އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ޝައުގުވެރިވާ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ 25 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސެއް ޑިޒައިންކޮށް އަމިއްލަ ހަރަދުގައި އިމާރާތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. 

ހުޅުމާލެ 2 ގައި އަޅާ ކޮމްޕްލެކްސްގެ ގްރައުންޑު ފްލޯ ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ. ދެ ވަނަ ފްލޯއިން ފެށިގެން 25 ފްލޯއާ ހަމައަށް ހުންނާނީ ހައުސިން ޔުނިޓެވެ.

އެތަން އިމާރާތްކުރަން ހަމަޖައްސާފައިވަނީ 12،000 އަކަފޫޓުގެ ބިމެއްގަ އެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މީގެ ކުރިން ވެސް މަޝްރޫއެއް ފެށި އެވެ. އެކަމަކު، ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެ، އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ.

އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހާ އެކު ކުރީގެ އިސް ވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އެ މީހުންނަށް ދައުވާކޮށް މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް މިދިޔަ އޮގަސްޓު މަހު ވިދާޅުވީ މުވައްޒަފުންނަށްޓަކައި އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށެވެ. 

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިން ހިންގި މަޝްރޫއާ ގުޅިގެން އޭސީސީން ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ 2 ގައި 15 ފުލޯގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ އެކު، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.