ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ.
އެހެންވެ، ހިޔާވެހި ޕޯޓަލަށް ލޮގިންވެގެން، އެ މީހަކަށް ލިބިފައިވާ ޕޮއިންޓް ބެލޭނެގޮތް ހަމަޖައްސާފައިވާ ކަަމަށް މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނި ގޮތުގައި ލިބިފައިވާ ޕޮއިންޓާ އެއްގޮތަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. އަންނަ ނޮވެމްބަރު 16 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.
މިނިސްޓްރީން ބުނީ ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި އެ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށެވެ.
ތުޅާދޫ ހައުސިން ޔުނިޓުތަކަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް މިނިސްޓްރީން އާންމުކޮށްފައިވާއިރު މީގެ ކުރިން އެ މަސައްކަތް ހަވާލުކޮށްފައި އޮތީ ތުޅާދޫ ކައުންސިލާ އެވެ.
ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް ހައުސިން ޔުނިޓް ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓް ކުރުމާއި ހައުސިން ޔުނިޓް ހަވާލުކުރުމުގެ ހުރިހާ ކަމެއް ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް އެކަމާ މެދު މީހުންގެ ނުރުހުން ބޮޑުވި އެވެ.
އެންމެ ފަހުން ސަތޭކަ ހައުސިން ޔުނިޓު ދޫކުރުމަށް ކަނޑައެޅި އުސޫލަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ވެސް ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައި ވަނީ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާއްމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށް ވާތީ މިނިސްޓްރީން ދިން ލަފާ އަދި މެއި 11، 2022 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށެވެ.
އެކަމަކު، އޭގެ ފަހުން ވެސް އެކި މައްސަލަތަކާ ހެދި ފްލެޓުތައް ދޫކުރެވޭ ގޮތެއް ނުވެ އެވެ. އެހެންވެ، އެންމެ ފަހުން އެ މަސައްކަތާ މިނިސްޓްރީން ހަވާލުވީ އެވެ.