އެޗްއާރުސީއެމަށް އައްޔަންކުރި މެމްބަރު ޝަފީގް: އޭނާ ވަނީ އެލްޖީއޭގެ ސީއީއޯގެ މަގާމު ފުރުއްވާފައި.
18 އޯގަސްޓް 2025 - 11:52
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މުހައްމަދު ޝަފީގު މަމްދޫހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އޭނާ އެ ކޮމިޝަނަށް އައްޔަންކުރަން ފާސްވީ 64 މެމްބަރުންގެ ވޯޓުންނެވެ. ޝަފީގު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ޝަފީގާއި މުހައްމަދު ފާރިސް ތޯހާގެ ނަމެވެ.
އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އިންޓަވިއުކޮށްފަ އެވެ.
އެކަމަކު އޭގެ ތެރެއިން، ފާރިސްއާ ގުޅޭ ގޮތުން މަޖިލީހަށް ބަޔަކު ވަނީ ޝަކުވާތަކެއް ހުށަހަޅައިފަ އެވެ. ގެވެށި އަނިޔާގެ ތުހުމަތުކޮށް ހުށަހެޅި އެ ތުހުމަތާއި އިންޓަވިއުގައި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވި ގޮތުން ކޮމިޓީން ނިންމީ އޭނާގެ ނަން ފާސްނުކުރުމަށެވެ.
އެކަމަކު ފާރިސްއަށް ކުރި އެ ތުހުމަތުތައް އޭނާގެ ކުރީގެ އަންހެނުން ވަނީ ދޮގުކޮށްފަ އެވެ. ޝަކުވާ ހުށަހެޅި ފަދަ އެއްވެސް ކަމެއް ފާރިސްގެ ފަރާތުން ހިނގާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ފާރިސްއަށް ކުރެވޭ އެ ތުހުމަތުތަކާ ގުޅިގެން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ ޝަފީގުގެ ނަން އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަންނަ
18 August 2025
ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަންކުރާ މީހުންނަކީ އިންސާނިއްޔަތުކަން ހުންނަ މީހުނަށް ވާންޖެހޭ. އަމިއްލަ މަސްލަހަތު އިސްކޮށް ދަށުން މަސައްކަތްކުރި މުވައްޒަފުންނަށް ހިތުހުރި ގޮތެއްހަދާފަ ތިބޭ މީހުން މި ކޮމިޝަނަށް އައްޔަންކުރުމަކީ ވެގެންވާނެ ކަމެއް ނޫން. މީހާގެ ސީވީއަކުން މިކަން ނިންމައިގެން ނުވާނެ. މިކޮމިޝަންތަކަށް އައްޔަންކުރާ މީހުންނާ ބެހޭ ޝަކުވާއެއް މައްސަލައެއް އޮތްތޯބަލަން އިއުލާން ކޮށްގެން ބަލަން ގާނޫނުގަ އެބަ ހިމަނަންޖެހޭ.
ރާމި
18 August 2025
ހަބީބު ފިޔަވާ މިހާރު ކަމިސަންގައި ތިބީ ހުސް އެކަހަލަ މީހުން. އެންޑިޕި މެޖޯރިޓީގައި މައްސަލަތައް ނުބެލީ
ގާ. ނޫނު
18 August 2025
ގާނޫނުގައި ނެތިގެންތޭ މިދިޔަ މަޖުލިހަށް މައްސަލަތައް ނުބެލީ؟
އަސޭލާ ލަންކާ
18 August 2025
އެޗްއާރުސީއެމް/ޓުރާންޕޭރަންސީ/އޭސީސީ ރައްޔިތުންގެ ފައިސާނަގައިގެން ކަމެއް ނުކޮށް ތިބޭ މުއައްސަސާތަށް މިޙާރުން މިހާރަށް އުވާލާ.
ވާރޭ
18 August 2025
ޓުރާންސްޕޭރަންސީ އަކީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާތަނެއް ނޫން. އެއީ އިންޓަނޭޝަނަލް އެންޖިއޮ އެއް
ކަނޑިންމަ
18 August 2025
މިހާރު ނޫހުގެ ނޫސްވެރިން ބަލާދީބަލަ މިނިވަން މުއައްސަސާތަކާ މިނިވަން ނޫން މުއައްސަސާތަކަށް އަވަސް އަވަހަށް މީހުން އައްޔަންކޮށް ވަކިކުރަންޖެހޭ ސަބަބަކީ ކޮބައިތޯ. މިހެން ބުނަން މިޖެހެނީ މުއައްސަސާތަކަށް މީހުން އައްޔަންކުރާތާ ގިނަދުވަސްތަކެއް ނުވެ މީހުން ސަސްޕެންޑް ކުރުމާ ވަކިކުރުން ގިނަކަމުން. މުއައްސަސާގެ ހިންގުމުގެ މައްސަލައެއްތޯ ނުވަތަ މުއައްސަސާ ތެރޭގަ އެހެން ފަރާތްތަކުގެ ނުފޫޒު އޮންނަނީތޯ. ކޮބާތޯ މިހެން ދިމާވާ އަސްލު މައްސަލައަކީ.
އަފްރާސިޔާބު
18 August 2025
ދެކަމެއް ހިނގަނީ. އެއްކަމަކީ ލާރިކޮޅު ނަގައިގެން ފިލުން. އަނެއްކަމަކީ ސަނާނުކިޔައިގެން ވަކިކުރުން. މިދެކަން ވަކިކުރުމުގައި ހިމެނެނީ.