ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިހު: އޭނާގެ ދައުރު ހަމަވާތީ އަލުން ވަނީ އެ ކޮމިޝަނަށް ކުރިމަތިލައްވާފައި.-
18 އޯގަސްޓް 2025 - 10:19
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މިހާރުގެ ތިން މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހު އަލުން ކުރިމަތިލައްވައިފި އެވެ.
ސީއެސްސީގެ ތިން މެމްބަރުންގެ ދައުރުހަމަވަނީ އަންނަ މަހުގެ ތިނެއްގަ އެވެ. އެހެންވެ، ހުސްވާ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ.
ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ ސީއެސްސީގެ ރައީސް ކަމުގައި ހުންނެވި އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނާސިހާއި ސްޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި ދަފްތަރު ނަމްބަރު 1325، ޑރ. ހުސެއިން ފާއިޒާއި މ. ވައިޓްވޭލް، ޑރ. ދީބާ މޫސާ އާއި ދަފްތަރު ނަމްބަރު ރސ. 2414، ބަދްރިއްޔާ މޫސާގެ އިތުރުން ގއ. ވިލިނގިލީ، ވާދީއާގެ ފާތިމަތު މުނާ އާއި ސ. މަރަދޫ، މޫންލައިޓްހައުސް، އައިމިނަތު އުއްމުކުލްސޫމް އެވެ.
އޭގެ ތެރެއިން އުއްމުކުލްސުމްއަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން ކަނޑައަޅާ މެމްބަރަކަށް އެންމެ ފަހުން ހުންނެވި މެމްބަރެވެ. އޭނާގެ ޖޭއެސްސީގެ މެމްބަރުކަމުގެ ދައުރު ހަމަވީ ދާދިފަހުންނެވެ.
އެ ނަންތައް އިއްވުމަށް ފަހު، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ސީއެސްސީގެ ރައީސް ކަމަށް ނާސިހު އައްޔަންކުރެއްވީ 2020 ގަ އެވެ.
އެ ކޮމިޝަނުގެ މެމްބަރު ކަމަށް ނާސިހު އަލުން ކުރިމަތިލެއްވިއިރު މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން ނާސިހުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުންތަކެއް މަގާމުން ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަނުތަކުން އޭރު ބައެެއް މެމްބަރުން ވަކި ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
18 August 2025
ޖޭއެސްސީގައި އިންނަވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއްގެ ދުވަސް ދުއްވާލުމުގެ ހަދިޔާއަށް އަނެއްކާ މަގާމު ލިބޭނެ!
ޢިބޫ
18 August 2025
މަގާމަށްޓަކާ އުޅޭމީހުން ލީމަ ކަމަކުނުދާނެ، ތިބޭފުޅާ މަގާމަށްޓަކާ ކޮންމެކަމެއްވެސްކޮއްފާނެކަމަށް ގިނަމީހުންބުނަނީ.
ދޮން
18 August 2025
ސިވިލްސާވިސް ރިފޯމްކުރަންޖެހޭ . މުސާރަ އާއި އައު އޮނިގަނޑެއް ބޭނުން އެކަންވާނީ މިހާރު ތިބި ދުވަސްވީ ވެރިން ދުރުކޮށް ޒުވާން ބޭފުޅުންނަށް ފުރުސަތު ދެވިގެން .
ކޮރަލް
18 August 2025
އާ މީހަކު ނަގަން ވީ އެވެ.
މަހާރާ
18 August 2025
އާ ބޭފުޅަކު ނެގުން ރަނގަޅު
އަޔާތު
18 August 2025
ފެއިލްވެފަ ހުންނެވި ބޭކަލެއް. ސީއެސްސީއަކީ މިހާރު އޮންނަ ތަނެއްބާއޭވެސް ހިތަށްއަރާ.
ޞްރީ
18 August 2025
ނާސިހް އަކީ އެއްވެސް އިންޓެގްރިޓީ އެއް ހުރި ބޭފުޅަކއަް ނުވިތާ އެވެ
ތެފައާސާ.
18 August 2025
ޖޭއެސްސީގައި އިންނަވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތަކެއްގެ މައްސަލަ ނުލާހިކު އިންސާފުވެރިކަމާއިއެކު ބައްލަވައި ހީވާ ހީވުމެއްގެ މައްޗަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަށް މި ބޭފުޅާ އަދާކޮށްދެއްވި ގައުމީ ޚިދުމަތުގެ އިނާމެއްގެ ގޮތުން ސީއެސްސީގައި އިތުރު ދައުރެއް ހައްގުވާނެ!!