ނަމާލް ރާޖަޕަކްސަ: ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މިއަދު އެނބުރި ގައުމަށް ވަޑައިގަތުމުން ވަނީ ހައްޔަރު އަމުރު ބާތިލްކޮށް ކަފާލާތުގެ ދަށުން ދޫކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
29 ޖުލައި 2025 - 16:51
ކޯޓަށް ހާޒިރުވުމުގެ އަމުރާ ހިލާފުވެ އިއްޔެ ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސަ މިއަދު އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވެ ވަޑައިގަތުމުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކައާ އެކު އެއް ފްލައިޓަކުން ރާއްޖެ ވަޑައިގަތީ ރާއްޖޭގައި އޮތް ކައިވެނި ހަފްލާއަކަށް ކަމަށް ލަންކާގެ ނޫސްތަކުން ބުނެފައިވެ އެވެ. ރައީސް ޑިސެނަޔަކަ ރާއްޖެ ވަޑައިގަތީ ފުރަމާނަ ދަތުރުފުޅެއްގަ އެވެ.
ނަމާލް ހަމްބަންޓޯޓާ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވާން އަމުރުކޮށްފައި އޮތީ ހަމްބަންޓޯޓާ ބަނދަރުގެ ކޮންޓްރޯލް ޗައިނާއަށް ދޫކޮށްލުމާ ދެކޮޅަށް 2017 ވަނަ އަހަރު ކުރި މުޒާހަރާއެއްގެ މައްސަލައިގަ އެވެ.
އޮކްޓޫބަރު 6، 2017 ގައި ކުރި އެ މުޒާހަރާއާ ގުޅިގެން، ގާނޫނާ ހިލާފަށް އެއްވުމާއި ކޯޓު އަމުރަށް ތަބާނުވުމާއި ތިން ވެހިކަލަކަށް ގެއްލުންދީ އާންމު މަސްލަހަތު ނަގާލުމާއި ރަސްމީ ވާޖިބަށް ހުރަސްއެޅުމާއި މަގުތަކުގައި ހުޅުޖެހުން ފަދަ މައްސަލަތަކުގައި އެކި މީހުންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ނަމާލް އިއްޔެ ރާއްޖެ ވަޑައިގަތީ އިއްޔެ ވެސް އަޑުއެހުމެއް ތާވަލްކޮށްފައި އޮއްވަ އެވެ.
ކޯޓަށް ހާޒިރުނުވުމުން ބަންދުކުރުމަށް ނެރުނު އަމުރު ބާތިލްކޮށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ފަހު މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ކަމަށް އަންގާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހަށެވެ.
މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ދައުވާތައް ވެސް އޮތް ނަމާލް މީގެ ކުރިން ވަނީ ތަހުގީގަށް ހައްޔަރުކޮށްފަ އެވެ. ނަމާލްގެ އިތުރުން، ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި އޭނާގެ ބައްޕާފުޅު މަހިންދަ ރާޖަޕަކްސަގެ އާއިލާގެ އެތައް ބަޔަކާއި އޭނާގެ ސަރުކާރުގެ އިސް އެތައް ބައެއްގެ މައްޗަށް އެކި މައްސަލަތަކުގައި ބޮޑެތި ތުހުމަތުތައް ކުރެވި ދައުވާ ވަނީ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަބުނީ
29 July 2025
ކޯޓަށް ހާޒިރުނުވުމުން ބަންދުކުރުމަށް ނެރުނު އަމުރު ބާތިލްކޮށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ފަހު މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ކަމަށް އަންގާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހަށެވެ. މަބުނީ ތަންކޮޅެއް އަވަހެއްނުން ދެން އޮންނަ އަޑުއެހުމަކަށް ދާންޖެހޭދުވަސް.. ދޯ؟
ކޮރަލް
29 July 2025
ރާއްޖެ އަށް ވެސް ކަފާލާތު ތައާރަފް ކުރަނީ އެވެ. ފައިސާ ހުންނަ މީހުންނަށް މިނިވަން ވެވޭނެ އެވެ.