އެއެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް: އޭނާ ވިދާޅުވީ އެފްއޭއެމަކީ އެންމެންނަށް އިތުބާރު ކުރެވޭ އިދާރާއަކަށް ވާނެ މިންވަރަށް މަސައްކަތް ކުރާނެކަމަށް --- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
27 ޖުލައި 2025 - 12:34
އެފްއޭއެމް އަކީ ސަޕޯޓަރުންނަށާއި، ސްޕޮންސަރުން އަދި ސަރުކާރަށް ވެސް އިތުރުބާރު ކުރެވޭ އިދާރާއަކަށް ހަދާނެކަމަށް އެ އެސޯސިއޭޝަނުގެ އާ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އިންތިހާބީ ކޮންގްރެސްގައި ހުރިހާ ކްލަބެއްގެ އިއްތިފާގުން ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް ތޯރިގްގެ އެކްސްކޯ އަށް އެފްއޭއެމްގެ ހިންގުން ހަވާލުވެފަ އެވެ.
އޭނާގެ އެކްސްކޯއިން ހިންގަން ހަވާލުވީ 150 މިލިއަން ރުފިޔާ އަށް ވުރެ ވެސް ބޮޑު ދަރަންޏެއް އޮތް އެސޯސިއޭޝަނާކާ އެވެ. . ކޮރަޕްޝަނާއި މަނީލޯންޑަރިން ހިންގިކަމަށް ތުހުމަތު ކުރެވޭ ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ރާއްޖެ އާއި ރާއްޖޭން ބޭރަށް ވެސް އެ އެސޯސިއޭޝަން އޮތީ ދަރުވާލާފަ އެވެ. އެހެންކަމުން އެ އިދާރާ އަށް އިތުބާރު އޮތީ ގެއްލިފަ އެވެ. ފީފާ އާއި އޭއެފްސީ އަދި ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) ގެ އިތުން ސަޕޯޓަރުންނާއި ސްޕޮންސަރުންނެވެ.
އަތޮޅާއި ރަށަށް ފުޓްބޯޅަ ގެންދާނެކަމަށް ބުނި އެސޯސިއޭޝަނަށް އެކަންވެސް ކުރެވުނު ތަނެއް ނުފެނުނެވެ. އަތޮޅުތެރޭގައި ލީގު ކޮލިފިކޭޝަން މުބާރާތް ބާއްވަން ސްޕޮންސަރުންގެ އަތުން ފައިސާ ނެގުމަށް ފަހު ވެސް އެ މުބާރާތް ވެސް ކުރީގެ ލީޑާޝިޕަކަށް ނުބޭއްވުނެވެ. އެހެންވެ ރަށްރަށުގެ އިތުބާރު ވެސް އެފްއޭއެމަށް އޮތީ އަލުން ހޯދަން ޖެހިފަ އެވެ.
ތަޖުރިބާކާރު ބެއެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަށް މިހާ ގެންޖެހުން ބޮޑު ވަގުތެއް ނާދެ އެވެ. ތޯރިގްގެ އެކްސްކޯ އަށް އޮތީ އެ ގޮންޖެހުންތަކުން އަރައިގަނެ، އެފްއޭއެމަށް އެންމެންގެ އިތުބާރު ހޯދަން ޖެހިފަ އެވެ.
އެ އިތުބާރު އެ އެސޯސިއޭޝަނަށް ހޯދޭނެ މިންވަރަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް ތޯރިގް އިއްޔެ ވެސް ވިދާޅުވި އެވެ.
ފީފާ އާއި ސަރުކާރުގެ އެހީތެރިކަމާ އެކު ދަރަނި އަދާކުރަމުން ގެންގޮސް މިހާރު އޮތް ބޮޑު ދަރަނި ކުޑަ ކުރެވޭނެކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.
ދަރަނީގެ ތެރެއިން ބައެއް އަދަދުތަކަކީ، ސީދާ އެފްއޭއެމުން ދައްކަންޖެހޭ ދަރަންޏެއްތޯ އާ މެދު ސުވާލު އުފެދިފައިވާ ދަރަނިތައް އެބަހުރިކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ވެސް ކުރިން ބުނެފައިވެ އެވެ.
ތޯރިގް ވިދާޅުވީ ސުވާލު އުފެދޭ ދަރަނިތަކުގެ މައްސަލަ ހައްލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ރާއްޖޭގެ ހަތަރު ޒޯނަކަށް ބަހަލާއި އަތޮޅު މުބާރާތްތަކާއި ރީޖަނަލް މުބާރާތްތައް ބާއްވައި ސަރަހައްދީ އެސޯސިއޭޝަންތައް އުފައްދައި އަތޮޅުތަކުގެ ފުޓްބޯޅަ އާއި ފުޓްސަލް އަދި ބީޗް ސޮކާ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެ އަހަރުތެރޭ އެ މަސައްކަތް ނިޒާމެއްގެ ތެރެއަށް ފެއްތޭނެ ކަމަށެވެ. މި އަހަރުތެރޭ އެ މަސައްކަތް ފަށައި ގަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
ބޭރުގެ ފެޑެރޭޝަންތަކުންނާއި ސަރުކާރުން ވެސް ފައިސާގެ އެހީތެރިކަން އެންމެ ގިނަ އަދަދަކަށް ލިބޭ އެސޯސިއޭޝަނަކީ އެފްއޭއެމެވެ. އެކަމަކު އެ އެސޯސިއޭޝަނުގެ މާލީ މުއާމަލާތްތަކަކީ "ބޮޑު ސިއްރެކެވެ." އޮޑިޓް ރިޕޯޓާއި މާލީ އަހަރީ ރިޕޯޓާއި އެކްޓިވިޓީ ރިޕޯޓް ވެސް މީޑިއާއަކަށް ބަލާލަކަށް ނުލިބެ އެވެ. އެފްއޭއެމްގެ އެކްސްކޯ މެންބަރުންގެ މުސާރަ އިސްވެ ހާމައެއް ނުކުރެ އެވެ.
އެ ހުރިހާކަމެއް ކުރަން ތޯރިގްގެ އެކްސްކޯ އަށް އަސާސީ ގަވާއިދުގެ އިންތިގާލީ މާއްދާތަކުން ވަނީ ލާޒިމުކޮށްފަ އެވެ.
ތޯރިގް ވިދާޅުވީ އެފްއޭއެމްގެ ވެބްސައިޓް އަލުން އުފައްދައި އެ މައުލޫމާތުތައް އަބަދުވެސް ފެންނަން ހުންނާނެގޮތަށް އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އަދި މީޑިއާ އަށް ވެސް މައުލޫމާތު ހޯދަން ފަސޭހަ އިންތިޒާމެއް ހަމަޖައްސަވާނެކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޫޓު
27 July 2025
ނުވާނެ ހަމަ އެއްކަމެއް ވެސް... ގޭންގް ތަކާ މާބޮޑަށް ގުޅިފަ އޮތީ
ކުކުޅޭ
27 July 2025
ދޮން ކަލޯ އަށް ތިތަން އާވީމާ ވާހަކަ ދެއްކޭނީ ތި ގޮތަށް!
ޕޮލިޓީޝަން
27 July 2025
މާކަނާ އެއް މަސް ފެންގަނޑެއް ވަރަށް ރަނގަޅަށް ބަލާނެމޭ ބުނުން ކަހަލަކަމެއް ދެއްތޮ.
މިއައު
27 July 2025
ފުޓުބޯޅަ އެއީ އެންމެންނަށް ކުޅެވޭ އެއްޗަކަށް ހެދޭނެތަ؟ ގޭންގުތަކުން ސަލާމަތް ވާނެތަ؟