ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އުކުޅަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
21 އޯގަސްޓް 2025 - 08:37
ލޯކަލް ޓޫރިޒަމްގެ ވިޔަފާރިން މުއްސަނދިކަން ހޯދާއިރު، އެކަން ކުރަން ވާނީ އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އއ. އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ހިންގުމުގައި އިންތައް ހިފަހައްޓަން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ.
އުކުޅަހުގައި ވެސް ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އިންޑަސްޓްރީ ފުޅާކޮށް ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން ބޭނުންވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި.-- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް އެކަމުގެ ތެރެއަށް، ދީނުގައި ގަބޫލުނުކުރާ ކަންކަމާއި އިސްލާމްދީން ހުއްދަ ނުކުރާ ކަންކަން ވަދެގެން ދިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އިސްލާމް ދީން ބުނެދޭ ހަމަތަކުގެ މަތިން މުއްސަނދިކަން ހޯދަން މަސައްކަތް ކުރުމުން އެކަމުގައި ބަރަކާތް ލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރަށާ ކައިރީގައި އޮންނަ ސަފާރީއަކަށް، ރަށުގެ އިހުތިސާސް މިންކޮށްފައި 700 މީޓަރު އެޅޭ ހިސާބުން އެއް ފޫޓު ބޭރުގައި ސަފާރީ ބާއްވައިގެން އެއަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސްގެން ރާ ވިއްކައި ރާ ދީ ހަދައިގެން، އަނެއްކާ އަނބުރާ ރަށަށް ވެސް އެބަ ގެނޭ. މިކަހަލަ ކަންތައްތައް ވެސް އެބަކުރޭ،" ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގައި ހިނގާ ނޭދެވޭ ކަންކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވި އެވެ.
"މިއީ ހަމައެކަނި މި އަތޮޅު އެކަންޏެއް ނޫން. އެހެން އަތޮޅުތަކުގައި ވެސް ކުރާ ކަމެއް. ހެއްދެވި ފަރާތަށް ހުރިހާ ކަމެއް ސާފު. އެކަލާނގެ ނުރުއްސަވާ މަގަކުން ކޮން މުއްސަނދިތަކެއްތޯ ހޯދަން މި އުޅެނީ؟ ކޮން ޝޯޓްކަޓެއްތޯ ނަގަން މި އުޅެނީ. ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އަމިއްލަ ނަފްސަށް އިހްލާސްތެރިވުމަށް. ސިކުނޑި ތަރައްގީ ނުވަންޏާ ކޮންމެ އުމްރާނީ ތަރައްގީގެއް ކުރިއަށް ގެންދިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ."
ރަށްރަށުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މި ވާހަކަ ދައްކަވާފައި ވާއިރު ސަރުކާރުން މިހާރު ވަނީ ހަލާލް ޓޫރިޒަމް ކުރިއަރުވަން ނިންމައި އެކަމަށް ހާއްސަކޮށް ފަސް ރަށެއް ވެސް ކަނޑައަޅައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ހަލާލު ޓޫރިޒަމްގެ ރަށްތަކުގައި ރަލާއި އޫރު މަހުގެ މުއާމަލާތްތައް ނުހިންގޭނެ ކަމަށެވެ. އެފަދަ ރަށްރަށުގައި ކެއުން ބުއިމުގައި ބޭނުން ކުރަން ޖެހޭނީ ވެސް ހަލާލު ކާބޯތަކެއްޗެވެ.
ޓޫރިސްޓުންގެ ފަރާތުން ރަށުތެރެއިން ފެންނަ ނޭދެވޭ ކަންކަމާ ގުޅޭ ގޮތުން އއ. އުކުޅަހު ކުދިންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވި ސިޓީއެއް ވިދާޅުވަނީ.
އިސްލާމް ދީނާ ގުޅޭ ފަދަ ތަންތަން ރަށު ތެރޭގައި ހުންނަން ޖެހޭނެ ކަމަށާއި މިސްކިތް ފަދަ ތަންތަން ވެސް ހަދަންވާނީ، އެ ރަށުގެ އެންމެ އައިކޮނިކް ބިލްޑިންތަކުގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުނެފައި އެވެ. މީގެ އިތުރުން ޓޫރިސްޓުންނަށާއި ސްޓާފުންނަށް ހާއްސަ ދެ މިސްކިތް ހުރުމާއި ހަލާލް ސެޓިފިކޭޝަން ހޯދުމަކީ ވެސް ބައެއް ހިދުމަތްތަކުގައި އެފަދަ ރަށްރަށުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްޖިބްރރާ
21 August 2025
ވަކި ބަޔަކު ކުރީމަ ގޯސްވެފަ ވަކި ބަޔަކު ކުރީމަ ރަނގަޅުވެފަ. މިއީ ހަމަ ދީނީ ގޮތުން އޮންނަ ގޮތްބާ؟
އަފްރާސިޔާބު
21 August 2025
ރަނގަޅު ކަމެއް. އަންހެނަކާ ފިރިހެނަކުވެސް ލޯކަލްޓޫރިޒަމަށް އައިސްގެންނުވާނެ ކާވެނީގެ ސެޓްފިކްޓްނެތި އެއްކޮޓަރި ހައްސާކުރާގޮތަށް. އައުމުގެ ކުރިންޖެހޭނެ ކާވެނީގެ ސެޓްފިކެޓް އަޕްލޯޑްކުރަން ކޮޓަރި ބުކްކުރާއިރު. މިހާރު ޔޫރަޕުގައި އަންހެނެއް ފިރިހެނެއްނޯވޭ އިންނާކަށް. އެހެންވީމާ ދެފިރިހެނުން އަޔަސް އެއްކޮޓަރި ހިއްސާކުރެވޭނީ ކާވެނީގެ ސެޓްފިކެޓް އޮވެގެން. ރިސޯޓްތައް އޯކޭވާނެ ކޮންމެ ގޮތަކަށް އުޅުނަސް. އެއީ ގައުމުގެތަނެއްނޫން. ދިވެހިން އުޅޭންވާނީ ދީނުގައި.
އަބްޑޫޅް +
21 August 2025
ތިޔަ ހަލާލު ރަށްތައް ތަރައްގީ ކުރުމަށް ނަގާލޯނަށް އިންޓަރެސްޓު ދައްކަން އެބަ ޖެހޭ. އެއީ ހަލާލު އެއްޗެއްތަ؟ ރާއްޖެ އަށް ޓުވަރިޝްޓުން ގެންނަ މަތިންދާބޯޓު ތައް އުފެއްދުމުގައިވެސް އިންޓަރެސްޓު އެބަ ހިމެނޭ. ހަލާލު ރިޒޯޓު ތަކަށް މުދާ އުފުލާ އާގުބޯޓު ފަހަރު ބަނުމަށާއި ދުއްވުމަށްވެސް އިންޓަރެސްޓު އެބަ ދައްކަޔޭ. ދިވެހީން ކައިބޮއި، އުނު އަނުމަށް އެތެރެކުރެވޭ ދާގީނާ ވެސް ގެންނަނީ އިންޓަރެސްޓު ދައްކާ ލޯނު ނަގައިގެނޭ. މިހުރިހާކަމެއްވެސް މަނާތަ؟ ކޮސް ނުގޮވާ.
އަފްރާސިޔާބު
21 August 2025
މޮޔަނުގޮވާ. އިންޓަރެސްޓެއްނޫން. އެއީ ރިކޯޑް ކީޕިންގ ޗާޖް. ބޭންކް އޮފް މޯލްޑިވްސް އިންވެސް ނަގަނީ ރިކޯޑް ކީޕިންގ އެއްނޫންތަ؟
ފަޚުރޭ
21 August 2025
ތިޔައީ މިގައުމު ފަޚުރުވެރިވާ "ބޭން" ރައީސް. ވޭޕް ބޭން ކޮށްފި، ޑޮލަރު ވެސް ބޭން ، ވިޔަފާރިވެސް ބޭން. ލޯކަލް ޓުއަރިޒަމްވެސް ބޭން ކޮށްދެއްވާ!
ވަރަށް ވެދުން.
21 August 2025
އެ މަނިކުފާނަށް ފެންނަނީ ރަށްރަށުގައި ގެސްޓުން އުޅޭގޮތް. ބޭރު މަސައްކަތު މީހުން މާލޭގައި އުޅުއްވާގޮތެއް ފެނިވަޑައި ނުގަންނަވާ. ދީނީ ގޮތުން ދައްކާ ވާހަކައަކަށްވުރެ، ސިޔާސީ ގޮތުން ދައްކާވާހަކަ ކަމަށް ބެލެވެނީ
އަފްރާސިޔާބު
21 August 2025
ތިޔަބުނީ ފުރަމާލޭގެ ވާހަކަ ނޫންތަ. އެއީ އެއްވެސް އަތޮޅަކަށް ލައްވާނުލާ އޮންނަ ދިވެހީންގެ ރާއްޖޭގެ ރަށެއް. ދިވެހިރާއްޖެ އަތޮޅުތަކުގައި ތިބޭމީހުން ދިވެހީންގެ ރާއްޖޭގެ ރަށެއްގެ ވާހަކަ ދައްކައިގެންނުވާނެ. އެމީހުންނަށް ހުއްދަވާނެ ކޮންމެގޮތަކަށްވެސް އުޅެން. މިގޮތުގައި އުޅެންބޭނުންވާ ކަމުގައިވާނަމަ އަވަހަށް ހިޖުރަކުރޭ.
ގައުމީ ދޫ.
21 August 2025
ދިވެހިން ގެސްޓްހައުސް ހިންގަން މާލެ ކައިރިން ދެތިން ފަޅުރަށް ނުވަތަ ފަޅުތަކެއް ޚާއްސަކޮށް އެތަން ތަނުން މީހަކަށް 4000 އަކަ ފޫޓް ބިން ކުއްޔަށް ލިބޭ ގޮތް ހަމެޖެއްސީމަ، އާންމުން ދިރިއުޅޭ ރަށްރަށުގައި ތިކަން ކުރުން މަދުވާނެ. އަދި ގިނަ ފަރުދުން ތަކަކަށާއި އާއިލާތަކަކަށް ޓުއަރިޒަމްގެ ސީދާ މަންފާ ލިބިގެންދާނެ.
ޖެނެޓް
21 August 2025
ވެރިކަމުގެ ދަހިވެތިކަމުގައި ދީނޭ ކިޔައިގެން ނާތާހްޒީބު ދިވެހިންގެ ބޮލަށް ވެރީން ސަވާރުވަނީ މިހެން. ބަލަ ދިވެހިން ބޭރުގައުމު ތަކުގައި ބުރުގާ އަޅައިގެން އުޅޭތީ އެއްވެސް ގައުމަކުން މައްސަލަ ޖެއްސިތަ؟ ކޮބާ އަހަރުމެންގެ ލަދުހަޔާތް؟ މިކަހަލަ ހަޑިމުޑުދާރު ވާހަކަ ދައްކަން. ޔޫޓިއުބާއި ޓިކްޓޮކުން ބިކިނި ނުފެނޭތަ؟ ކޮބަ ސިކުނޑި؟ ކޮބާ ވިސްނުން؟ ދިވެހިން ކިހިނެތް ތަހުޒީބުވާނީ މި ކަހަލަ ކަޑަ ވިސްނުމުގައި ތިބެ.
ރާވެރިބެ
21 August 2025
ތާއިދު. މީހުން އުޅޭ ރާށް ރަށުގަ ހިންގާ ގެސްޓްހައުސް ތަކާއި ހޮޓާތަށް ހިންގަންވާނީ އިސްލާމްދީނާ އާންމު އަޚްލާގީ މިންގަޑަށް ފެތޭގޮތަށް. ފަޅުގަ ނުވަތަ އެރަށެއްގެ ބޭރުގަ ޔޮޓް ބާއްވައިގެން ރާބޯން ގެސްޓުން ގެންދިއުން ހުއްޓެންޖެހޭ. އަދި ގެސްޓް ހައުސްތަކުން ނަގާ ޓީޖީއެސްޓީ ވެސް ޖެހޭނީ ރިސޯޓުތަކުން ދައްކާ ރޭޓަށް ބޮޑު ކުރަން. ސަބަބަކީ ކުރިޔާ ޚިލާފަށް މިހާރު ރާއްޖެ އަންނަ ގިނަ ޓުއަރިސްޓުން ތިބެނީ ގެސްޓްހައުސް ތަކުގަ އަދި ޓެކސްފައްކަނީ އެމީހުން.
އިބުނު މަހުދީ
21 August 2025
އެއީ ކައިވެނިކޮށްގެން އަންނަ ބަޔަކުތޯ ޗެކްކުރޭތޯ އެވެ؟
ރާވެރިބެ
21 August 2025
އިބުނު މަހްދީއަށް. ކައިވެނި ކުރިތޯ ބަލާކަށް ނުޖެހޭ. މިދައްކަނީ ޓުއަރިސްޓުންގެ އިސްލާމް ދީނަށް ވައްދާ ވާހަކައެއް ނޫން. ކުދިކިދި ރަށް ރަށުގަ ޓުއަރިސްޓުން އައިސް އުޅޭއިރު އެރަށުގެ ރައްޔިތުންގެ ސަގާފަތާ ދީނަށް އިހުތިރާމް ކުރުމުގެ ގޮތުން ނިވާކަން ކުޑަ ހެދުން އެޅިގެން ނުވާނެ ވާހަކަ. އަދި ރަށުގެ ބީޗް "ބިކިނީ ބީޗޭ" ކިޔާ ވަކި ބަޔަކަށް ރިޒަރވް ވެގެން ނުވާނޭ މިކިޔަނީ. އެގޮތް ގަބޫލު ވާނެ ރަށްރަށަށް އަންނަ ގިނަ ޓުއަރިސްޓުން. އެހެން މީހުން ރިސޯޓަށް ދާންވީ.
ނާޑުވާ
21 August 2025
ސަފާރީއަށް ގޮސް ބުއީމަ ކަމަކު ނުދޭ އެއަރޕޯރޓް ހޮޓަލާ ދެން ރަށުގެ ފަޅުގަ އޮތް ރިސޯރޓަށް ގޮސް ބޮއެގެން އަޔަސް އޯކޭ. މިން ކޮންކަހަލަ މިނަކުން ދީން މިނާ ބައެއް. މާތްﷲ ހަރާން ކުރެއްވި ތަކެތިން ނަފާ ހޯދައިގެން ލިބޭ ފައިސާ މި ރާއްޖޭގަ ގިނައީ.
ޖަޒީދާ
21 August 2025
ޓޫރިޒަމް މިނިސްޓުރީ އަދި އެމްއެމްޕީއާރުޗީ މިހާރުން މިހާރަށް އިސްލާމިކް މިނިސްޓުރީ ދަށަ ލާން ބަދަލުކުރަން ގޮވާލަން.
ްިއިއްބެ
21 August 2025
ޓޫރިސްޓުން މީހުންއުޅޭ ރަށްރަށަށް އަރާއިރު ލައިގެން ތިބެންޖެހޭ ހެދުން "އެންމެ ކުޑަމިންވަރު" ރައީސް މައުމޫނުގެ ވެރިކަމުގެ ތެރޭގައި ވަނީ އުޞޫލަކުން ނިންމާ ޢާންމުކޮށްފަ. ރިޒޯޓު ތަކަށާ ހޮޓާ ތަކަށް ވަނީ ފޮނުވާ އެއަށް ޢަމަލުކުރަން ފަށާފަ. އެކަން ދޫކޮށްލާފަ ވަނީ 2008ގެ އިންތިޚާބުގަ މޑޕ ވެރިކަމަށް އައި ހިސާބުން. ވެރިކަމށް އަރާ ވަގުތުން ވަކާލާތު ކުރަންފެށި މީހުން ދިރިއުޅޭރަށްރަށުގައި ރާ ވިއްކުން ހުއްދަ ކުރުމަށާއި، ގެސްޓް ހައުސްތަކަށް މިނިވަންކަން ދިނުމަށް.