ޣައްޒާއަށް ވަންނަން މިސްރުގެ ބޯޑަރު ކައިރީގައި މަޑުކޮށްގެން ތިބި އެހީގެ ޓްރަކްތަކެއް: މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވިދާޅުވީ ރަފަހް ބޯޑަރު ބަންދުކޮށް އެހީއަށް ހުރަސްއަޅަނީ މިސްރުން ނޫން ކަމަށް. -- ފޮޓޯ: އޭއެފްޕީ
06 އޯގަސްޓް 2025 - 05:34
ފަލަސްތީނުގެ ޣައްޒާގައި ހައިހޫނުކަން އާންމުވެ މީހުން މަރުވަމުން ދާއިރު އެ ސަރަަހައްދަށް އެހީގެ ސާމާނު ވެއްދުމަށް މިސްރުން ހުރަސްއަޅައި ރަފަހް ބޯޑަރު ބަންދުކޮށްފައިވާ ކަމަށް ބުނާތީ މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ރައްދު ދެއްވައިފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީސީ ވިދާޅުވީ ރަފަހް ބޯޑަރު އެއްވެސް އިރަކު ބަންދު ނުކުރާ ކަމަށެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ހަމަލާދެމުން ދާއިރު 2024 ވަނަ އަހަރުގެ މެއި މަހާ ޖެހެން ރަފަހް ބޯޑަރަކީ ޣައްޒާއަށް ބޭނުންވާ މުހިންމު ސާމާނު ވެއްދުމުގެ މައި މަގެވެ.
"އެ މަގުގެ، ފަލަސްތީނު ފަޅީގައި އިޒްރޭލު ސިފައިން ނުތިބޭހާ ހިނދަކު އެހީގެ ސާމާނު ގެންދެވޭނެ،" ސީސީ ވިދާޅުވި އެވެ.
ސީސީ އިޝާރާތްކުރެއްވީ މިދިޔަ އަހަރުގެ މެއި މަހު ރަފަހް ބޯޑަރު ކައިރިން ޣައްޒާ ތެރެއިން އިޒްރޭލުން ކުރިމަތިކޮށްފައިވާ ހުރަސްތަކަށެވެ. އޭނާ ވިދާޅުވީ ޣައްޒާއަށް އެހީ ވެއްދުމަށް މިސްރުން ހުރަސްއަޅާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
"މިސްރަކީ އަބަދުވެސް އެހީގެ ދޮރަކަށް ވާނެ، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ ވިއްސިވިހާލިކޮށްލުމުގެ ދޮރަކަށް ނުވާނެ،" ސީސީ ވިދާޅުވި އެވެ.
ސީސީ ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ކުރާ މަސައްކަތުގައި ވެސް މިސްރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފަ އެވެ. އަދި ވިދާޅުވީ މިހާރުވެސް 5،000 އަށް ވުރެ ގިނަ ޓްރަކް އެހީގެ ސާމާނާ އެކު ރަފަހް ބޯޑަރު ކައިރީ، ޣައްޒާއަށް ވަދެވޭނެ އިރެއްގެ އިންތިޒާރުގައި އެބަ ތިބި ކަަމަށެވެ.
"މިސްރު އޮންނާނީ ކޮންމެ ވަގުތަކު ވެސް އެހީ ފޯރުކޮށްދޭން ތައްޔާރަށް. އެކަމަކު ފަލަސްތީނުގެ ބިމުން އެތަނުގެ ރައްޔިތުން ނެރެ ވިއްސިވިހާލިކޮށްލުމުގެ ދޮރަކަށް މިސްރު ނުވާނަން،" ޣައްޒާއިން މީހުން ހުސްކުރަން އެމެރިކާ އާއި އިޒްރޭލުން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެދުމުގައި ދެމިއޮންނާނެކަން ތަކުރާރުކުރައްވަމުން ސީސީ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސީސީ ވިދާޅުވި ގޮތުގައި ޣައްޒާގައި އިޒްރޭލުން މިހާރު އެ ކުރަނީ "ސިޔާސީ މަގްސަދެއް ހާސިލްކުރަން ނުވަތަ ރަހީނުން ސަލާމަތްކުރަން" ކުރާ ހަނގުރާމައެއް ނޫނެވެ. އޭނާ ވިދާޅުވީ އިޒްރޭލުން އެ ކުރާ ކަމަކީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް، ދުރާލައި ރޭވިގެން އެތަނުގެ ރައްޔިތުން ނައްތާލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތައް ދިފާއުކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ސީސީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަދިގެ
08 August 2025
ހުރަސްއަޅާ ހަމައަޅާ.. ތީކޮންބައެއް ؟؟
ސަހަރޯއޭ
07 August 2025
މުރުސީ ރަހުމުކުޑަކޮށް މަރާލި ސީސީ ތެދެއް ހަދާނެ ކަމަށް ޤަބޫލު ކުރާހާ މޮޔައިން ކަމަށް އަހަރުމެންނަކީ ހީވަނީތޯއްޗެ!
ޕާޕައި
06 August 2025
ބޮޑު މުނާފިގު. ހުޅަނގުގެ ޕަޕެޓް. ކްލައުން ސީސީ
އިސްލާހު
06 August 2025
ތެދެއް ! ހުރަހެއްނާޅާ . އަހަރެމެންގެ އަޚުންނާ އުޚުތުން ބަނޑަށް މަރުވަމުން ދާއިރު މިވެރިން ތިބެނީ ބަނޑުފުރެންދެން ކައިގެން ނިދާފަ.... ތާހިރެއްނު
ޖަލީލީ
06 August 2025
މި ވެރިންނަށް ޤިޔާމަތް ދުވަހު ﷲ ގެ ހަޒްރަތުގައި ވެސް މި އުޒުރު ދައްކަން ކެރޭނެބާ. މުސްލިމު އުންމަތެއް ފަނާކޮށްލާ އިރު މިވެރިން ތިބީ ޔަހޫދީންނާއި އެމެރިކާގެ ކޮޅުގައިކަން އެންމެންނަށްވެސް އެނގޭ. މިހާރު މިވެރިން އުޅެނީ ހަމާސް ޖަމާތް ނައްޓާލަން.