ކޮމިޝަންގެ މެމްބަރުން ކަނޑައެޅުމާއި ވަކިކުރން އަދި ކޮމިޝަންގެ ރައީސް އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް ބިލް އިސްލާހުކުރަން އޭޖީ ހުށަހެޅުއްވި.
އެޓާނީ ޖެނެރަލް އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. މީޑިއާ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނަން އޭނާ މިއަދު ހުށަހެޅުއްވި --- ފޮޓޯ/އޭޖީ އޮފީސް
10 ސެޕްޓެމްބަރ 2025 - 20:20
ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން ހިމެނޭ ގޮތުން، އެ ބިލަށް ގިނަ ބަދަލުތަކެއް ގެންނަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅުއްވައިފި އެވެ.
އޭޖީ އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީޑިއާ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުން މީޑިއާއެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ބާތިލް ކުރުމަށް އެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ބިލްގައި ބަޔާން ކޮށްފައިވާ މާއްދާ ވެސް އުނިކުރަން ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތައް އެޅޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ގެންދަނީ ސިލްސިލާކޮށް އިހުތިޖާޖުތަކެއް ކުރަމުންނެވެ. އެ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކުރުމުން އެކަމާ ދެކޮޅަށް ވެސް ބައެއް ނޫސްވެރިން އިހުތިޖާޖުކުރި އެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15 އިސްލާހެއް ހިމެނެ އެވެ.
އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ހިޔާލުތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކުރަން ވެސް އެ އޮފީހުން ވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ކަމަށެވެ. އޭގެ ބަދަލުގައި ހުށަހެޅީ "އާއްމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު"ގެ ނަމުގައި ބައެއް އިތުރުކުރުމަށެވެ.
އޭޖީ ހުށަހެޅުއްވި އަނެއް ކަމަކީ މީޑިއާ ރެގިއުލޭޓް ކުރަން ބިލުން އުފައްދާ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ބިލުގެ 17 ވަނަ މާއްްދާ އާއި 19 ވަނަ މާއްދާ އަދި 20 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.
މިއިސްލާހުތަކުގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ)) އުނިކުރުމަށްވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ. https://t.co/k1P20dLRe3
— Ahmed Usham (@a_usham) September 10, 2025
އޭގެ ބަދަލުގައި ކޮމިޝަނުގެ މެންބަރެއްގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެ ނަމަ އެ މެންބަރު ވަކިކުރުމުގެ ބާރު އޭނާ އިންތިހާބުކުރާ ފަރާތަށް ދޭ ގޮތަށް ބައެއް އިތުރުކުރަން ވެސް އޭޖީ ހުށަހެޅުއްވި އެވެ.
މީގެ އިތުރުން ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ އިތުރު އިސްލާހުތައް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.
މީޑިއާ ރެގިއުލޭޝަން ބިލް ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ ތަނުން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް، ބިލު ބޭރުކުރަން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭޖީ
11 September 2025
އޭޖީގެ ނާގާބިލުކަން ހާދަ ގިނަ ތިކަހަލަ ކޭސްތަކުގަ ފާހަގަވެގެން ހިނގައްޖޭ. ރައީސް ވެއްޖެނޫންތޯ ތަންކޮޅެއްރަނގަޅު އޭޖީ އެއް ހޯއްދަވަން.
އޮނަރަބްލް ރުފިޔާ ގޯނި
11 September 2025
މިހާރު އެބަ ވިސްނޭ ..........އެއިރެއްގައި އޮންނަ ސަރުކާރުން ބޭނުންވީމާއި ވަކި ނޫސްވެރިޔަކަށް ފިޔަވަޅާ ވަކި ނޫހެއްގެ ރަޖިސްޓީރީ ބާތިލު ކުރާ ގޮތަށް ގާނޫނު ފާސްކުރާ ނަމަ ދެން ކީއްކުރާ ފަނޑިޔާރު ގެއެއް . ؟
ބެއްަޔާގެ ދަރި
11 September 2025
ދައުލަތުގެ މީޑިއާ ނޫނީ ރާއްޖެ ޓީވީ ކަހަލަ އިދިކޮޅުގެ އަޑުތައް ގެނެސްދޭ މީޑިއާއަކަށް ވެސް ކޮމިޝަން ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުގެ ތެރޭގައި ނުހިމެނީ ކީއްވެތޯ؟ ވަކިވަކި ނޫސްވެރިންނަށް ވޯޓު ލެވޭ ގޮތަށް އޮތީމާ އެންމެ ގިނަ ނޫސްވެރިން ތިބޭ ތަނަކަށް އިންތިހާބު ހައިޖެކްކުރުމުގެ ފުރުސަތު އޮންނާނެ. މިހާރު ވެސް އޮންނަ ގޮތަށް ކޮންމެ މީޑިއާއަކަށް ލެވޭނީ އެއް ވޯޓު ކަމަށް ކަނޑައަޅަންޖެހޭ
އައްބެ
11 September 2025
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅޭގޮތަށް ކީއްކުރަން ފާސްކުރާ ޤާނޫނެއް. ހަމަ ބަޔަކު ދެކޮޅުހަދާއިރަށް އެބަޔަކު ބޭނުންގޮތެއް ހަދަންޏާ ކީއްކުރަންހޮވާ ރައްޔިތުންގެ މަޖިލީހެއް. ހިސާބުބެއްލެވޭދުވަހު ވަކިމީހެއް އިސްތިސްނާނުވެ އިންސާފުލިބޭނެ. ނޫސްވެރިންގެ ނަމުގައިތިބެ މިއަދު ބޭނުންހާ އެއްޗެއް ލިޔެފައި އެދުވަހު ސަލާމަތެއް ނުވެވޭނެ. އަހަރެން ދޮގު ޚަބަރު ފަތުރާ ފަރާތްތައްދެކެ އަބަދުވެސް ނަފުރަތުކުރަން.
ޤައުމީ މަސްލަޙަތު
10 September 2025
ތީގެ ބާރުކަނޑުވާފަ ފާސް ކުރާނެކަމެއްނެތް. އަބުރާ ޢިއްޒަތަކީ ޝަރުޢީ ހަމަތަކުން ހުރުމަތްތެރި އެއްޗެއް. ހަމަ ލިޔެލާ އެއްޗަކުން ހުސް ބުހުތާނު ދޮގު ހަދައިގެންވެސް މިހާރު އަބުރު ކަތިލުމަކީ އާންމު ކަމަކަށްވީއިރު، މުސްލިމުން އުޅޭ މިޤައުމުގަ އަބުރު ކަތިލަންޏާ އާންމު ރައްޔިތުންގެ މަސްލަޙަތު ހިމާޔަތް ކުރެވެންޖެހޭނެ. ބޮޑު ޚަރަދެއް ލޯޔަރުންނަށް ނުދީ، ގިނަ ތަންތަނަށް ވަގުތު ބޭކާރުކުރަން ނުދަމާ، މައްސަލަ ޖައްސައި ފިޔަވަޅު އެޅޭނެ ގޮތެއް އޮންނަން ޖެހޭނެ.
ހާސަރު
10 September 2025
ކޮންމެ ގޮތެއްހަދާފަވެސް ބިލްފާސްކުރަންދޯ އަދިވެސް މިއުޅެނީ! ނޭޕާލްއަށް ވަމުންދާގޮތް ހަމަ ނުފެންނަނީބާ!