ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ޖެނުއަރީ 11 ގައި ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން ވަކިވަކިން ކުރި ދެ އިއުލާނުގައި ބުނީ އެކަމަށް އެދި ކުރިމަތިލާން ޖެހޭނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ވިލުފުއްޓާއި ތުޅާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ 11 ގައި ހުޅުވާލާނެ ކަމަށެވެ.

އެ ފްލެޓުތައް ދޫކުރާނީ އެ ޔުނިޓުތައް ދޫކުރުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަމަށް ބުންޏެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް 11 ގެ ނިޔަލަށް ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓް ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް އެ ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓްކޮށް ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ތުޅާދޫ ކައުންސިލާ އެވެ.

އެކަމަކު އެ ދޫކުރަން ކަނޑައެޅި އުސޫލަކީ ބާތިލު އެއްޗެއް ކަމަށް ކަނޑައަޅާއި އިސްލާހު ކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.

އެކަމާ ގުޅިގެން ކުރި ހުކުމްގައި ވަނީ އުސޫލަށް ގެނައި ބަދަލަކީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށެވެ. އެހެންވެ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށް ހުކުމް ކުރި ނަމަވެސް އޭގެ ފަހުން އެކި މައްސަލަތަކާ ހުރެ އެ ފްލެޓުތައް ހުރީ ހަވާލުނުކުރެވި އެވެ.

އެހެންވެ، އެ ފްލެޓުތަކުގެ މައްސަލަ ބޮޑުވެ، އެތަންތަން ހަވާލުކުރުމާ އެންމެ ފަހުން މިނިސްޓްރީން ހަވާލުވީ މިދިޔަ މަހު އެވެ.