27 ޖުލައި 2025 - 11:29
ޕީއެސްޖީން އެ ކްލަބުގެ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވިއްކާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީއާ އެކު ޑޮންނަރުއްމާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެ އެވެ. ކޮންޓްރެކްޓް އާކުރަން ޕީއެސްޖީން ބޭނުންވަނީ ކުޑަ މުސާރައަކަށެވެ. އެކަމަކު ޑޮންނަރުއްމާ އެގޮތެއް ބޭނުމެއް ނުވެ އެވެ. އެހެންވެ، އަންނަ ސީޒަނަށް ފަހު އޭނާ ހިލޭ ދޫކޮށްލަން ޖެހޭނެތީވެ، މި ފަހަރުގެ ބާޒާރުގައި އޭނާ ވިއްކާލަން ޕީއެސްޖީން ބޭނުންވަނީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން އޭނާގެ ބަދަލުގައި ގެންނަން ނިންމާފައިވަނީ، ލިލްގެ ފްރާންސް ގޯލްކީޕަރު ލޫކަސް ޝެވެލިއާ އެވެ.
ޑޮންނަރުއްމާ ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ ތުރުކީގެ ގަލަތަސަރާއީ އިންނެވެ. ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމެން ހިމެނޭހެން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނަ ގަލާ އިން ވަރަށް އަވަހަށް ޕީއެސްޖީ އަށް ރަސްމީކޮށް އޮފާ ފޮނުވާނެ ކަމަށްވެ އެވެ.
މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، އަދި ޗެލްސީން ވެސް ޑޮންނަރުއްމާ ގެންދަން ބޭނުންވާ ކަމަށްވެ އެވެ. އިޓަލީގެ ކްލަބްތަކުގެ ތެރެއިން އިންޓަ މިލާނުން ވެސް ޝައުގުވެރިވި އެވެ. އެކަމަކު އެއީ ބެލެވޭ ގޮތުގައި އަންނަ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ގެނެވޭ ނަމަ އެވެ.
އިޓަލީގެ އޭސީ މިލާނުން ވިދާލު ޑޮންނަރުއްމާ ޕީއެސްޖީ އަށް ބަދަލުވީ 2021 ގައި ހިލޭ ޓްރާންސްފާއެއްގަ އެވެ. އެހެންވެ އޭރު ޕީއެސްޖީން އޭނާ އަށް ބޮޑު މުސާރައެއް ދިނެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 12 މިލިއަން ޔޫރޯ އެވެ. ނަމަވެސް އެ ކްލަބުގެ މާލީ ކަންކަން ހަރުދަނާކުރަން ގެންގުޅޭ ސިޔާސަތުގެ ދަށުން، އަދި ކީޕަރަކަށް އެވަރުގެ މުސާރައެއް ދިނުމަކީ ދެމެހެއްޓެނިވި ގޮތަކަށް ނުވާތީ ޕީއެސްޖީން މުސާރަ ކުޑަކުރަން ބޭނުންވަނީ އެވެ.
ޑޮންނަރުއްމާ އަކީ ޕީއެސްޖީން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިޔާ އެވެ. އިޓަލީގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޑޮންނަރުއްމާ އަކީ އުމުރުން 16 އަހަރުގައި ވިދާލި ގޮތަށް އެއް ފެންވަރެއްގައި ހިފަހައްޓަމުން އަންނަ ކީޕަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy