21 އޯގަސްޓް 2025 - 20:43
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ހަމަޖައްސައިފި އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި އަދާކުރި މޯހަންއާ ގައުމީ ޓީމު ހަވާލު ކުރީ ތިން މަސް ދުވަހަށެވެ.
އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމުން އެންމެ އަވަހަށް ނުކުންނާނީ އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ ދެ މެޗަށެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ކުޅޭ މެޗުތަކުގައި ވެސް ޓީމަށް އިރުޝާދު ދޭނީ މޯހަން އެވެ.
އޭއެފްސީ ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ މޯހަން، އެންމެ ފަހުން މަސައްކަތް ކުރީ ކްލަބް އީގަލްސްގަ އެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖޭން ކާމިޔާބު ކުރި އިރު ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އެއް ކޯޗަކީ މޯހަން އެވެ.
ކްލަބް ކެރިއާގައި އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަ ކުރީ އޭނާގެ އާއިލީ ކްލަބް، ނިއު ރޭޑިއަންޓްގަ އެވެ. އެ ކްލަބަށް 2012 ގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އޭނާ ހޯދައި ދިނީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
މިއީ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ އޭނާ ހަވާލުވާ ފުރަތަމަ ފަހަރެވެ. އޭނާ ކުރިން ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.
ގައުމީ ޓީމުގެ ކޯޗުގެ މަގާމު އެންމެ ފަހުން އަދާކުރީ އަލީ ސޒުޭން އެވެ. ޖޫން މަހު ޓީމޯ ލެސްޓޭއާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު މެޗަށް ފަހު ސުޒޭން ވަނީ އެފްއޭއެމުން އޭނާ އާ ހަވާލު ކުރި މަސައްކަތް ނިންމައި، ގައުމީ ޓީމާ ދުރަށް ޖެހިލިކަން އިއުލާން ކޮށްފަ އެވެ. އޭނާއަކީ މިހާރު އެފްއޭއެމުން އެކުލަވާލާފައިވާ ޑައިމަންޑް ޖިބިލީ ކޮމިޓީގެ ޗެއާޕާސަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯ
22 August 2025
ސީދާ ލިވަޕޫލް ސްޓައިލަށް، ބުންވަރ ހުރެގެން ވާނީ
މާހަން
22 August 2025
މޯހަން ނުކިޔާނެ ދިވެއްސަކަށް. މިއީ އިންޑިއާ މީހެއްދޯ
ޓޯލް
22 August 2025
މުސްކުޅި ފުޓްބޯލައިގެ ހިޔާލު ހުރިމީހެ،.. ޟާކިއްޓޭމެން ކަހަޅަ މީހަކައް މިކަން ވާނީ....