ރައީސް މުއިއްޒު މިރޭ އުކުޅަހަށް ވަޑައިގަތުމުން އެ ރަށުގެ ކުޑަކުއްޖަކު އެ މަނިކުފާނަށް ސިޓީ އަރުވަނީ.
20 އޯގަސްޓް 2025 - 23:02
ރާއްޖޭގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އއ. އުކުޅަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ނިކުތް ރައްޔިތުންގެ ތެރެއިން ކުޑަކުއްޖަކު އެ މަނިކުފާނަށް ދިއްކޮށްލީ ސިޓީއެކެވެ.
އެ ވަގުތު އެ ސިޓީގައި އޮތް އެއްޗެއް ވިދާޅުނުވި ނަމަވެސް މިރޭ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާ އަށް ރައީސް ވަޑައިގަތީ އެ ސިޓީ ހިއްޕަވައިގެންނެވެ. އެއީ އެ ސިޓީގައި ލިޔެފައި އޮތް އެއްޗެއް ބުނެދޭން އެންމެ ރަނގަޅު މާހައުލަކަށް ވާނީ ރައްޔިތުންގެ ބައްދަލުވުން ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ފާހަގަވި ކަމެއް، އެ ވާހަކަ ދައްކަން ހުއްޓާ މިއަދު މި ރަށަށް ފޭބި ތަނާ މި ރަށު ކުޑަކުދިންގެ ފަރާތުން އަޅުގަނޑަށް ލިބުނު މެސެޖެއް. އަޅުގަނޑު އަތަށް ލިބުނު މެސެޖެއް. ހަމަ އޮތް ގޮތަށް ކިޔާލާނަން،" ރައްޔިތުންނާއެކު ބެއްވި ބައްދަލުވުމުގައި އެ ކުއްޖާގެ ސިޓީ އިއްވަވަން ފައްޓަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުޑަކުއްޖާގެ ސިޓީގައި އޮތް އިބާރާތް އިއްވަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި އެއީ "ވަރަށް ރީތިކޮށް ކުރާހާފައި އޮތް ކުރެހުމަކާ އެއްކޮށް" އެ ކުދިން އެ މަނިކުފާނަށް އެރުވި މެސެޖެކެވެ.
ރައީސް މުއިއްޒު އުކުޅަހަށް މިރޭ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން އެއްވި ކުދިންތަކެއް ކިއޫގައި.
އެ ސިޓީގައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން ބޭނުންވި ނަމަވެސް އެ ލިބޭ މުއްސަނދިކަން ހޯދާއިރު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.
ރަށްރަށުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ ވަކި ރިސޯޓުތަކެއް ނޫން. ރިސޯޓުތަކާއި ސަފާރީތަކުގައި ކުރެވޭ ކަންކަމެއް މި ތަންތާކު ނުކުރެވޭނެ. ގާނޫނުތަކުގެ ތެރެއިން ހަނި ފުރުސަތުތައް ހޯދައިގެން އަޅުގަނޑުމެން ގާނޫނުގެ ތެރެއިން އަދި އިސްލާމް ދީނުގައި ހުއްދަ ނުކުރާ ކަމެއްގެ ތެރެއިން އެ މުއްސަނދިކަން ހޯދަން ދާ ކަމުގެ ވަންޏާ އެއީ އަޅުގަނޑުމެން އަމިއްލަ އަށް މުސްތަގުބަލް ހަލާކު ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކާއި ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭރުން ވިޔަފާރީގައި ބަރަކާތް ލައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު އުކުޅަހުގެ ކައުންސިލާ މިއަދު ބައްދަލުކުރައްވަނީ.
އއ. އަތޮޅުގެ ބައެއް ރަށްރަށަށް ދާ ޓޫރިސްޓުން އުކުޅަހާ މާ ދުރު ނޫން ހިސާބުތަކުގައި އަޅާފައި އޮންނަ ސަފާރީތަކަށް ބަނގުރާ ބުއިމަށް ގެންގޮސް އަނބުރާ ރަށަށް ގެންނަ މައްސަލާގައި ރައީސް ވިދާޅުވީ އެ އޮޅުވައިލެވެނީ ހެއްދެވި ފަރާތަށް ކަމަށެވެ.
އެހެންވެ، ﷲ ހަރާމް ކުރެއްވި ކަންކަން ފާޅުގަ އާއި ސިއްރުގައި ނުކުރުމަށް ރައީސް މުއިއްޒު ނަސޭހަތްތެރިވެ ވަޑައިގަތެވެ.
އއ. އަތޮޅަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ އަތޮޅެކެވެ. ގިނަ ރަށްރަށުގައި ޓޫރިސްޓުންނަށް ހާއްސަ "ބިކިނީ ބީޗް"ތައް ހަދާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
22 August 2025
އަހަރަމެންގެ މި ލޯކަލް ޓުއަރިޒަމް އަށް ބިދޭސީން ޓުއަރިސްޓް ވިސާގައިއައިސް ދިވެހިންގެ ނަމުގާ ގެސްޓްހައުސްތައް ހިންގާ، ޑޮލަރުތައް ދަބަސްތަކުގައި ބޭރުކުރުން ހުއްޓިވާދެއްވަބަލަ. އެޖެންޓް ހެދިގެން ހުރިހާ ޑޮލަރެއް ނަގަނީ އެމީހުން. އެއްވެސް ޓެކްސްއެއް ފިއެއްނުދައްކާ. އިމިގްރޭޝަނުން ހަމަ އެއްވެސް ފިޔަވަޅެއް ނާޅާ.
ރާވެރިބެ
21 August 2025
ބައެއް ގެސްޓް ހައުސް ހިންގާ މީހުން އުޅެނީ މީހުން އުޅޭ ރަށްތަކަކީ ވެސް ރިސޯޓުތަށް ގޮތަށް ޓުއަރިސްޓުންނަށް އުޅެވެން ޖެހޭ ތަނެއް ކަމަށް ހަދަން. ރައްޔިތުންނަށް ވުރެ ޓުއަރިސްޓުން ހިތް ހަމަ ޖައްސަން ހުރިހާ ކަމެއް އޯކޭ ވެގެން ޑޮލަރު ހޯދަން އުޅޭ. އެކަމަކު. ދިވެހި ވަންތަ ދީނާ ޚިލާފު ނުވާ ގޮތަށް ލޯކަލް ޓުއަރިޒަމް ހިންގީމަ މާ ފައިދާ ވާނެ. ކުދި ރަށްރަށުގަ ބޮޑެތި 10 ބުރީގެ ހޮޓާ ތަކެއް ބޭނުމެއްނުވޭ. އެކަން ކުރަނީ މާލެ މީހުން. ރަށު މީހުންނެއް ނޫން.
ރާވެރިބެ
21 August 2025
މީމުޅިރާއްޖެއަށް ކުރިމަތިވެފަ އޮތް ބޮޑު މައްސަލައެއް. ލޯކަލް ޓުއަރިޒަމްއާ ގުޅޭ ކަންކަން ރެގިއުލޭޓު ކުރަން މިހާރުން މިހާރަށް ގަވާއިދު ހަދާ ތަންފީޒް ކުރަންޖެހޭ. މީހުން އުޅޭ ރަށުތެރޭ ބިކިނީ ލައިގެން އުޅެވިގެން ނުވާނެ. އަދި ބިކިނީ ބީޗް ހެދިގެން ނުވާނެ. ރަށުގެ ރައްޔިތުންގެ ހިތްހަމަ ޖެއްސުމަށް ބީޗަށް ދެވެން ޖެހޭނެ، މީހުން އުޅޭ ރަށްރަށަށް އަންނަ ޓުއަރިސްޓުން މި ގައުމުގެ ސަގާފަތަށް ހުރުމަތްތެރިކޮށް ހިތައިގެން ވެސް ޗުއްޓީ ހޭދަ ކުރެވޭނެ.
އަފްރާސިޔާބު
21 August 2025
ތިހެން ނުކިޔައި ގަވާއިދެއް ހަދައި މަނާކޮށްބަލަ. ބިކިނީ އާ މަސްތުވެގެން ރަށްރަށުގައި ނުއުޅުމަށް. އެއިރުން މައްސަލަ ހައްލުވީ. ނުކުރާނޭ އެކަމެއް. އެއީ އިރުއިރުކޮޅާ ގޮވާނެ ކަންތައް މަދުވެދާނެތީ.
ފަލަ ހުސޭނު
21 August 2025
ރަނގަޅެއްނު. ރިސޯޓުން ނުފުދިގެން ރައްޔިތުމީހާއަށް ޑޮލަރު ހޯދަން ގެސްޓްހައުސް ފެށީ. އެވަރުންވެސް ރައްޔިތުމީހާއައް ލިބޭ ޑޮލަރު މަދުވެގެން ސީދާ ރައްޔިތުމީހާއާ އެއް ގެއެއްގައި ގެސްޓުމީހާ އުޅެން ހޯމްސްޓޭ ހެދީ. ދެން އޭނަ ހޯމްގަވެސް އުޅެންވީ ތިބުނާހެން؟ މާދަމާ ޑޮލަރު ހޯދަން ރޫމް ސެއަރިންއާ ބެޑް ސެއަރިން ހުއްދަކޮއްފަ ބުނަންވީ ހުއްދަގޮތުގަ ކުރާށޭ؟ އަޅެ، ސަރުކާރާއި މަޖިލިސް ހިތަކަށް ދިނީމަ މޮޅުވާހަކަ ނުދައްކާ ގާނޫނުން ކަންކަން ބަދަލުކޮށްބަލަ.
އަލްއަޙް މުޙައްމަދު ބިން އަޙްމަދު
21 August 2025
އިތްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް. މަނިކުފާނު ނިކަން ބައްލަވާށެވެ. ފުރަ މާލޭގެ މަގުތައް މަތީގައި ދިވެހިންނާއި ބިދޭސީ އަންހެންވެރިން ބަނޑުފުޅު ދައްކަވައިގެން ކުރު ހެދުން ތުރުކުރައްވައިގެން އުޅޭ އައްޗި އުޅުން ހުއްޓުވާލަދެއްވާށެވެ. އެމަންޒަރުތައް ފެނި ދަރިންނާއި މައިންބަފައިން އެކުގައި ބޭރަށް ނިކުމެ އުޅެން ލަދުގަންނަ ކިތަންމެ ބަޔަކު އުޅެއެވެ. އޅުގަނޑުވެސް ހިމެނެއެވެ. ނޫސް ރިޕޯޓަރު މި ނޯޓު ރައީސަށް ފެންނަވަރު ކޮށްލަދެއްވާނެކަމަށް އުއްމީދުކުރަން.
އަފްރާސިޔާބު
21 August 2025
މާލޭ މަގުމަތީގައި ނޫޅޭނެ ބަނޑު ފެންގޮތަށް ހެދުން އަޅައިގެނެއް. އުޅުނިއްޔާ އެއީ މިރާއްޖޭގެ ބައެއްނޫން. މިރާއްޖޭގެ މީހުންނަށް ނުވާބަޔަކަށް ގާނޫނެއް ގަވާއިދެއް ނުހެދޭނެ.
ޖައިމަލްް
21 August 2025
ދެން އަންނާން ހުރި ވެރިންނަށްވެސް މިއީ ލާމަސީލު މިސާށަލެއް.
މިނިސްޓަރޯނީ
21 August 2025
ޑްރާމާ ކުއީން، ކުޑަކުއްޖަކު ތިޔަވަރު ސިޓީއެއް ލިޔެފަ ރައީސަށް ދޭނީ ޔަގީނުންވެސް ކޮންމެވެސް ބޮޑު މީހަކު ބުނެގެން، މޮޅު ސްކްރިޕްޓެއް ލިޔެފަ ޑްރާމާ ކުޅެނީ، ގއ ރަށަކަށް ކުރެއްވި ޒިޔާރަތުގައިވެސް ކުއްޖަކު ނޯޓެއް ދިއްކޮށްލުމާއެކު ވަގުތުން އެކުއްޖާގެ ބައްޕަ ރަށަށް ގެނެސްދިން ހަދާންވޭ، ސަފާރީއަށް ބަގުރާބޯން ގެސްޓުން ގެންދިއުމަކީ ﷲއަށް އޮޅުވާލުންނަމަ އެސަފާރީގަ ބަގުރާ ވިއްކަން ހުއްދަދޭ ފަރާތުން އެކުރަނީ ކޮންކަމެއްތޯ؟
ހިމާރުލް ޤައުމު
21 August 2025
ތީ ކުދިންގެ ޝަކުވާއެއްނޫން. ކުދިން ލައްވައި ބޮޑެތިމީހުން ކުރި ޝަކުވާއެއް، ވާގޮތަކީ، މާފަންނު މަދަރުސާއިން ކުދިން ލައްވައި އެމީހުން ބޭނުންވާ ކަންކަން ހުށަހެޅީމަ ރައީސް މުއިއްޒު ކޮށްދެއްވީ، ދެން އެހެން ބަޔަކުވެސް ހަމަ އެހެން ހެދީމަ އެކަންވެސް ވީ. ދެން ރައީސް އަތްޕުޅަށް އަރުވާނީ ޤައުމުގެ ރައްޔަތުންގެ ޝަކުވާއިން ފުރިފައިވާ ސިޓީތައް. އެއަކަށް ރައީސް އަޅައެއްނުލައްވާނެހެން ހީވަނީ.
ވަދީއު
21 August 2025
މިގައުމަށް ބޭނުންވަނީ ރައީސް މުއިއްޒު ކަހަލަ ދީނީ ވެރިން.
ނުއުމާން
21 August 2025
ދެން މިހެންވާހަކަ ދެއްކީމަވެސް ބުނާނެ ހަރުކަށި ވަނީ އޭ.. އެބުނާހެން އެރަށުގަ ހުރިހާ ދިމާލަކުންވެސް ފެންނަނީ މި މަންޒަރު. ކޮންމެކަމެއްގަވެސް ހައްދެއް އޮންނަންވާނެ