އޮންގަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން އެދުނަސް އޭނާ ކެންސަރަށް ފަރުވާ ހޯދަމުން އަންނާތީ ޖޫރިމަނާއަކުން މައްސަލަ ނިމުން އެކަށީގެންވޭ
މިއަދު އޮތް ކޯޓުގެ އަޑުއެހުމަށް ފަހު ސިންގަޕޫރުގެ ސްޓޭޓް ކޯޓުން ބިލިއަނަރު އޮންގް ބެންގް ސެންގު (މ) ނުކުމެގެން ދަނީ. -- ފޮޓޯ: އޭއެފްޕީ
04 އޯގަސްޓް 2025 - 16:49
ހޮޓެލް ވިޔަފާރީގައި މަޝްހޫރު އަދި ރާއްޖޭގައި ވެސް ރިސޯޓްތައް ހިންގާ ބިލިއަނަރު އޮންގް ބެންގް ސެންގުގެ މައްޗަށް ސިންގަޕޫރުގައި އުފުލި އަދުލުއިންސާފަށް ހުރަސްއެޅުމުގެ ދައުވާއަށް އޭނާ މިއަދު އިއުތިރާފުވެއްޖެ އެވެ.
ސިންގަޕޫރަށް "ފޯމިއުލާ ވަން" ގެނައުމުގައި އެހީތެރިވި އޮންގުގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރު ސިންގަޕޫރުގެ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންގެ މައްޗަށް ޖަލު ހުކުމެއް އައި ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިންނެވެ.
ސިންގަޕޫރުގައި އުޅޭ މެލޭޝިއާގެ މަހުޖަނެއް ކަމަށްވާ އުމުރުން 79 އަހަރުގެ އޮންގުގެ މައްޗަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދައުވާ އުފުލީ ރިޝްވަތުގެ ތަހުގީގެއްގައި ހެކި ފޮރުވުމަށް އެސް އިސްވަރަން އަށް އެހީތެރިވެދިން މައްސަލައިގަ އެވެ.
ސިންގަޕޫރުގައި މަދުން ނޫނީ ނުހިނގާ ފަދަ ކޮރަޕްޝަންގެ މައްސަލަތަކެއް މިދިޔަ އަހަރު ފަޅާއަރައި ހިންގި މި ތަހުގީގުން ހާމަވެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ސިންގަޕޫރު ފޯމިއުލާ ވަން ގްރޯން ޕްރީގެ ޓިކެޓާއި ޕްރައިވެޓް ޖެޓެއްގެ ދަތުރުތަކާއި ބިޒްނަސް ކްލާހުގެ ދަތުރުތަކާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމަށް ހަރަދުކޮށްދިނުން ފަދަ އަގުބޮޑު ހަދިޔާތައް އޮންގް ވަނީ އިސްވަރަން އަށް ދީފަ އެވެ.
ސިންގަޕޫރުގެ ޑިސްޓްރިކްޓް ކޯޓެއްގައި ބޭއްވި އަޑުއެހުމުގައި، އޮންނަ ކުށަށް އިއުތިރާފުވާ ކަމަށް ބުނި އިރު ހާޒިރުކޮށްފައި އިނީ ބިއްލޫރިން ބަންދުކޮށްފައިވާ ކޮށިގަނޑެއްގެ ތެރޭގަ އެވެ. ޕްރޮސިކިއުޓަރުން ވަނީ އޮންގް ކުށަށް އިއުތިރާފުވުމާ އެކު ދެ މަހުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް އެދިފަ އެވެ.
އެކަމަކު ޕްރޮސިކިއުޓަރުން ވަނީ އޮންގުގެ ބަލި ހާލަތަށް ރިއާޔަތްކޮށް ލުއި ދިނުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ ވަރަށް ލުއި ގޮތަކަށް އަދަބު ކަނޑައެޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އަދަބު ކަނޑައެޅުމުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.
ދިފާއީ ވަކީލުން ވަނީ އޮންގުގެ އުމުރުން 70 އަހަރު ވެފައި ވާއިރު ސިއްހީ އެކި މައްސަލަތައް ދިމާވެފައިވާ ކަމަށާއި ފަސޭހަ ނުވާނެ ބާވަތެއްގެ ކެންސަރެއް ވެސް އޭނާއަށް ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އެހެންވެ ޖަލަށް ލުމުގެ ބަދަލުގައި ބޮޑު ޖޫރިމަނާއެއް ކުރުމަށް ދިފާއުން އެދުނެވެ.
"ޖަލުގައި އޮންނަ ޖެހޭ ނަމަ އޮންގްގެ ފުރާނައަށް އޮތް ނުރައްކާ ވަރަށް ބޮޑަށް އިތުރުވޭ،" ގާނޫނީ ވަކީލް ކެވިންޑާ ބުލް ކޯޓުގައި ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އޭނާގެ މުވައްކިލަށް ޖަލުގައި އެކަށީގެންވާ އަޅާލުމެއް ނުދެވޭނެ ކަމަށެވެ.
"މިއީ ހަމަ ކިރިޔާ ދުނިޔޭގައި ހުރި މީހެއް،" ވަކީލް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ކޯޓަށް ހުށަހަޅާފައިވާ މެޑިކަލް ލިޔުންތައް ބެލުމަށް ފަހު ދައުލަތުން ވެސް، ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާއެއް ކުރުމާ ދެކޮޅު ހަދާފައިނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
06 August 2025
ސިންގަޕޫރަކީ، 9 އައުގުސްތުސް 1965 ގައި، މަލީސިޔާގެ އިސްތިއުމާރުން މިނިވަންވީއްސުރެން، ފަހަކާއި ޖެގެންދެން، އެއްވަނަ ދުނިޔޭގައި ހިމެނޭ ގޮތުން، އޭސިޔާގައި ހުރި މަދު ރަށްރަށުގެ ތެރެއިން އެއްރަށް. މިހާރު ސިންގަޕޫރު މިސްރާބުޖަހާފަ މިއޮތީ، ދިވެހިރާއްޖެ ފަދަ، ތިންވަނަ ދުނިޔޭގެ، ޓިނު ތެލި، ދޮންކެޔޮ ޖުމްހޫރިއްޔަތަކްށް ވުމުގެ މަގުމަތީގަ. ވިދުވަރުގެ ދުވެލީގަ މިކަން ހަގީގަތަކަށް ވެގެން ދާނެ ކަމާއި މެދު، ޝައްކެއް ނެތް.
ކަލޯބެ ހަސަން
05 August 2025
މިތަނުގައި ކޮމެންޓް ކުރައްވާފައިވާ ބޭފުޅުން ނަށް ދަންނަވާލަން. ސުޖާވެސް ސުޖާއަކަށްވީ އަދި އެހްނމީހަކުވެސް އެހެން މީހަކަށްވީ އަހަރެމެން ރަްޔިތުންގެ އިހުމާލުން. ފައިސާ ކޮޅަކަށް ވިއްކާނުލާ. މިއޮތީ އަނެއް އިންތިހާބު ބޯމަތިވެފަ. ޤައުމަށް ހެޔޮ އެދެންނާމު އަމިއްލަ ނަފުސު އިސްލާހުކޮށް ގޭތެރޭން އިސްލާހުފަށާ... ސިޔާސީ ފިކުރާހެދި އަމިއްލަ އަގުތަކާއި ދަރިންގެ މުސްތަކުބަލު ހަލާކު ކޮށްނުލާ. މާޒީގެ ވެރިކަންތަކާއި މިހާރުގެ ވެރިކަމުން ފެންނަ ޢިބުރަތައް ވިސްނާބަލާ
އިސްމާލި
05 August 2025
ލޮލް!!!! މިތާނގައި ލޮލަށް ވެލިކޮޅެއް ވެއްޓިގެން ވެސް ގެއަށް ބަދަލު ކުރޭ. އަދި ނޭވާލާން އުނދަގޫވާތީ، ނޭވާލާ މެޝިނެއް ގުޅައިގެން ނިދަންޖެހޭތީ ވެސް ގެއަށް ބަދަލުކުރޭ. އެ ވެސް އަދި މި ރާއްޖޭގައި ނުހިނގާވަރުގެ ކޮރަޕްޝަން ހިންގައި، ސިފައިންގެ ބަޑިގުދަނުން ބަޑި ވަގަށް ނެގީމަ ލިބުނު އަދަބު. ބާކީ ތިބި މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި. މިއީ މަޝްހޫރު ދޫނިރާއްޖެ.
ވޯލް
05 August 2025
ދެން ރާއްޖޭގައި ނަމަ ގާޒީއަށް އެފަދަ ހިދުޔާކޮޅެއް ދޭނީ.
ލާތާފާ
05 August 2025
މަރުހަބާ އޮންގޫ، އަވަހަށް ޓައި އަޅައިގެން ސުޓޭޓް މިނިސްޓަރު ނުވަތަ ސިންގަޕޫރު އެންބަސީގެ ފަތްކޮޅު ބަލާގަތުމަށް މިއަޔަދު ރައީސް އޮފީސް ބަންދުކުރުމުގެ ކުރިން ޒިޔާރަތް ކުރަށްވާ.
މައްކޫ
05 August 2025
އޮންގ އަށް އެފަދަ ކަންކަންކުރަން ދަސްވީ ރަައްޖެއިން ކަމަށް ވެދާނެ. ޢެއީ ރާއްޖޭގައި އާންމުކަންކަން ވިއްޔާ!!
ޙުން ސަން
04 August 2025
މީނަ ކަރަފުޝަނުން ގުރެޖުއޭޓުވީ މިތާގައި ކަމަށް ލަފާކުރެވޭ
އެކޮއި
04 August 2025
މި ޤައުމިގައި ފައިސާ އޮތިއްޔާ ކިތަަންމެ ބޮޑު ކުށަކުންވެސް ސަލާމަތްވެވޭ. ދައުލަތުން ވައްކަންކޮށްގެން ނުވަތަ ދައުލަތުގެ ތިޖޫރީ ލޫޓުވައިގެންވެސް މިލިޔަނަރަކަށް ވެވިއްޖެނަމަ އެހިސާބުން މީހާ ހުދު ފޮތިކޮޅަކަށްވޭ. މިފަދަ ކިތަންމެ މިސާލުތައް މިހާރުވެސަ މިޤައުމުން ފެންނަން އެބހުރި.
ވިސްނިއްޖެ?
04 August 2025
ރާއްޖޭގައި އެހެން އެދިމާވަނީ ހުރިހާ ދިމާލެއްގައިވެސް ކޮރަޕްޓް މީހުންތިބީމާ. ސަހަލު ހަމައެކަކުވެސް ނެތީމާ
ބުރުގާ
04 August 2025
މީ ރާއްޖެ ކަހަލަ އަދުލު އިންސާފު ބޮއްސުންލާފަ ހުރި ގައުމަކައް އިބުރަތެއް.
އުދުހޭ
04 August 2025
ސުޖާ ކިޔެވި ފޮތް އޮންގް ނުކިޔެވީމަ ވީގޮތްދޯމީ