މުސްއަބު: ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި
07 އޯގަސްޓް 2025 - 18:03
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ އޭނާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބެލި މައްސަލަތަކަކާ ގުޅިގެން 2019 ވަނަ އަހަރު މުސްއަބު ވަޒީފާއިން ވަކިކުރި މައްސަލާގައި ހައި ކޯޓުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަަށް ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގެ އެ ހުކުމް ސީއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ކަނޑައެޅީ މުސްއަބު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، ހައި ކޯޓުން ނަގައިދިން ބަދަލުގެ ބައި ސުޕްރީމް ކޯޓުން ބާތިލްކޮށް، އެ ބަދަލު ހޯދަން ވަކިން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައެޅި އެވެ.
އެއީ މުސްއަބުގެ ފަރާތުން ބަދަލު ނަގައިދޭން ފުރަތަމަ އެދިފައިވަނީ ހައިކޯޓުގެ މަރުހަލާގައި ކަމަށްވާތީ އާއި ބަދަލު ނަގައި ދިނުމަކީ ފުރަތަމަ މަރުހަލާގައި ހުށަހެޅި، ގޮތް ނިންމަންޖެހޭ ކަންކަމަށް ވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މުސްއަބު ވަނީ ބަދަލު ހޯދުމުގެ ދައުވާ ސިވިލް ކޯޓަށް ވަކިން ހުށަހަޅައިފަ އެވެ. އެ މައްސަލާގައި މިއަދު އެ ކޯޓުން އިއްވި ހުކުމްގައި ބުނީ މުސްއަބު ވަޒީފާ ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށްވާތީ، އޭގެ ބަދަލުގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން އެއްބަސްވުމުގައި ބާކީ އޮތް ދެ އަހަރާއި 10 މަސް އަދި 15 ދުވަހަށްވާ މުސާރަ ސިވިލް ސާވިސް ކޮމިޝަނުން ދޭން ޖެހޭނެ ކަމަށެވެ. އެއީ 1.1 މިލިއަން ރުފިޔާ އެވެ.
މީގެއިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ގަވައިދުގެ ދަށުން ވަޒީފާގެ އިނާޔާތުގެ ފައިސާ ވެސް މުސްއަބަށް ދައްކަން ހުކުމްކޮށްފައިވެ އެވެ. އަދި މިކަމާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި އޭނާގެ އަތުން ހަރަދުވި 40،000 ރުފިޔާ ވެސް ދައްކަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.
ސިވިލް ކޯޓުން މި ދަރަނި އަދާކުރަން ދައުލަތުގެ މައްޗަށް ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިމް
09 August 2025
މުސްއަބު ވަކިކުރީ ވަޒީފާގައި ނޫޅޭ މުވައްޒަފަކަށް އެތައް މަހެއް ވަންދެން މުސާރަ ދިނުމުން. އެކަހަލަ ކަންކަމުން ވަޒީފާއިން ވަގުތުން ވަކިކުރެވެން ޖެހޭނެ.
މައްކުބޭ
08 August 2025
ޓެކްސްޕޭޔަރ ތި ފައިސާ ދޭކަށް ނުޖެހޭނެ، ޓެކްސްޕޭޔަރ ހުންނާނެ ތިފަދަ ކަންކަން ރަނގަޅަށް ކުރަން އެކިއެކި މީހުން ހަމަ ޖައްސާފަ. ތިފަދަ ގޯހެއް ހެދިބަޔަކު އަމިއްލައަށް ތި ފައިސާ ދޭންޖެހޭނީ. މިކަން މިގޮތަށް ނުކުރާނަމަ ދުވަހަކުވެސް ކަންކަން ރަނގަޅެއް ނުވާނެ.
ލުބްލާ2025
08 August 2025
ރަނގަޅު ވާހަކައެއް. ކަމިޝަނުގެ މެމްބަރުން ޒިންމާ ކުރުވާ
އަބޫ
08 August 2025
ކޮމިޝަންގެ ނިންމުމުގެ ކުރިން ޤާނޫނީލަފާހޯދާ
އާޔަތު
08 August 2025
ލަފާ ހޯދިޔަސް ކަންކަން ނިންމަނީ ކަމިޝަނުން ބޭނުންވާ ގޮތަށް.
ސިރާޒީ
08 August 2025
އެ މުއްދަތަށް އޭނާއަށް މުސާރަ ދޭނަމަ، އެ މުއްދަތުގައި އޭނަ ހޯދި އާމްދަނީ ދައުލަތަށް ނަގަން ޖެހޭނެ..
އިންސޯފު
07 August 2025
މިބޭފުޅުންގެ މައްސަލަ ހާދަ އަވަހަށް ނިމޭދޯ. ދަށުން އެންމެ މައްޗަށް ގޮސް އަނެއްކާ ދަށު ކޯޓުން ނިންމާލީ 6 އަހަރުން. 4 މަރުހަލާ. އެކަމު ނިކަމެތިންގެ މައްސަލަ 5-6 އަހަރުން ދަށު ކޯޓުންވެސް ނުނިމެ. ބޮޑުންގެ އަވަސް ބޮޑު އިންސާފު.
ރާއްޖެ
07 August 2025
ސިވިލް ސަރވިސް ކޮމިޝަނުން އަބަދުވެސް ކުރަނީ މިކަހަލަ ކޮސް ކަންތައްތައް. ކާކުބާ ލީގަލް އެޑްވައިޒް ދެނީ.
އާޔަތު
08 August 2025
ލީގަލް އެޑްވައިސް ދޭ މީހުން އެކަން ނުކުރަން ލަފާ ދިނަސް ކަމިޝަނުގެ މެމްބަރުންވެ ގޮތުގަ ތިބޭ ސިޔާސީ މީހުން ކަންކަން ނިންމަނީ އޭރުގަ އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަށް
ދެރަ
07 August 2025
ޢިސްލާމިކް މިނިސްޓްރީ، އޭނާ ވަޒީފާއިން ވަކި ކުރި މީހަކު އަތުން އެފައިސާ މަހުންމަހަށް ބަހައިގެންވެސް ދީ، ސަރުކާރު ބަދަލުވާއިރަށް މީގެ އެތަށް ފައިސާއެއް ބަދަލަށް ބަހަންޖެހިފަ، ކޮންފަދަ ކަމެއްތަ
ގިލަން
07 August 2025
ތިޔަ މުއްދަތުގަ އޭނާ ވަޒީފާއެއް އަދާކޮށްގެން ލިބުނު އާމްދަނީ ވެސް ދައުލަތަށް ދިނުމަށް ހުކުމްގަ ހިމަނާލިނަމަ އަދުވެރި އިންސާފުވެރި ހަމަހަމަ ހުކުމަކަށް ވީ ހެވެ.
ދޮން ހަސަނު
07 August 2025
ސިވިލް ސަރވިސްތީ ވާނުވާނޭގޭ ކަމުން ސިޔާސީނޫން އެކަމު އަސްލު ސިޔާސީ ތަނެއް.
ލޯޔަރު
07 August 2025
2 އަހަރުގެ މުސާރަ ނަގައިދޭން ހުކުމް ކުރި އިރު، އެ 2 އަހަރުގައި އޭނާ ހަމަ އެއްވެސް ކަމެއް ނުކުރަނީތޯ؟ އެހެން ވަޒީފާއެއް ހޯދުމަށް އެކަށޭނަ މުއްދަތަކަށް ބަދަލުގެ ގޮތުގައި މުސާރަ ނަގައިދިނުން އިންސާފަށް ވެދާނެ.. އެކަމަކު މި ގޮތަކަށް ބަދަލު ނަގައި ދެވިގެން ނުވާނެ..