ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް ލިބުނު މީހަކަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
16 އޯގަސްޓް 2025 - 22:45
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްގެ ފުރުސަތު ލިބުނު 24 މީހަކާ މިރޭ ލިޔުން ހަވާލުކޮށްފި އެވެ.
ސްކޮލަޝިޕް ލިބުނު މީހުންނާ އެ ލިޔުން ހަވާލު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ އެ ސްކޮލަޝިޕްތަކަށް ހުޅުވާލުމުން ޖުމްލަ 27 އެޕްލިކޭޝަނެއް ލިބުނު ކަމަށެވެ. އެއީ މަތީ ތައުލީމުގެ ހާސިލްކުރުމަށް ދޭ ސްކޮލަޝިޕަށް ހުށަހެޅި 18 އެޕްލިކޭޝަނާއި ހާއްސަ ސްކޮލަޝިޕަށް ހުށަހެޅި 9 އެޕްލިކޭޝަން ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރެއިން 17 މީހަކަށް ފުލް ސްކޮލަޝިޕާއި ހަ މީހަކަށް ސްޓައިޕެންޑް އަދި އެކަކަށް ޓިއުޝަން ފީގެ ފުރުސަތު ލިބުނެވެ.
މިރޭގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ސްކޮލަޝިޕްގެ ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ސްކޮލަޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ގައުމަށް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކާތު ފަންޑުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދިނީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ކަމަށާއި ގައުމާއި އިސްލާމީ ހަޟާރަތު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މި މުހިންމު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން 50 ސްކޮލަޝިޕްގެ ފުރުސަތަށް ހުޅުވާލީ މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ ރާއްޖެއިން މަތީ ތައުލީމު ހާސިލްކުރުމުގެ 20 ފުރުސަތަކާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތެކެވެ. ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލި 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ހާއްސަ ސްކޮލަޝިޕްގެ ފުރުސަތެވެ.
ރާއްޖެއިން ފުރުސަތު ހުޅުވާލީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަށެވެ.
ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލީ މެލޭޝިއާ އާއި ބުރުނާއީ އާއި ސައުދީ އަރަބިއްޔާގެ އިތުރުން މިސްރު އަދި ސާކް ގައުމުތަކުގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުންނެވެ. މެލޭޝިއާ އާއި ބުރުނާއީން ކިޔެވުމަށް 17 ފުރުސަތަށް ހުޅުވާލި އެވެ.
ޝަރީއާ އާއި އަލްޤަޟާ އާއި ތަފްސީރާއި ހަދީސާއި އުލޫމުލް ގުރުއާނާއި އަރަބި އަދި އުސޫލުއްދީނާއި އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުން އަންނަ މަރުކަޒުން ދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް) 10 ފުރުސަތު ދޭ ގޮތަށް ވެސް މިނިސްޓްރީން ހަމަޖެއްސި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ސްކޮލަޝިޕްގައި ދިނުމުގައި އިސްކަންދީފައި ވަނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.
ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ދަތުރު އަދި ކިޔެވުން ނިންމުމަށް ފަހު އަނބުރާ ރާއްޖެ އައުމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓާއި ކޯހުގެ ޓިއުޝަން ފީ އާއި ވިސާ ފީ އާއި ސްޓައިޕެންޑާއި ބުކިން އެލަވަންސް މި ފުރުސަތުގެ ދަށުން ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާރާ
18 August 2025
މިކަމާ ހެދި ސަރުކާރަށް ޒަކާތް ދައްކަން ފޫހިވެފަ މި ހުންނަނީ
ކޮންސާން
17 August 2025
ކޮމެންޓްތަކުން އޮޅުންފިލީ ޒަކާތަކީ ކިހިނެތް ބަހާ އެއްޗެއްކަން އޮޅުން ނުފިލާ ބަޔަކު އެބަތިބިކަން.
ފަހި
17 August 2025
ފަގީރުން ފަގީރުންގެގޮތުގާ ހާލުގާ ބައިތިއްބާފަ ތިޔަކަހަލަ ކަންނަންކުރުން ރަނގަޅެއްނުވާނެ. ޒަކާތުގެ މަޤުޞަދާ ޚިލާފަ
ސުވާލުއުފައްދާމީހާ
17 August 2025
މިހާރު ދީނާ ގުޅޭ ކަންކަން ކުރާގޮތް ރަނގަޅެއް ނޫން. ތިޔަ ޒަކާތު ފަންޑުން ތިގޮތަށް ޚަރަދުކުރުން ހުއްދަބާ؟ ހައްޖަށްވެސް ސަރުކާރުން އެބަގެންދޭ ފަޤީރުން.. ފަޤީރުންނަށް ހައްޖު ވާޖިބުތަ؟ ތިޔަ ގޮތަށް ފައިސާ ޚަރަދުކުރަން ހެޔޮވާނެބާ!
މަފާޒް ސަލިމް
17 August 2025
ވަރަށް އިންސާފުން ދީފަ ހުރީ. މަގޭ ބޭބެއަށްވެސް ހަމަ ހަގީގަތުގައިވެސް ލިބެން ނުޖެހޭ. ނުލިބޭ.
އަސްލަމް ވަހީދު
17 August 2025
މަރުހަބާ ހުރިހާ ދަރިވަރުންނަށް.
އަންދަލޫސިޔާ
17 August 2025
ޒަކާތު ފައިސާއިން ސްކޮލަރޝިޕް ދޭ އުސޫލު ކަޑަ. މުޖުތަމަޢުއަށް ފައިދާހުރި ކޮންމެ ޢިލްމެއް އުނގެނުމަށް ވެސް ސްކޮލަރޝިޕް ދޭންވާނެ. މިލިޔަނުން ފައިސާ ޚަރަދުކޮށްގެ 24 ސްކޮލަޝިޕަށް ހުޅުވާލީމާ އެންމެ 27 މީހުން ކުރިމަތިލިކަމީ ފުރުޞަތު ހަނިކޮށް އޮތުމުން ހިނގާ ކަމެއް.
ޔަމާނީކޯ
18 August 2025
ދީނާ ހިލާފުކަންކަމަށް ހަރަދުކޮއްގެން ނުވާނެ! މިސާލަކަށް އެއްކުޓްކުރުމާ ޑަންސުކުރުމާ މިއުޒިކު ކިޔެވުމަށް
ސިލްމާ
18 August 2025
ވަރަށް ފުރިހަމަ ވާހަކަކޮޅެއް. ޙަރާމް ނޫން ކޮންމެ ދާއިރާއަކުން ކިޔެވުމަށް ވެސް ފުރުޞަތުދޭންވާނެ. ޒަކާތު ފައިސާ އަކީ ވަކި ކަލްޓަކަށް ލިބެންޖެހޭ ފައިސާއެއް ނޫން!
ނިލިސް
17 August 2025
ޤައުމު ބިނާކޮށް ކުރިއެރުވުމަށް އެހެން ދާއިރާތައްވެސް ބޭނުންވާނެދޯ
ބިންގަރާސް
17 August 2025
ޒަކާތު ފައިސާއަކީ އަހަރުން އަހަރަށް އޭގެ ހައްގުވެރިންނަށް ބަހައި ހުސްކުރަންޖެހޭ އެއްޗެއްނޫންބާ، ޒަކާތަށް ދައްކާ ފައިސާއިން ބޮޑެތި އިންވެސްޓްމެންޓް ފަންޑްތައް ހަދާ، ރިއަލް އެސްޓޭޓް ވިޔަފާރިކުރުން ހުއްދަވާނެބާ، ނޫނީ މި ގައުމުގއި މިހާރު ޒަކާތް ހައްގުވާ ބަޔަކު ނެތީތޯ، މި ގައުމުގައި އެފަދަ ފަގީރުން ނެތްނަމަ ޒަކާތަށް ލިބޭ ފައިސާ އިސްލާމީ އުއްމަތުގެ ކޮންމެވެސް ފަގީރު ބަޔަކަށް ޚަރަދުކުރަންފެނޭ،
އަފްރާސިޔާބު
17 August 2025
ހައްގުވެރިންނަށް ނޫންބާ އެދެނީ. ކިޔެވުމަކީވެސް ހަމަ ޒަކާތުން ހޭދަކުރެވިދާނެ ކަމެއް. އެކަމަކީ އިސްލާމިކް މިނިސްޓްރީން ޒަކާތުފައިސާއިން ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް ކުރިކަމެއް. ވަކި މިހާރަކު ނޫން އެފައިސާ ހޭދަކުރަނީކީ. އެކަމަކު ބައެއް ހޭދަތައް އެބަކުރޭ ގައުމުގެ ބަޖެޓުން ކުރަންޖެހޭ.
ހިމާރުލްމާލްދީފު
17 August 2025
ޒަކާތް ކިޔާ އަޑު އެކަނި އެހީ މީހަކު ކޮށްފައި އޮތް ކޮމެންޓަކާ ހާދަ ވައްތަރޭ. އިހަށް ޒަކާތަކީ ކިހިނެތްވާ އެއްޗެއްކަން ދަސްކުރަންވީ.
މީރާޒް
17 August 2025
ޒަކާތު ފަންޑުން ސްކޮލަރޝިޕް ދޭން ފެށީ ވަރަށް މާތް މަގުސަދެއްގައި. އޭރު ދިވެހިރާއްޖޭގަ ޔުނިވަރސިޓީއެއް ނުހުރޭ އަދި ހިލޭ ނުވަތަ ލޯނު ނަގައިގެން ކިޔެވޭނެ ފުރުޞަތު ވަރަށް ހަނި. މިހާރު ހާލަތު ބަދަލުވެއްޖެ. ޕޮލިސީ ބަދަލުކުރަން ނުވޭތަ؟ ތިޔަށްވުރެ ރަނގަޅު އެހެންކަމަކަށް ފަންޑް ކުރުން މާ ބުއްދިވެރި.
އަފްރާސިޔާބު
17 August 2025
ޔުނިވަރސިޓީތައް ހުއްޓަސް އެއީ ހޭދަކުރުން ހަމަ ރަނގަޅުކަމެއް.
ތަޢުލީމު
17 August 2025
މިރާއްޖޭގައި މިހާރުވެސް ނެތިގެން މިއުޅެނީ ތަޢުލީމު. ތަޢުލީމަށް ހޭދަކުރުމަށްވުރެ ފައިދާ ހުރި އެހެން ކަމެއް އެބައޮތްތަ.