ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެމްޔޫ މަނިކު.
30 އޯގަސްޓް 2025 - 07:04
ފަގީރު ގައުމެއްގެ ގޮތުގައި އޮތް މި ދިވެހިރާއްޖޭގެ ހާލަތު ބަދަލުކޮށްލި ސިނާއަތް ކަމަށްވާ، ޓޫރިޒަމްގެ އެއް ބާނީ އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ދިވެހި ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
ދައުލަތަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަވާފައިވާ އެމްޔޫ މަނިކު އުމުރުން 78 އަހަރުގައި އަވަހާރަވީ ސިއްހީ ހާލު ވަރަށް ބޮޑަށް ދެރަވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ޗެއާމަން އެމްޔޫ މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 6:30 ގައި ކަމަށެވެ. ޖަނާޒާ ބާއްވަން ނިންމާފައި ވަނީ މިއަދުގެ އަސްރު ނަމާދަށް ފަހު ސިންގަޕޫރުގެ ޕްރަސާރާ އަމަން މިސްކިތުގަ އެވެ.
ޔުނިވާސަލް އިން ފާހަގަކުރި ގޮތުގައި އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ހިތްވަރާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އަދި އެތައް ބައެއްގެ ލޯބި ހޯއްދެވި ބޭފުޅެކެވެ. އަދި އެތައް ބަޔަކަށް މަގު ދެއްކެވި، އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށް ޔުނިވާސަލްގެ ބަޔާނުގައި ވެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް އެމްޔޫ މަނިކު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2011 ވަނަ އަހަރު އޭނާ އަށް ދިވެހި ދައުލަތުގެ އިއްޒަތް އަރުވައިފަ އެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވެސް ސަރުކާރުން ދިނެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ދިން ހިދުމަތުގެ އިނާމާއި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ.
އެމްޔޫ މަނިކު (ކ) އަށް ރައީސް މައުމޫން 2022 ވަނަ އަހަރު ޝަރަފްވެރިކަމުގެ އިނާމު އަރުވަނީ. -- ފޮޓޯ: ރައީސް އޮފީސް
އޭނާ އަކީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ސިނާއަތުގެ ހިދުމަތްތެރިއެކެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެ އަށް ޓޫރިސްޓުން ގެނައި އިޓަލީގެ ޓުއާ އޭޖެންޓް ޖޯޖް ކޯބިންއާ އެކު، 1971 ގައި މާލެ ކައިރީ ރަށްތައް ބައްލަވައި، ޓޫރިސްޓުން ޑައިވް ކުރާނެ ދިމަދިމާ ފާހަގަކުރެއްވުމުގައި ޗަމްޕާ ހުސެއިން އަފީފާއި މަސްއޮޑި އަހުމަދު ނަސީމާ އެކު ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
ކޯބިން 1972 ގައި ރާއްޖެ ގެނައި ފުރަތަމަ ޓޫރިސްޓް ގްރޫޕް މާލޭގައި ތިބުމުގެ އިންތިޒާމު ހަމަޖެއްސެވުމުގައި ވެސް އެމްޔޫ މަނިކު އުޅުއްވި އެވެ. އޭގެ ފަހުން ރާއްޖޭގެ ފުރަތަމަ ރިސޯޓް ކުރުނބާ ވިލެޖް އެ އަހަރު ތަރައްގީ ކުރެއްވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ. އެ ރިސޯޓް ހުޅުވުމުން އެ ތަނުގެ ފުޑް އެންޑް ބެވަރޭޖް ކަންކަން މެނޭޖު ކުރެއްވީ ވެސް އެމްޔޫ މަނިކެވެ. އެ މަސައްކަތުގައި، މާލޭގެ ބާޒާރުގައި ހިންގަވައިގެން ކާއެއްޗެހި ގަތުމާއި ބަދިގެއަށް ވަދެ ކެއްކުމަކީ ވެސް އޭނާ ކުރެއްވި މަސައްކަތްތަކެކެވެ.
އޭރު ގެންދެވީ އިރުމަތީ ޕާކިސްތާނުން ދަނޑުވެރިކަމުގެ ރޮނގުން ކިޔަވައި ވިދާޅުވެގެން އެގްރިކަލްޗާ މިނިސްޓްރީގައި ވަޒީފާ އަދާކުރައްވަމުންނެވެ. ޓޫރިޒަމްގެ މަސައްކަތް ކުރައްވަނީ މެންދުރުފަހު 1:30 ގައި އޮފީސް ނިންމަވައި ރިސޯޓަށް ވަޑައިގެންނެވެ.
އެމްޔޫ މަނިކު (ވ) އަށް ރައީސް ނަޝީދު 2010 ވަނަ އަހަރު ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާގެ ލަގަބު ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެ ދުވަސްވަރު އެމްޔޫ މަނިކު ކުރެއްވި މުހިއްމު އަނެއް މަސައްކަތަކީ، ޓޫރިސްޓުން ގެނައުމަށް މިއުމަން ޓޫރިސްޓް އޭޖެންސީގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމެވެ. އޭގެ ފަހުން ޔޫރަޕުން ސީދާ ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަށް، އެ ބައްރުގެ އެއާލައިންތަކާ މަޝްވަރާކުރެއްވި އެވެ. އެކަން ކާމިޔާބު ކުރައްވައި 1982 ގައި ޖަރުމަނުގެ ކޮންޑޯގެ ދަތުރުތައް ރާއްޖެ އަށް ބާއްވަވަން ފެށްޓެވީ ވެސް އެމްޔޫ މަނިކެވެ. އަދި އެ ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް ޔޫރަޕަށް އިޝްތިހާރުކުރެއްވުމަށްޓަކައި ޖަރުމަނުގެ އައިޓީބީ ފެއާ އަށް ވެސް ވަޑައިގެންނެވެ. އިރުމަތީ އޭޝިއާ އިން ޓޫރިސްޓުން ގެންނެވުމަށްޓަކައި ޖަޕާން ފަދަ ގައުމުތައް ވެސް އޭނާ ދަތުރުކުރެއްވެވި އެވެ.
އެމްޔޫ މަނިކު ދެން ވެދެވަޑައިގަތީ ސީދާ ރިޒޯޓް ހިންގެވުމުގެ ތެރެއަށެވެ. އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ކުރުނބާ ވިލެޖް އަލުން ބިޑަށް ހުޅުވާލުމުން ނަންގަވައި، އެ ރިޒޯޓް ރާއްޖޭގެ ފުރަތަމަ ފަސް ތަރީގެ ޕްރޮޕަޓީގެ ގޮތުގައި ތަރައްގީކުރެއްވެވި އެވެ. މިއަދު ޔުނިވާސަލްގެ ދަށުން 8 ރިޒޯޓް ހިންގަ އެވެ. އެއީ ކުރުނބާގެ އިތުރުން، ހުވަފެންފުށި، މިލައިދޫ، ބަރޮސް، ކަނޑޮޅު، ވެލައްސަރު، ދިގަލި އަދި ކުރަމައްޗެވެ. އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ނުފޫޒު ގަދަ ޖަމިއްޔާ، މަޓީގެ މުއައްސިސެވެ. އެ ޖަމިއްޔާ 1992 ވަނަ އަހަރު އުފެދުނީއްސުރެ، ޗެއާމަންކަންކުރައްވަނީ އޭނާ އެވެ. އެއީ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން އިތުރުކޮށް، އެދާއިރާގެ އަމާޒާއި މިސްރާބު ރަނގަޅުކޮށް، ކުރިމަގުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައެޅުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާ އެކެވެ.
އެމްޔޫ މަނިކުގެ ބޮޑު ހިއްސާއަކާ އެކު ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ރިޒޯޓް ކުރުނބާ ވިލެޖުގެ އޭރުގެ މަންޒަރެއް.
އެގްރިކަލްޗާ މިނިސްޓްރީގެ އެގްރިކަލްޗާ އޮފިސަރެއްގެ ގޮތުގައި 1972 ގައި ސަރުކާރުގެ ހިދުމަތް ފެށްޓެވި އެމްޔޫ މަނިކު ވަނީ 1990 ވަނަ އަހަރުގެ ނިޔަލަށް އެ މިނިސްޓްރީގައި މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު މިނިސްޓަރުގެ ނާއިބުގެ ހައިސިއްޔަތުން އެ މިނިސްޓްރީ ވަރަށް ގިނަ ދުވަހު ހިންގެވި އެވެ.
އޭގެ ފަހުން ވެސް އޭނާ ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ޗެއާމަންކަމާއި، ބޯޑް މެމްބަރުކަން ކުރައްވައިފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ 2013 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަން ކުރެއްވުމެވެ. ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ އިސްވެރިޔަކަށް އޭނާ ހުންނެވި ދުވަސްވަރަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގެވި އަހަރުތަކެވެ. އޭގެ ތެރޭގައި ރަންވޭ، ޕެސެންޖާ ޓާމިނަލް، ސީޕްލޭން ޓާމިނަލް ތަރައްގީކުރުން ހިމެނެ އެވެ. އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑް މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.
އޭނާ އަކީ އިޖުތިމާއީ ރޮނގުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން 2004 ގެ ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުވުމާއި، އައިޖީއެމްއެޗްގައި ޑައިލަލިސް މެޝިނެއް ބަހައްޓައިދީ އެކަމަށް މީހުން ތަމްރީންކޮށްދިނުން ފާހަގަކޮށްލެވެ އެވެ. އަދި ޔުނިވާސަލް ފައުންޑޭޝަން މެދުވެރިކޮށް ވަރަށް ގިނަ ޑޮކްޓަރުން ތަމްރީންކޮށްފައިވެ އެވެ.
އެމްޔޫ މަނިކު (ކ) އާއި ޗަމްޕާ ހުސެއިން އަފީފް: މި ދެ ބޭފުޅުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ދެ ހިދުމަތްތެރިން. -- މިހާރު ފައިލް ފޮޓޯ
އެމްޔޫ މަނިކަކީ ރާއްޖޭގެ މި ޒަމާނުގެ ތަރައްގީ އާއި ތަހުޒީބުގައި ބޮޑު ހިއްސާއެއްވާ އެތައް ބޭފުޅުންތަކެއް ނިސްބަތްވާ ކޮލިގޭ އާއިލާގައި ދުނިޔޭގައި ހުންނެވި އެންމެ ދޮށީ ބޭފުޅާ އެވެ. އޭނާގެ ބޭބެ އަދި، ރާއްޖޭގެ ޝިޕިން ލައިން ހިންގަވައި، ގައުމީ ތަރައްގީގެ އެތައް މަޝްރޫއެއް ވިލަރެސްކުރެއްވި އަލީ އުމަރު މަނިކު އަވަހާރަވީ 2015 ގަ އެވެ. އޭނާގެ ދައްތަ ފާތިމަތު ނާސިރާ (ކޮލިގޭ ނާސިރާ) އަވަހާރަވީ 2021 ގަ އެވެ. އަދި އެމްޔޫ މަނިކުގެ ކޮއްކޮ ޑރ. އިބްރާހީމް އުމަރު މަނިކު ދުނިޔެ ދޫކުރެއްވީ 2020 ގަ އެވެ. އެއީ ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރެވެ. އަދި ޓޫރިޒަމްގެ ވިޔަފާރިވެރިއެއް ވެސް މެ އެވެ.
އެމްޔޫ މަނިކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ ތަރައްގީކުރެއްވުމުގައި ބޮޑު ހިއްސާއެއްވާ މަރްހޫމް މުހައްމަދު މާހިރު ދީދީ އާއި އަހުމަދު މާހިރު ދީދީ އާއި ސަންޖޭ މަނިކު ހިމެނެ އެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީނާއި ޔޫރޯ މާކެޓިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ނޫރައްދީނަކީ ވެސް އެމްޔޫ މަނިކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅުންނެވެ. އެމްޔޫ މަނިކުގެ ބައްޕަ ކޮލިގޭ އުމަރު މަނިކަކީ އޭނާގެ ޒަމާނުގައި ވަރުގަދަ ވިޔަފާރިވެރިއެކެވެ. އެގޮތުން މާލޭގެ މަޝްހޫރު ފާރޮށިގެ ހިންގުމާއި އެހެން ވެސް ވަރަށް ގިނަ ވިޔަފާރި ކޮލިގޭ އުމަރު މަނިކު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮންހުސޭނު
31 August 2025
މަނިކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި! މަނިކަކީ ކުޑަރިކިލު ހަސަން ހާޖީގެ ކޮލިގޭ އުމަރު މަނިކުގެ ދަރިކަލެކެވެ. ކޮލިގޭ ދަރިންނީ ގައުމަށް ގިނަގުނަ ޚިދުމަތްކުރި ބޭބޭފުޅުންނެވެ. މިއީ ތަފާތު އާއިލާއެކެވެ. މަދުން ނަމަހީވެސް މިކަހަލަ އާއިލާތައް ރާއްޖޭގައި އެބައުޅެއެވެ. މަނިކުގެ ވަކިވެދިޔުމާއެކު ދިވެހިން އެނބުރިގަންނަށްވީ މިކަހަ ދަރިން ގައުމަށްޓަކައި އުފެއްދުމަށެވެ. މާޒީއަށް ބަލާއިރު މިކަހަލަ އާއިލާތަށް އުފެއްދޭނެއެވެ.
ހެޔޮއެދޭ2
30 August 2025
އެމްޔޫ މަނިކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި1، ވަރަށް ހިތް ހެޔޮބޭފުޅެއް، އެމްޔޫ މަނިކު، ޖީޓީމަނިކް ޗަމްޕާމެންނަކީ ދިވެހި ޓުއަރިޒަމްގައި ފާހަގަ ކުރެވޭ ބޭފުޅުން، އެއަށްވުރެ ފަހުގެ ޖިލުގެ ބޭފުޅުންވެސް ވަރަށް ގިނަ މަސައްކަތް ކޮށްފައިވޭ
ސުންދުސީ ޕަރޫ
30 August 2025
އެމް ޔޫ އުފަންވެ ވަޑައިގަތީ 1940 ވަނަ އަހރު ދެން ޚިއްވެތޯ 85 އހަރުގެ ބަދަލުގަ 78 ތިޖަހަނީ! ކުރީގެ ވ ގިނަ ބޭފުޅުން 6 އަހަރު ނޫނީ 7 އހަރު ވަރު ހަގު ކުރޭ ެކަމަކު އެމް ޔޫ ރަސްމީ ލިޔުން ތަކެއްގަ ޔެއް ނޫނީ އަިޑީ ކާރޑް ގ ަ އުފަންވި އަހރު ބަދަލު ކުރި ކަމަކަށް ނުވޭ ! އެހެންވީމަ ހަމަ 85 އަހރު ޖަހަންވީ އެއް ނުން
ހެޔޮއެދޭ
30 August 2025
إِنَّا ِلِلَّٰهِ إِلَيْهِ رَاجِعُونَ. މައްޔިތާގެ ފާފަފުއްސަވައި ނަރަކައިން މުއްތި ކުރައްވައި ސުވަރުގޭގެ ދާއިމީ ރަހްމަތާއި މަތިވެރި ނިޢުމަށް ދަރުމަ ކުރައްވާނދޭވެ. އާއިލާގެ ހުރިހާ މެންބަރުންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން! އާމީން!
ރަދީފްއޮފިޝިއަލް /
30 August 2025
މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.މިކަހަލަ ހިދްމަތްތެެރިން ވަކިވީމަ އަންނަން އޮތް ޖީލުގެ ކުދިންނަށް ފިލާޅަޅެއްގެ ގޮތުން ކިޔާލަން ރަނގަޅު އޮބިޗުއަރީއެއް މި ނޫހުން ގެނެސް ދިނުން އެދެން.ވ.ވެދުން
ދެރަސޮރު
30 August 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، މާތް ﷲ މަރްހޫމްގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين
އޮނަރަބްލް އަފީފު ދީދީ
30 August 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ޑެޑީ
30 August 2025
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.
މޫޗީޗީ
30 August 2025
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن . އެމް ޔޫ މަނިކައަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުއްވުމުގައި އެއްމެ ލާމަސީލް އަދިކުރީސަފުގައި ހަރަކާތްތެރިވި މުހިއްމު ބޭފުޅެއް. އަދި ގައުމުގެ ކަންކަމުކުގައި އެމަނިކުފާނުންގެ ލަފާ ސަރުކާރުން ހޯދަމުންދިޔަ އިހްލާސްތެރި ބޭފުޅެއް. މައްޔިތާއިގެ ފުރާނައަށް ހެޔޮރަހްމަތްލައްވައި އާއިލާގެ ބޭފުޅުންނަށް ކެއްތެރިަކން ދެއްވާށިއާމީން.
ފަލްސާ
30 August 2025
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن، އާއިލާ އަށާ ގައުމަށް ލިބުން ވަރަށް ބޮޑު ހިތާމައެއް. މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި. މި ހިތާމައަކީ ގައުމީ ކަމެއް ގޮތުގަ ދެކެން. އާއިލާ އަށް ކެތްތެރިކަން ދެއްވާށި.