މީޑިއާގެ މިނިވަންކަމަށް ގޮވާލައި ނޫސްވެރިން މަޖިލިސް ކައިރީ މުޒާހަރާކުރަނީ.-- ފޮޓޯ: މިހާރު
21 އޯގަސްޓް 2025 - 22:34
ނޫސްވެރިކަން ރެގިއުލޭޓްކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ކުރިއަށް ގެންދަން ފުރުސަތު ނުދިނުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ގޮވާލައިފި އެވެ.
ދުނިޔޭގެ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭއިން ނެރުނު ބަޔާނެއްގައި، މިއީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރުކަން ފާހަގަކޮށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި އަދި ސަރުކާރުގެ ފުރިހަމަ ނުފޫޒު މީޑިއާތަކަށް ފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު މަޖިލީހުން ބޭރުކުރަން ރައީސް މުއިއްޒަށް ދަންނަވާ ކަމަށެވެ.
"މީޑިއާގެ މިނިވަންކަން ދަމަހައްޓަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ދަމަހައްޓަވައި، މި ބިލު މަޖިލީހުން ބޭރުކުރާނެކަން ކަށަވަރުކޮށްދޭން ޖެހޭ،" ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ބެ ލީ އީ ވިދާޅުވި އެވެ.
"ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންހާ ގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ވެސް ނުރައްކާވާނެ."
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އެ ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ މިދިޔަ އަންގާރަ ދުވަހު މަޖިލީހާއި މަޖިލިސް ބޭރުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ. އަދި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ މި ބިލު ހުށަހެޅުން ކުށްވެރިިކޮށް، ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލިހާޒް މުހުސިން
22 August 2025
ބަޔެއްގެ އަބުރުކަތިލުން ފިތުނަ އުފެއްދުން. މިއީ މީޑިޔާ ހިންގުމެއް ނޫން
އަހްމަދު ސަނީހް
22 August 2025
ކޮން ކަމެއް މީޑިޔާ ތަކަށް ނުވަނީ؟ މީޑިޔާތަކަށް އެއްވެސް ކަމެއް ބަންދުވަނީކީ ނޫން ތީގެ ސަބަބުން. ދެން؟
ޝުހާދު މުހައްމަދު
22 August 2025
މީޑިޔާ ބިލް ހަމަ ބަރާބަރު. ތިއުޅެނީ އެހެން ކަމެއް ނުވެގެން
ގާސިމް
22 August 2025
ސީޕީޖޭ މަޖިލީހަށް ބާރު ނުފޯރުން ގޮވާލަން. މިނިވަން ނޫސްވެރިކަމޭ ކިޔާފަ ހިތުހުރި ދޮގެއް ލިޔެގެން ފިތުނަ އުފައްދާނެކަމެއް ނެތް. އެމީހަކު ލިޔާ އެއްޗެއް ދޮގަކަށް ވެއްޖެނަމަ ހަރުކަށިބއަދަބުދޭ ން ގޮވާލަށް.
ދޮންފުތު
22 August 2025
މީޑިޔާކިޔައިގެން ތެޅިފޮލޭއިރު ތިޔަ ބިލައް ތިކުރާ ތުހުމަތުތައް ބުނެދީބަލަ . ރައްޔިތުމީހާ އަޑުއަހަން ބޭނުމޭ ..
ޖިންނަތުގާ
22 August 2025
ކުށެއް ކޮށްފިނަމަ ޒިންމާވާންޖެހޭނެ. އެވަރުގެ ގަޓު ނޫސްވެރިންގެ ކިބައިގަ ހުންނަންޖެހޭ. ތިޔަ ބިރުނަގަނީ ކަލޭމެންގެ ކިބައިގަ އެފަދަ ޢިލްމީ ފެންވަރު ނެތީމަ. އެންމެ ކުޑަމިނުން ޢިމްލާ ކުށެއް ނުލާ ޚަބަރެއް ލިޔެނުލެވޭ. ކަނޑު، ފަޅު، މޫދު ގެތަފާތު ވަކިކުރާކަށް ނޭގޭ. ޓޭންކާއި ޓޭންކަރު ވަކިކުރާކަށް ނޭގޭ. ދިވެހިބަހުގަ ފިލިޖެހޭ އަކުރުތަކެއް ނޭގޭ. މިހިރަ ކަންކަމާހުރެ ނޫހެއް ކިޔާލާ ކޮންމެފަހަރަކު މިނޫސްވެރިންގެ ރޯނުއެދުރުކަން ހިތަށްއަރާ ބޮލަށް ތުރާވޭ.