ކަސްޓަމަރުން ރިކުއެސްޓު ކުރި ހިދުމަތުގެ އެޕްލިކޭޝަންގެ އަޕްޑޭޓު ބެލުމުގެ އިތުރުން އެ ހިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ވެސް ދެއްކޭނެ އެވެ. އަދި އެޕްގައި އަލަށް ހިމަނާފައިވާ މަލްޓިޕޭ ފީޗާއާއެކު އެކި ހިދުމަތްތަކަށް އެއްފަހަރާ ފައިސާ ވެސް ދެއްކޭނެ އެވެ.
އެޕަށް ގެނައި ބަދަލާ އެކު އެޕް މެދުވެރިކޮށް މީޓަރުގެ ރީޑިން އާއި ފޮޓޯއެއް އެޕަށް އަޕްލޯޑްކޮށްގެން މަހުގެ ކޮންމެ ހިސާބެއްގައި ވެސް ބިލް ހެދުމަށް އެދެވޭނެ އެވެ. އަދި ސްމާޓް މީޓަރު ބޭނުންކުރާ ކަސްޓަމަރުންނަށް ފެންބޭނުން ކުރެވޭ މިންވަރު މޮނިޓާކޮށް ކޮންމެ ދުވަހަކު ވެސް ބިލަށް އަރާ އަދަދުތައް ބެލޭނެ އެވެ. އޭގެ އިތުރުން ސްމާޓް މީޓަރުތަކުން އެވަގުތަކަށް ބިލަށް އަރާފައިވާ މިންވަރު ވެސް ދެނެގަނެވޭނެ އެވެ. އަދި ސްމާޓް މީޓަރުތަކުން ކޮންމެ މަހަކު ވެސް ބިލަށް އަރާނެ މިންވަރު ލަފާކޮށް ދެނެގަތުމުގެ އިތުރުން އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓުމަންޓް ވެސް އެޕް މެދުވެރިކޮށް ބެލޭނެ އެވެ.
އެ އެޕަށް ލޮގިން ކުރެވޭނީ އީފާސް މެދުވެރިކޮށެވެ. އަދި އީފާސް މެދުވެރިކޮށް ލޮގިން ކުރުމުން އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުންނާނެ އެވެ.
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. އަދި އެޕް ބޭނުން ކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނީގެ ވެބްސައިޓާއި އެ ކުންފުނީގެ ހޮޓްލައިން 105 އިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑެބީ
21 July 2025
މިސަރުކާރުގައި މުޅިންވެސް އޮތީ ހުޅުވާފަ ހުރި ތަންތަން އަލުން ހުޅުވުމާއި ލޯންޗްކޮށްފައި ހުރި އެޕުތަކާއި ވެބްސައިޓްތައް ރީލޯންޗުކުރުން.
ޢަބުދުލް ޤާދިރު
20 July 2025
މަތީނު މިސުވާލުގެ ޖަވާބު ދިނުން އެދެން. ފ. ނިލަންދޫ ނަރުދަމާގެ އަމަލީ މަސައްކަތް މިއަހަރު މޭމަހު މެދެއްހާތާގައި ފަށާނެކަމަށް، ރާއްޖެމިއަދު ޕްރޮގުރާމުގައި އޭޕްރީމްމަހު ވަނީ ވިދާޅުވެފައި. އަދި މިހާތަނަށް އެ މަސައްކަތެއް ނުފެށޭ. ނުފެށި ލައްސަވަނީ ކީއްވެ؟
ރަދީފްއޮފިޝަލް / ޕްރޮމޯޝަން ލިބުނީ ކިހިނެއް
20 July 2025
މި ސަރުކާރު އައި ފަހުން މި އެޕް 2 ފަހަރު ލޯންޗްކޮށްފި.މިދެން ބޮޑުވަރު.ކޮންމެ އަޕްޑޭޓެއް އެއީ ބޮޑު ރަސްމިއްޔާތެއްގަ ލޯންޗުކުރަން ޖެހޭ އެއްޗެއް.ސިޓީ ކައުންސިިލް ފްލޮޕް ޓު ޔުޓިލިޓީ ޓޮޕަށް.
ސާރަސް
20 July 2025
ކިހާދެރަ ކަމެއް، މިއުޅެނި އެޕާއި ޕޯޓަލް ލޯންޗްކޮށް އަޕްގްރޭޑް ނުކުރެވިގެންތަ، ހުކުރުދުވަހާއި ދެ ނަމާދު ދޭތެރޭ ގޭގެއަށް ފެންލިބޭ ގޮތް ހަދާބަލަ ބޭކާރު ހަރަދުނުކޮށް. ހުކުރު ދުވަހު ހެނދުނު 10.30 އިން މެންދުރު 1 ޖަހަންދެން ތިބެންޖެހެނި ފެން ނެތިފަ، ނުކެއްކި، ފެންނުވެރި، ތާހިރު ނުވެވިފަ