03 އޯގަސްޓް 2025 - 09:38
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ދަތުރެއްކޮށް، ފުޓްބޯޅައިގެ ހަރަކާތްތަކެއްގައި ބައިވެރިވެ، ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމުކުރާ މި ދަތުރުގައި މެސީ އެންމެ ފުރަތަމަ ދާނީ، ޑިސެމްބަރު 12 ގައި އިންޑިއާގެ ފުޓްބޯޅައިގެ ހިތް ކަމަށްވާ ކަލްކަތާ އަށެވެ.
އެ ސިޓީގައި މެސީގެ ޝަރަފުގައި ބަހައްޓާ ހަނދާނީ ބިނާއެއް މެސީ ހުޅުވައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އީޑެން ގާޑެންސް ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕް އަދި ގޯޓް ކޮންސެޓުގައި އޭނާ ބައިވެރިވާނެ އެވެ. މީގެ ތެރެއިން ގޯޓް ކަޕަކީ، އިންޑިއާގެ ކުޅިވަރު ލެޖެންޑުން ކަމަށްވާ ސޯރަވް ގަންގޫލީ އާއި، ލެއަންޑާ ޕައެސް އާއި، ބައިޗުން ބުޓިއާ އަދި ފިލްމީ ތަރި ޖޯން އަބްރަހަމް ވެސް ބައިވެރިވާ ގޮތަށް ބާއްވާ ސެވަން އަ ސައިޑް މުބާރާތެކެވެ. އީޑެން ގާޑެންސް އަކީ، ބްރެޒިލްގެ ލެޖެންޑް ޕެލޭ ވެސް ކުޅެފައިވާ ތާރީހީ ސްޓޭޑިއަމެވެ.
އޭގެ ފަހުން މެސީ ދަތުރުކުރާނީ އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ފައުންޑޭޝަނުގެ ޕްރައިވެޓް އިވެންޓަކަށް އަހުމަދުއާބާދާށެވެ. އެއަށް ފަހު މުމްބާއީ އަށް ގޮސް، ވަންކެޑޭ ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕުގައި ބައިވެރިވާނެ އެވެ.
މެސީގެ އެންމެ ފަހު މަންޒިލަކީ ވެރިރަށް ނިއު ދިއްލީ އެވެ. މި ދަތުރުގެ އެންމެ ހާއްސަ ކަމަކީ ޑިސެމްބަރު 15 ގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރުމެވެ. އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އެންމެ ފަހު ހަރަކާތަކީ ފީރޯޒް ޝާހު ކޮޓްލާ ސްޓޭޑިއަމުގައި އޮންނަ ގޯޓް ކަޕެވެ.
މެސީގެ މި ދަތުރުގައި ކޮންމެ ސިޓީއެއްގައި ވެސް، ކުޑަކުދިންނަށް ހާއްސަ މާސްޓާކްލާސް ސެޝަންތަކެއް ބާއްވާނެ އެވެ. އަދި ސަޕޯޓަރުންނާ ބައްދަލުކުރާނެ އެވެ.
ކްރިކެޓަށް މަރުދޭ އިންޑިއާގައި ފަހަކަށް އައިސް ފުޓްބޯޅައިގެ ފޯރި އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އެ ގައުމުގެ ޒުވާނުންގެ މެދުގައި ޔޫރަޕުގެ ފުޓްބޯޅަ ބަލާ މިންވަރު ވަނީ އިތުރުވެފަ އެވެ. ފީފާ އިން ވެސް އަންނަނީ އިންޑިއާގެ ބިޔަ އާބާދީގެ ފައިދާ ނަގައި މާލީ ފައިދާ ހޯދަން އެ ގައުމުގައި ފުޓްބޯޅަ ދިރުވަން މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަނީ އަބދުލް
03 August 2025
ދުނިޔޭގަ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުން ތެރިއަކީ cr7. އެއްވެސް ތައްޓެއް ތަބަބަކުން ނުނަގާ ހުރިހާ ޓޮރޮފީއެއް އަމިއްލަ ބުރަމަސަކަތުން ހާސިލް ކޮށް ދުނިޔޭގެ އެތަށް ރަން ވަނައެއް ހޯދައިފައިވޭ. ސަބަބަކީ cr7 ޔަހޫދީ ފާރު ކައިރީގައި ގިސްލާފަ ރޯން ނުދިޔާއިމާ، އޭނަ ހުޅަނގުގެ ޖަމީއްޔާ (ފީފާ، ޔޫއެފާ) އިން ބަލައި ނުގަންނަނީ.
ޙިނި އަންނަނީ
03 August 2025
ބުރަ މަސައްކަތުން ސީއާރސެވަން އެހިސާބައް އައީ އެއީ ސައްކެއްވެސް ނެތް ކަމެއް ޔަހޫދީންނާ އެކީ ހުރި މީހެއް މެށީ އަކީ އެކަމް އެއީ ދުނިޔޭ އަދި ފެނުން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ... ޢެހެންނޫން ޒިދާން ވެސް ވަރައް މޮޅު ކީއްވެބާ ރޮނާލްޑޯ ނުބުނެ ޒިދާން ނަން ނުބުނީ... ޢެ އެންމެނައް ވުރެ މޮޅު ރޮނާލްޑީނިއޯ
ޕެނަލްޑޯ
03 August 2025
ތިކިޔަނީ ލައްގަޅޭގެ ވާހަކައެންނު، ކޮން އަމިއްލަ މަސައްކަތެއް، އެހެންކުޅުންތެރިން ކުރާ ބުރަމަސައްކަތުގެ ފޮނިކޮޅު ބޯލައިގެން މެޑެލް ޖަހާ މީހެއްގެ ވާހަކަ ތި ދައްކަނީ.