ތިލަފުށިން ފަހުން ހިއްކި ސަރަހައްދު: ތިލަފުށީގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކުރާތީ ސިނާއީ ބޭނުމަށް ބިން ދޫކުރަން ކުރި އިއުލާންތައް އެޗްޑީސީން ވަނީ ބާތިލުކޮށްފައި.-- ފޮޓޯ: އެޗްޑީސީ
23 ޖުލައި 2025 - 13:36
ތިލަފުށީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަން ޖެހޭތީ، ސިނާއީ ބޭނުމަށް އެ ރަށުން ބިން ދޫކުރަން ކުރި އިއުލާންތައް އެޗްޑީސީން މިއަދު ބާތިލުކޮށްފި އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ތިލަފުށީގެ ބިމުގެ ޖާގަ އޮތް މިންވަރަށް ބަލައި، ތިލަފުށި މާސްޓަޕްލޭނާއި އެ ކުންފުނީގެ އުސޫލުތަކުގައިވާ ގޮތުން މަތިން އެ ރަށުން ބިން ކުއްުޔަށް ދޫކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހާއި 14 ވަނަ ދުވަހު ކޮށްފައިވާ އިއުލާންތައް މިހާރު ވަނީ ބާތިލުކޮށްފައި ކަމަށެވެ.
އެ އިއުލާންތައް ބާތިލުކުރަން ޖެހުނީ، ތިލަފުށިން އިތުރަށް ބިން ހިއްކައި، ތިލަފުށީގެ މާސްޓަޕްލޭނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންވެ، ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ކުރި އިއުލާންތަކާ ގުޅިގެން އެކި ފަރާތްތަކުން އެ ކުންފުންޏަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއި އެ ފަރާތްތަކަށް ފޮނުވާފައިވާ އޮފާތައް ބާތިލްކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
"މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" އެޗްޑީސީގެ އިއުލާނުގައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެޗްޑީސީން ވަނީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ނިންމައި މާސްޓަޕްލޭނެއް އެކުލަވާލައިފަ އެވެ. އެ މާސްޓަޕްލޭންގެ ދަށުން ވަނީ ތިލަފުށިން 151 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމީ ދޫ
24 July 2025
ރާއްޖޭގެ އިންޓަރނޭޝަނަލް ޕޯރޓް ތިލަފުއްޓަށް ބަދަލުކުރާކަމުގައި ވާނަމަ ، ތިލަފުށިން އިތުރަށް ބިން ދޫކޮށްފިނަމަ ، ވިޔަފާރި ބަނދަރަށް އެކަށީގެންވާ ޖާގަ އޮންނާނެ ހެނެއް ހިއެއްނުވޭ. ބިން ކުއްޔަށް ދޫކޮށްގެން ނުވަތަ ވިއްކައިގެން ލިބޭ ފައިސާއަށްވުރެ . ބަނދަރާއި ގުޅޭ ކަންކަން ތަރައްގީ ކުރުމަށް އެ ބިންތަޢް ބެހެއްޓުމަކީ މުހިއްމުކަމެއް. ރާއްޖޭގެ އިމްޕޯރޓްސް އިތުރުވަމުން ދާ ނިސްބަތައް ބަލާއިރު ކޮންޓެއިނަރުތަށް ބެހެއްޓުމަށް ވެސް ޖާގައިގެ ދަތިކަން ކުރިމަތިވާނެ!
ބާތިލް
24 July 2025
އިންވެސްތަރުންނާއި ވިޔަފާރި ތަކާއި އާންމު ރައްޔިތުންގެ އިތުބާރު މުޅިން ގެއްލުވާލައިފި މިވެރިން. ކޮންމެމީހަކު އައިސް ކުރިން ވެފަހުންނައެއްބަސްވުންތަށް ބާތިލްކޮށްލަނީ އެއްވެސް ހަމައެއް ލަމައެއްނެތި
ބޮޑުބެގެ ބެއްޔާ
23 July 2025
އަބަދު ބާތިލު. އަމާޒު ލާހޫރޭ.