ބިންހެލުން އައި ސަރަހައްދު، ފާހަގަކޮށްފައި
30 ޖުލައި 2025 - 05:31
ރަޝިޔާގެ އިރުމަތިން ކަނޑު ތެރެއަށް 8.7 މެގްނިޓިއުޑްގައި ބިންހެލުމެއް އައުމާ ގުޅިގެން ސަރަހައްދުގެ އެކި ހިސާބުތަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ ރަޝިއާގެ އެންމެ އިރުމަތީގައި އޮންނަ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރަށް ކަމަށެވެ. އެންމެ ފުރަތަމަ ބުނެފައިވަނީ ބިންހެލުމުގެ ބާރުމިން ހުރީ 8 ގައި ކަމަށެވެ. ނަމަވެސް ފަހުން ބުނީ ބާރުމިން ހުރީ 8.7 ގައި ކަމަށެވެ.
ޔޫއެސްޖީއެސް އިން ބުނި ގޮތުގައި ބިންހެލުން އައީ ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ގައުމަށް ސުނާމީ އެޑްވައިޒަރީއެއް ނެރެ، ތިން މީޓަރުގެ އުސްމިނުގައި ރާޅު އަރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުނީ ޖަޕާނުގެ ޕެސިފިކް އައްސޭރިފަށަށް ރާޅު އަރާނެ ކަމަށް ލަފާކުރެވެނީ ޖަޕާނު ގަޑިން ހެނދުނު 10:00 އިން 11:30 އާ ދެމެދު (ޖީއެމްޓީން 0100-0230) އާ ދެމެދު ކަމަށެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ހަވާއީ ސްޓޭޓާއި އަލަސްކާއަށް ސުނާމީގެ އިންޒާރު ނެރެފަ އެވެ.
BREAKING:
— Visegrád 24 (@visegrad24) July 30, 2025
First video of the tsunami hitting Kamchatka, Russia pic.twitter.com/SyCrcRIEpz
ރަޝިޔާގެ ކަމްޗަޓްސްކީއަށް ސުނާމީ އަރަނީ
ބިންހެލުމުގެ ކުޑަ އިރުކޮޅެއް ފަހުން ރަޝިޔާގެ ކަމްޗަޓްސްކީއަށް ސުނާމީގެ ރާޅުތައް އަރައި، އައްސޭރި ފަށުގައި އިމާރާތްތަކާ އެކު އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy