ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. ތުޅާދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
12 އޯގަސްޓް 2025 - 13:24
ބ. ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތުޅާދޫގައި ކުރީގެ ސަރުކާރުން ވެސް ވަނީ 100 ހައުސިން ޔުނިޓް އަޅައިފަ އެވެ. 2023 ގައި މަސައްކަތް ނިމުނު އެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރީ މި މަހުގެ ކުރީކޮޅު އެވެ.
ބ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.
"އެ މަރުހަލާ ނިމުނީމަ ދެން އަޅުގަނޑުމެން އަގު ހުށަހަޅަން ހުޅުވާލާނަން. މާނައަކީ އާ އިތުރު 100 ހައުސިން ޔުނިޓް، އާ 100 ފްލެޓް މަޝްރޫއު އެޅުމުގެ މަސައްކަތްކުރުމުގެ ބަޔަކު ހޯދުމާއި އެގްރީމަންޓް ހެދުމުގެ މަސައްކަތް މިހާރު އޮތީ ފެށިފައޭ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިދޭނަން،"
އެމަނިކުފާނު ވިދާޅުވީ އެ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ކައުންސިލުން ކަނޑައަޅާ މިންގަނޑެއްގެ ދަށުން ކަމަށެވެ. އެ މިންގަނޑު ކަނޑައަޅާނީ ރަށުގެ ރައްޔިތުންނާއި ދާއިރާގެ މަޖިލިސް މެމްބަރާ ވެސް މަޝްވަރާކޮށް ހިޔާލު ހޯދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މިންގަނޑަކީ ގާނޫނާ ހިލާފު މިންގަނޑެއް ނޫންނަމަ، މިނިސްޓްރީން ހުއްދަ ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. ތުޅާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.
ސަރުކާރުން ތުޅާދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން އޭރު ހަވާލުކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ޖުލައި، 2019 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 79.6 މިލިއަން ރުފިޔާއަށެވެ.
އެކަމަކު މަޝްރޫއު ނިމުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެތަން ދޫނުކުރުމުން ރައްޔިތުން ނުކުމެ ކައުންސިލު އިދާރާއަށް ވަދެ މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އިހުތިޖާޖުކޮށްފަ އެވެ. އެ އިހުތިޖާޖުކުރީ ހައުސިން ޔުނިޓް ދޫކުރަން ފުރަތަމަ އެކުލަވާލި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދަން އެ ރަށު ކޯޓުން ނިންމި ނިންމުމާ ހިލާފަށް، ކައުންސިލުން އަމަލުކުރަން އުޅޭ ކަމަށް ބުނެ އެވެ.
އެ ރަށުގައި ތަރައްގީކުރީ 1،100 އަކަފޫޓުގެ ހަައުސިން ޔުނިޓްތަކެކެވެ. އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީއަށް ހާއްސަ ބައެއް ހުރެ އެވެ.
އެ 100 ހައުސިން ޔުނިޓުގެ ތެރެއިން އެ ރަށު ރައްޔިތުންނަށް ދޫކުރުމަށް ނިންމީ 92 ހައުސިން ޔުނިޓެވެ. ބާކީ ހައުސިން ޔުނިޓްތައް ހާއްސަކުރީ އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ 8 ފަރާތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަފޫރްް
13 August 2025
ހަމަ 100% ޔަގީން މިބުނަނީ ރައީސް މުއިއްޒު މި ދައުރުގައި މި މަސައްކަތް އެއްކޮށް ނިންމާ ފްލެޓްތަށް ދޫކުރާނެ.
ޔަޝްް
13 August 2025
އަދިވެސް އެމްޑީޕީ ބޮޓުން ބުނާނެ ހަމައެކަނި މާލެ ސަރަހައްދަށޭ ކަންކަން ކޮށްދެނީ.
މިރުޒާޒާހިރް
13 August 2025
ސާބަހޭ. ރައީސް ބުނިގޮތަށް ބޯހިޔާވަހިކަމަށް ޓޯޓަލް ސޮލިއުޝަންއެއް ރައީސް ގެންނަވާނެ.
ލަގްޒަރީ
12 August 2025
ކުރިއަށް އޮތް 3 އަހަރުތެރޭ ފުލެޓްތަކަށް ތުޅާދޫގެ ރައްޔިތަކަށް ވަދެވިއްޖެޔާމުން ކިތަމެހާވެސް ރަންގަޅު. އުންމީދަކީ ދ.މާއެނބޫދޫ ފަޅުކޮންނަނަށް ރ.މުއީޒު ވީ ވައުދުގޮތަށް ނުދިޔުން.
މުބާސަރު
12 August 2025
މަނިކުފާނު ތީ ދިވެހިރާއްޖޭގައި އެންމެ ގިނަ ހައުސިން ޔުނިޓު އެޅުއްވި ބޭފުޅާ، މަނިކުފާނުގެ ވެރިކަމުގެ މިހާ ޅަފަތުގައި ތިޔަ އިސްކަން ދެއްވަނީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މީ މާލޭ ސަރުކާރުން ދުވަހަކުވެސް ކުރި ކަމެއް ނޫން
ހާންޓޭ ހަނީ
12 August 2025
ދިވެހި ރައްޔިތުންނަށް ހާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތިކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވަން
ހިނީ
12 August 2025
ހެއްހެއްހޭ ބަލަ ތި އުޅެނީ ތަރައްގީގެ ގާބުރިޔެއްވެސް ނުބޭއްވިގެން ދެން ކޮން 100 ޔެއްތޯ އިތުރުކުރެވޭނި އަނގައިން ކުރާކަންކަން މުއިޒުކުރާނެ. އަޅުވާނީ ލޮލުގާ އަނދުން
އަސްރަފް މުހައްމަދު
12 August 2025
ސާބަހޭ ރައީސް، ތީ އަސްލު ފުލެޓު ދޮންބެ