ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލުން އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ތުޅާދޫގައި އަޅާފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށް 2022 ވަނަ އަހަރު ތިން އިއުލާނެއްކޮށްފައި ވާއިރު، އެ އިއުލާންތަކުގައިވާ ކަންކަމާމެދު ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މަސައްކަތް މުރާޖައާކުރަން އަންގައިފަ އެވެ.
ހައުސިން މިނިސްޓްރީއިން ބުނީ އެ އެންގުމާއެކު ވެސް ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވާތީ މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން އެކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތުޅާދޫ ކައުންސިލުން އެ ހައުސިންގް ޔުނިޓުތައް އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.
ނަމަވެސް، ސަރުކާރުން އެ އަމުރާ ހިލާފަށް ކުއްލި ގޮތަކަށް، ރަށު ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް އެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެ ޕާޓީން ބުންޏެވެ.
"މިއީ ސީދާ ގާނޫނޫއަސާސީ އާއި ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އިދާރީ ހިންގުމުގެ ބާރުތައް އެއް މިނިސްޓްރީއަށް ދިނުމަކީ ލާމަރުކަޒީ ނިޒާމަށް ދެވޭ ބޮޑު ހަމަލާއެއްގެ އިތުރުން އެއީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ މަކަރުވެރި ރޭވުމެއް ކަމަށެވެ.
އެކަމާ ދެކޮޅަސް ތުޅާދޫ ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖަނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށެވެ.