ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އެމެރިކާގައި ކުރި މުޒާހަރާއެއްގައި ފަލަސްތީނުގެ ދިދަ ވިހުރުވަނީ. -- ފޮޓޯ: އޭއެފްޕީ
27 ޖުލައި 2025 - 05:42
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ހަމާސް އިން ހަގީގަތުގައި ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމުން އެ ވާހަކައަށް ހަމާސް އިން ރައްދު ދީފި އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ގާތްގަނޑަކަށް ތިން ހަފުތާވަންދެން ގަތަރުގައި ހަމާސް ޖަމާއަތާ އެކު އިޒްރޭލާއި އެމެރިކާ އިން ނުސީދާކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވި ހުއްޓާލިތާ އެއް ދުވަސް ފަހުންނެވެ.
"ޓްރަމްޕުގެ ވާހަކަތަކުން ލިބުނީ ހައިރާންކަމެއް. އަދި ހާއްސަކޮށް، މަޝްވަރާގެ މުހިންމު ބައެއް ކަންކަމުގައި ކުރިއެރުންތައް ލިބެމުން ދަނިކޮށް މިފަދަ ވާހަކައެއް ދެއްކެވެމުން،" ހަމާސްގެ އޮފިޝަލް ތާހިރުލް ނޫރު އޭއެފްޕީއަށް ވިދާޅުވި އެވެ.
"ނުސީދާ ކޮށް ކުރިއަށް ގެންދާ، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި މަޝްވަރާ ކުރަމުންދާ ފައިލްތަކާ ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް އަޅުގަނޑުމެންނަށް އަންގާފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުން ލިބެމުން ދަނިކޮށް އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން މަޝްވަރާތައް މެދުކަނޑާލައި ވަޑައިގެންފައި ވާތީ ހައިރާންވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ އެމެރިކާގެ މެދުވެރިން އަނބުރާ ގައުމަށް ގެންދާކަން އިއުލާނު ކުރައްވައި ހަމާސް އިން "ހެޔޮ ނިޔަތުގައި އަމަލު ނުކުރާ" ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ހަމާސްގެ މަޝްވަރާ ޓީމުގައި ހިމެނިވަޑައިނުގެންނެވި ނަމަވެސް ހަމާސްގެ ޕޮލިޓްބިއުރޯގެ މެމްބަރެއް ކަމަށްވާ އިއްޒަތު އަލް ރިޝްގު ވިދާޅުވީ އެ މަޝްވަރާތަކުގައި އެ ޖަމާއަތުން "ދޫދެމުން" އަންނަ ކަމަށެވެ.
"އެމެރިކާގެ ބަޔާނުގައި ވަނީ އެއްބަސްވުންތަކަށް ހުރިހާ ހުރަހެއް ކުރިމަތިކުރި ފަރާތް ގަސްތުގައި ހަނދާން ނައްތާލާފައި. އެއީ ނަތަންޔާހޫގެ ސަރުކާރު،" އޭނާ ވިދާޅުވި އެވެ.
ހަމާސްގެ ދެ އޮފިޝަލުން ވެސް ވަނީ 21 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގައި އިންސާފުވެރިކަމާ އެކު މަސައްކަތްކުރުމަށް އެމެރިކާއަށް ގޮވާލައްވައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
27 July 2025
އެމެރިކާއާއި އިޒުރޭލުން ތިޔައަމަލުކުރާގޮތަކީ ހަމާސްހައިރާންވިޔަސް އަހަރެމެން ހައިރާންވާކަމެއްނޫން، އެމެރިކާއާއި އިޒުރޭލުން ފަލަސްތީނުގެމައްސަލަހައްލުކުރަންބޭނުންވާނެ ސަބަބެއްނެތް! މައްސަލައުފައްދައިގެންއުޅެނީއެމީހުން، އަރަބިންގެ ބިންތަކަށް ވެރިވެގަނެގެންތިބީއެމީހުން، މީހުންމަރާޖަރީމާތައްހިންގަނީ އެމީހުން، ހަތިޔާރުހުރީ އެމީހުންގެއަތުގަ! އިޒުރޭލުން އިރާނާ ޖެހިގަނެފަ ވީގޮތްފެނޭނުން؟ ހަމާސްއިންވެސްބާރުހޯދާ ހަނގުރާމައިން ކާމިޔާބުހޯދުންނޫންގޮތެއްނެތް
ބޯޑަރުކައިރިން
27 July 2025
ސުލްހައަށް ހުރަސް އަޅަނީ އިސްރާއީލާއި އެމެރިކާ، ހިނގަމުންދާ ހަގުރާމައަކަށް ހަތިޔާރު ބަހަނީ އެމެތިކާއިން....
މާކޮސް
27 July 2025
އެހެން އެގޮތަށް އެކަން އެވަނީ އަހުރެމެންގެ ތެރޭގައި އިސްބަސް ބުނަންތިބި މީހުންނަކީ އެއީ ކޮންބައެއްކަން ނޭނގި ތިބެ ވެރިކަމަށް އިސްކޮފައިވުމުން އެކަމުގައި ދެމިތިބުމަށް ރައްޔިތުންގެ ރުހުމެއްނެތި އެމީހުން ބޭނުންވުމުން މަދަދާއި އެހީތެރިކަން މުސްލިމުންގެ ޢަދާވާތްތެރިންނަށް ލަދެއް ހަޔާތެއްނެތި ފާޅުގައި ދެމުންގެންދަނީ އަދި މިކަމަށް ހަރަދު ކުރަނީވެސް ރައްޔިތުންގެ ފައިސާ .އެމުނާފިގު ބައިގަޑު