ސަން: އޭނާ ވަނީ ޓޮޓްނަމް ދޫކޮށްލަން ނިންމައިފަ --- ފޮޓޯ: ގެޓީ އިމޭޖަސް
02 އޯގަސްޓް 2025 - 10:12
މިދިޔަ ސީޒަނުގެ ޓޮޓްނަމް ހޮޓްސްޕާސް އަށް ތަށި ހޯދައިން ކެޕްޓަން ސަން ހިއުންމިން އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފި އެވެ.
ދެކުނު ކޮރެއާގެ ފޯވާޑް، އެ ގައުމުގެ ވެރިރަށް ސޯލްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ ޓޮޓްނަމް ދޫކޮށްލުމަކީ އެންމެ އުނދަގޫ ނިންމުން ކަމަށެވެ.
އުމުރުން 33 އަހަރުގެ ފޯވާޑް ބަދަލުވަނީ އެމެރިކާގެ މޭޖަ ލީގުގެ ލޮސްއެންޖަލިސް އެފްސީ އަށެވެ.
"އުތުރު ލަންޑަނަށް އަހަރެން ބަދަލުވިއިރު އަހަންނަކީ 23 އަހަރުގެ ޒުވާނެއް. އެ ކްލަބްގައި ހުރެ ބޮޑު މީހެއްގެ ގޮތުގައި އަހަރެން އެ ކްލަބް ދޫކޮށްލަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން،" ބެޔާ ލަވަކޫސަނުން 2015 ގައި ޓޮޓަނަމް އަށް ބަދަލުވި ސަން ބުންޏެވެ.
ގިނަ އަހަރުތަކަކަށް ފަހު ޓޮޓްނަމް އަށް ތައްޓެއް ހޯދައި ދިނުމުގައި ސަން މުހިންމު ދައުރެއް އަދާކުރި އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ތަށި އޭނާގެ ކެޕްޓަންކަމުގެދަށުން އެ ކްލަބުން ހޯދީ މެންޗެސްޓާ ޔުނައިޓެޑް ބަލި ކުރުމަށް ފަހު އެވެ.
ސްޕާސްގައި ހޭދަ ކުރި 10 އަހަރު ސަން ވަނީ 450 މެޗުން 174 ގޯލް އެ ޓީމަށް ޖަހައި ދީފަ އެވެ.
އޭނާގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރު ޖޫން މަހު އެވެ. ބާކީ އެއް އަހަރު އޮއްވައި އެ ކްލަބް ދޫކޮށްލަން އޭނާ ނިންމި ނަމަވެސް ކުރިމަގާ ބެހޭގޮތުން އޭނާ ވާހަކައެއް ނުދައްކަ އެވެ. ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ ކްލަބްތަކުން ވެސް އޭނާ ގެންދަން ހުށަހެޅި އެވެ. އެކަމަކު ޓްރާންސްފާ ޚަބަރުތައް ބުނާ ގޮތުން އޭނާ ވަނީ ލޮސްއެންޖަލެސްގެ ކްލަބަށް ބަދަލުވާން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy