އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ބަޔަކު ހިނގާފައި އަންނަނީ. -- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2025 - 06:04
ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ މުވައްޒަފުން ތިބޭ އިމާރާތަކަށާއި އެ ޖަމިއްޔާގެ ތަކެތި ރައްކާކުރަން ބޭނުންކުރާ މައި ގުދަނަށް އިޒްރޭލުން ހަމަލާ ދީފި އެވެ.
"ދީރުލް ބަހަލްގައި ހުންނަ، ޑަބްލިޔުއެޗްއޯގެ މުވައްޒަފުން ތިބޭ އިމާރާތަށް އިޒްރޭލުން މިއަދު ތިން ފަހަރަށް ހަމަލާދިން. އަދި މައި ގުދަނަކަށް ވެސް ވަނީ ހަމަލާދީފައި،" ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނަމް ގެބްރީސަސް އެކްސްގައި ލިޔުއްވާފައިވެ އެވެ.
"އިޒްރޭލުގެ އަސްކަރިއްޔާއިން އެ އިމާރާތަށް ވަދެ އަންހެނުންނާއި ކުޑަކުދިން އެތަނުން ނެރެ [ޣައްޒާގެ ދެކުނުގައި އޮންނަ] އަލް މަވާސީއަށް ފައި މަގުގައި ހިންގުވާފައި ގެންދިޔައީ ހަމަލާތައް ދެމުން ގެންދިޔަ ވަގުތު."
އޭނާ ވިދާޅުވި ގޮތުގައި އިމާރާތުން ނެރުނު ޑަބްލިޔުއެޗްއޯގެ ފިރިހެން މެންބަރުންނާއި އާއިލާގެ މީހުން ބިޑިއަޅުވައި ބަރަހަނާކޮށް ހަމަ އެތަނުގައި ބައިތިއްބައިގެން ސުވާލުކުރި އިރު ބަޑިން ބިރު ދައްކައިގެން ހަށިގަނޑު ފާސްކުރި އެވެ.
ޓެޑްރޮސް ވިދާޅުވީ އިމާރާތާ ހިސާބަށް ދެވޭނެ ގޮތްވުމާ އެކު މިހާރު ވާނީ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ 32 މީހަކު އިމާރާތުން ނެރެގެން ގެންގޮސްފަ އެވެ. މުވައްޒަފުންގެ ތެރެއިން ތިން މީހަކު ހައްޔަރުކުރުމަށް ފަހު ދޫކޮށްލި ކަމަށާއި އަދި އެކަކު އިޒްރޭލުގެ ބަންދުގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލުން މި އަމަލު ހިންގާފައި މި ވަނީ ދީރުލް ބަލަހުން އާންމުން ނުކުންނަން އެންގުމަށް ފަހުގަ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާރު ވަނީ ކާބޯތަކެތި ހުސްވެ ހައިހޫނުކަން އާންމުވެފަ އެވެ. ބޭސްފަރުވާކުރެވޭ ގޮތެއް ވެސް ނެތެވެ. ޓެޑްރޮސް ވިދާޅުވީ މި ދަތި އަދި ނުރައްކާ ހާލަތުގައި އިޒްރޭލުން ޑަބްލިޔުއެޗްއޯގެ ގުދަނަށް ހަމަލާ ދިނުމުން އެތަނުގައި ހުރި ތަކެތި ހަލާކުވެ އިތުރަށް ކަންކަން ގޯސްވާނެ ކަމަށެވެ.
ޣައްޒާގައި ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 59،000 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy