ނޫސްވެރިން މަޖިލީހުގައި ހިމޭން އިހުތިޖާޖެއްގައި-- ފޮޓޯ: ހުސެއިން ހަސަން
19 އޯގަސްޓް 2025 - 11:26
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ބަހުސް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔައިރު ނޫސްވެރިން މަޖިލީހުގެ އިދާރާގެ ގެލަރީގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ބިލްގައިވާ ގޮތުން ރައީސެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އާ ބިލުގައިވެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބަހުސް ފެށިއިރު، ބިލްގައި ބަޔާންކުރާ ކަންތައްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް ނޫސްވެރިން ތިބީ މަޖިލިހުގެ ގެލަރީގަ އެވެ. އެ މީހުން ތިބީ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން އަނގަމަތީގައި މަލަން އަޅައިގެންނެވެ.
ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. ނޫސްތައް ބަންދުކޮށް ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ އެކަމާ ދެކޮޅު ހަދާ ސަބަބުތައް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނި ގޮތުގައި ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކޮށް މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެންގޮސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ދެކެ އެވެ. އެހެންވެ، އެއީ މީޑިއާގެ މިނިވަންކަން މަރާލުން ކަމަށް އެ ޖަމިއްޔާ އިން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިލިސް
19 August 2025
މިނިވަން ނޫސްވެރިކަން ވ މުހިންމު
ގާސިމް
19 August 2025
މާލީ މަންފާއަށްޓަކައި ލިޔުންތެރިންގެ އަދަދު އިތުރުވަމުން ދިއުމާއެކު، ނޫސްވެރިކަމުގެ ޙަޤީޤީ މިނިވަންކަން ވަނީ ގެލިފައެވެ.
ލޮލްސް
19 August 2025
ލޮއްބޮ ހޮރަށް ފަހަތުން ގޮސް ވަންނާނެޔޭ އެބުނަނީ މިކަހަލަ މީހުންގެ ވާހަކަތާދޯ. ބަޔަކު ބޭރުގަ ކަމެއް ކުރީމަ އެކަން ހަމަ އެގޮތަށް ކުރަންވީ
މައިޝަން.
19 August 2025
މީ ވަރަށް މަތިން އައިސް އުޅޭ ބަޔެއް. މިހެން މިކަން ވެގެން ނުވާނެ. ނޫސްވެރިން މަށަށް ހީވަނީ ރަތް ރޮގު ހުރަސްކުރަނީ ހެން. އަދަދުގެ ނޫސްވެރިން
މުސްތަގާ
19 August 2025
މީ އެމްޑީޕީއިން ކުރުވާ ކަމެއް. ވަރަށް ހަޑި ކަމެއް މިއީ.
މަމްނޫހް ޒާހިރު
19 August 2025
އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން. މިކަން ކުއްވެރިކުރަން.
އަޑަފި
19 August 2025
މިހާތަނަށް ފެނިގެން ގޮސްފަވަނީ، މީޑިއާތައް ރެގިއުލޭޓް ކުރާ ބޮޑީތަކުގަ ތިބޭމީހުންގެ ސިޔާސީ ވިސްނުމަށް ފިޔަވަޅުތައް އަޅާތަނެވެ. ސަރުކާރާ ދެކޮޅު ބަޔަކު ތިބިނަމަ، މީޑިއާއަކުން ކިތައްމެ ބޮޑު ގޯހެއް ހެދިނަމަވެސް، އެކަން މާބޮޑު ކަމަކަށްނުހަދާ ދޫކޮށްލާތަން އެބަފެނެއެވެ. ނަމަވެސް ކޮންމެ މީޑިއާއަކުން ގޯހެއް ހެދިޔަސް އެކަމަށް ފިޔަވަޅު އެޅުމުގެ ގާބިލްކަން ކައުންސިލްގަ ހުންނަންވާނެއެވެ.
ކިހާދޫޝާފީ
19 August 2025
އަހަރުމެން ތައިލެންޑަށް ގޮސް މަސާޖުޕާލާތައް އޮބުޒާވުކުރިން
އަޑަފި
19 August 2025
މީޑިއާތައް ރެގިއުލޭޓް ކުރުމަށް އެއްބޮޑީއެއް އޮތުން މުހިންމުކަމަށް ދެކެމެވެ. ރާއްޖޭގެ ގިނަ މީޑިއާތަކަކީ ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ގޮސްހުސްވެފަ ތިބޭ މީޑިއާތަކެކެވެ. ސަރުކާރަށް ތާއީދުކުރާ މީޑިއާތަކަށް ސަރުކާރުގެ އެއްވެސް އުނިކަމެއް ނުފެންނާނެއެވެ. އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ މީޑިއާތަކުން ސަރުކާރުގެ އަގުވައްޓާލުމަށް ކުރެވުނުހާ ކަމެއް ދަނީ ކުރަމުންނެވެ. މި ދެބަިމީހުންވެސް ކުރަމުންދަނީ މިނިވަން ނޫސްވެރިކަމެއްނޫނެވެ. 1
އަބްރާރު ހަސަން
19 August 2025
މީޑިއާ ކައުންސިލްގައި ތިބީ ހުސް އެމްޑީޕީ މީހުން، ދިވެހި ރައްޔިތުންގެ އަބުރާއި އިއްޒަތަށްޓަކައި މި ބިލު ފާސް ކުރަން ގޮވާލަން