ޕާކިސްތާނުގައި މިދިޔަ މަހު ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެފައިވާ މަގަކުން ކާރެއް ދުއްވާފައި އަންނަނީ: މި ދުވަސްވަރު ވެސް ވިއްސާރަވެ އެތައް ބަޔަކު ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2025 - 11:21
ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރާގައި ގައުމުގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލިއަކަށް ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި މިދިޔަ 48 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު 321 އަށް އަރައިފި އެވެ.
ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނި ގޮތުގައި މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޚައިބަރު ޕަޚްތޫންޚުވާގެ ފަރުބަދަމަތީ ސަރަހައްދުން ކަމަށެވެ.
އޮފިޝަލުން ވިދާޅުވީ ގަދަ ވިއްސާރާގައި އެންމެ ގިނަ މީހުން މަރުވީ ފެންބޮޑުވުމުގެ ހާދިސާތަކުގައި ކަމަށެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ޕްރޮވިންޝަލް ރެސްކިއު އެޖެންސީން އޭއެފްޕީއަށް ބުނި ގޮތުގައި، މަރުވެފައިވާ މީހުން ހޯދުމަށާއި ގެއްލުން ލިބުނު ނުވަ ޑިސްޓްރިކްޓެއްގައި ރިލީފްގެ މަސައްކަތުގައި ގާތްގަނޑަކަށް ދެ ހާހެއްހާ ރެސްކިއު ވޯކަރުން ހަރަކާތްތެރިވަމުން އެބަ ގެންދެ އެވެ.
މޫސުން ރަނގަޅުވާނެ ކަމަށް އަދިވެސް ނުބެލެވޭތީ، ނުރައްކާ ބޮޑު ހިސާބުތަކުން ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިވެލިސ
17 August 2025
މިއީ ޔޫރަޕް ނުވަތަ އެމެރިކާވި ކަމެއްނަމަ ކޮމެންޓޭމެން ކެކިއަރާނެ.