އަނބުތަކެއް: މިއީ ހަކުރުބަލީގެ މީހުންނަށް ރަނގަޅު އެއްޗެއް ނޫން ކަމަށް ބުންޏަސް އާ ދިރާސާއަކުން ނަތީޖާ ދެއްކީ މި ރަނގަޅު ކަމަށް. -- ފޮޓޯ: މިހާރު
17 އޯގަސްޓް 2025 - 06:09
އަނބަކީ ހަކުރުބަލީގެ މީހުންނަށް ރަނގަޅު އެއްޗެއް ނޫން ކަމަށް ބުނަމުން އައި ނަމަވެސް ޓައިޕް2 ޑައެބިޓީސް ހުންނަ މީހުން ޕާން ފަދަ ކާބޯހައިޑްރޭޓްސްގެ ބަދަލުގައި އަނބު ކެއުމުން ލޭގައި ހަކުރުގެ ލެވަލް މާބޮޑަށް ރަނގަޅުވާ ކަމަށް އިންޑިއާގައި ހެދި ދެ ދިރާސާއަކުން ދައްކައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 830 މިލިއަން މީހުން ހަކުރުބަލި ތަހަންމަލްކުރެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓަކީ ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނެވެ. މާނަ އަކީ ހަށިގަނޑު އިންސިއުލިން އަށް ރެސިސްޓެންޓްވެފައި ނުވަތަ އެކަށީގެންވާ މިންވަރަށް އިންސިއުލިން ނުއުފެއްދުމެވެ.
އިންޑިއާގެ ބޮޑެތި މީހުންގެ އާބާދީގެ ގާތްގަނޑަކަށް 77 މިލިއަން މީހުންނަކީ ހަކުރުބަލި ހުންނަ މީހުން ކަމަށާއިއިތުރު 25 މިލިއަން މީހުންނަކީ ޕްރީޑައިބެޓިކް ނުވަތަ ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރަށް ވުރެ މަތި މީހުންނެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި މުމްބާއީގެ ޑައިބެޓޮލޮޖިސްޓަކު ބުނެފައިވަނީ އިންޑިއާގައި ވަރަށް ހާއްސަ އަދި އާންމު މޭވާއެއް ކަމަށްވާ އަނބު ކެޔަސް އެންމެ ރަނގަޅުތޯ ހަކުރުބަލީގެ މީހުން އަހާ ކަމަށެވެ.
"ހޫނު މޫސުމުގައި އިންޑިއާގައި އާންމުވާ، ފޮނި ގަދަ އަދި ތަފާތު ބާވަތްތައް ހުންނަ މޭވާއެއް ކަމަށް އަނބު ގިނަ ބަޔަކަށް މީރުވާ ސަަބަބު ވަރަށް ސާފު،" ރާހުލް ބަކްސީ ބުނެފައިވެ އެވެ.
އެކަމަކު މި މޭވާއާ ބެހޭ ގޮތުން އޮންނަނީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފަ އެވެ. މިއީ [ހަކުރުބަލީގެ މީހުން] އެއްކޮށް ދުރުވާންޖެހޭ މޭވާއެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ މިއީ ހަކުރު ބަލީގެ ހާލަތު އެއްކޮށް ބަދަލުކޮށްލަފާނެ މޭވާއެއް ކަމަށެވެ.
އިންޑިއާގައި 95 ބައިވެރިންނާއެކު ހެދި ޕައިލެޓް ދިރާސާއަކުން އެނގުނު ގޮތުގައި އިންޑިއާގެ އަނބުގެ ތިން ބާވަތެއް ކަމަށްވާ ސަފެޑާ، ދަޝެރީ އަދި ލަންގްރާ ކެއުމަށް ފަހު ދެ ގަޑިއިރު ތެރޭ ގުލްކޯޒް ޓެސްޓު ހެދި އިރު ޕާނުން ގްލައިސެމިކް ދަށްކޮށްދޭ މިންވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ގްލައިސެމިކް ދަށްވި އެވެ.
ގްލައިސެމިކް ރެސްޕޮންސަކީ އެއްޗެއް ކެއުމަށް ފަހު ލޭގައި ހަކުރު (ގުލްކޯޒް) ހުންނަ މިންވަރަށް ކުރާ އަސަރެވެ.
ޓައިޕް 2 ހަކުރުބަލީގެ މީހުންނާއި ނުހުންނަ މީހުން މޮނިޓާ ކުރުމުން އެނގުނީ ކެއުމަށް ފަހު ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވުން، ޕާނުގެ ބަދަލުގައި އަނބު ކޭ މީހުންގެ ހަށިގަނޑުގައި މާބޮޑަށް ކޮންޓްރޯލްވެފައިވާ ކަމެވެ.
މި ދެ ދިރާސާގެ މުސައްނިފް ޑރ. ސުގަންދާ ކެހާ ވިދާޅުވި ގޮތުގައި މި ދިރާސާތަކުން އެނގެނީ "ރިކޮމެންޑެޑް ޑައިޓް" ތަކުގައި އަނބު ހިމެނިއްޖެ ނަމަ، ކެއުމުން ލޭގެ ގުލްކޯޒް ލެވެލްއަށް ގެއްލުމެއް ނުލިބޭކަމާއި އަދި އެހީއަކަށް ވެސް ވެދާނެ ކަމެވެ.
ދެވަނަ ހަފުތާގެ ޓްރަޔަލަކުން މި ނަތީޖާތައް ކަށަވަރު ވެފައިވެ އެވެ. އެގުނު ގޮތުގައި ޕާނުގެ ބަދަލުގައި 250 ގްރާމް އަނބުގެ ކެއި، ޓައިޕް 2 ޑައިބެޓީސް ހުންނަ 35 ބޮޑެތި މީހުންގެ އިންސިއުލިން ރެސިސްޓެންސް، ފާސްޓިން ގްލޫކޯޒް، ބަރުދަން އަދި އުނަގަނޑުގެ ވަށަމިން ވެސް އެކަށީގެންވާ މިންވަރަށް ދިއުމަށް އެހީއަކަށް ވެފައިވެ އެވެ.
ދިރާސާގެ އިސް މުސައްނިފް އަދި ލީޑް ޕްރޮފެސަރު އަނޫޕް މިޝްރާ ވިދާޅުވީ މިއީ ކާބޯހައިޑްރޭޓްސް (ޕާން) ގެ ބަދަލުގައި މަދު މިންވަރަކަށް އަނބު ކެއުމުން ދިމާވާ ކަންކަމާ މެދު އޮތް ޝައްކުތައް ފިލުވާލަދިން ދެ ދިރާސާ ކަމަށެވެ.
"އެކަމަކު މުހިންުމު ކަމަކީ މެދުމިންވަރަކަށް ކެއުން - މިއީ ބޮޑު ކެއުމަކަށް ހަދައިގެން އަނބު ކާން ދޭ ލައިސަންސެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ސައިންސްވެރިން ވަނީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ކޮންމެވެސް ވަރަކަށް އަނބު ހިމަނަން އިރުޝާދު ދީފަ އެވެ.
"ދުވާލެއްގެ މައްޗަށް 1،600 ކެލޮރީޒް ނަމަ، އަނބުން ލިބޭ ކޮންމެ ކެލޮރީއަކީ ވެސް އެ ޖުމްލައިގެ ބައެއް، އިތުރު އެއްޗެއް ނޫން. 250 ގްރާމް އަނބު - ކުޑަ މޭވާއެއް - ގައި ގާތްގަނޑަކަށް 180 ކެލޮރީ ހުރޭ،"
ދިރާސާގައި ބުނެފައިވަނީ އެފަދަ ނަތީޖާއެއް ހޯދަން ބޭނުން ނަމަ ޕާން ފަދަ ތަކެތިން ލިބޭ ކާބޯހައިޑްރޭޓާ އެއްވަރަށް އަނބު ކެވިދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫބަކުރ
18 August 2025
އަނބުވިސް ގަދަޔައް ހަކުރުއަޅާލައިގެން ފަނިގިރައިގެން ބުއީމަ ކަމަކުނުދާނެ
އަަވަލަން
18 August 2025
އައި ލަވް މެންގޯ
ސަދަން
17 August 2025
ތިޔަ ސާރވޭތަކަކީ އެ ކުރާ ބަޔަކަށް ވިޔަފާރި ފައިދާވާ ގޮތަށް ރިޕޯޓްނެރޭ އެއްޗެއް،
ދިއްދޫމީހާ
17 August 2025
ދެން ކުރާ ދިރާސާއަކުން ދައްކާނީ އަނބިމީހާ ރަނގަޅުކަމަށް..
1181
17 August 2025
ދެން ކުރާ ދިރާސާއަކުން އަނެއްކާވެސް ތިޔަ ހޯދުންތައް އަނެއްކޮޅަށް ނުޖަހައިފިއްޔާ ރަނގަޅު.
ޑަކްޓަރު އެތެރެ
17 August 2025
އަނބު ވެސް، ހުރިހާ މޭވާއެއް ވެސް ކެވޭނެ.