އަބަދު ވެސް އެންމެ މުހިއްމު ކަމަކަށް ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ނޫސްވެރިންނާ ގުޅޭ މާއްދާއަކީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލަށް ބަލައިގެން ހަދާފައިވާ ބައެއް ކަމަށެވެ. ނަމަވެސް އެޓާނީ ޖެނެރަލް (އޭޖީ) ގެ ވިސްނުމަކީ އެއަށް ބަދަލުތަކެއް ގެނައުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވާންޖެހޭނީ އެންމެ އިސްކަންދޭ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ ޓްވީޓްގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ، މަސްދަރު ހާމަކުރުމާ ބެހޭ ގޮތުން އޮތް މާއްދާ ބަދަލުކުރާނެ ކަމަށް ބުނެފަ އެވެ.
ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންނާއި ޖަމިއްޔާތަކުން އެންމެ ކަންބޮޑުވަނީ މަސްދަރު ހާމަކުރުމާ ބެހޭ ބަޔާ ގުޅޭގޮތުންނެވެ.
އެ ބިލުގައި، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައި ވެ އެވެ.
ނަމަވެސް، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ ބުނާގޮތުން "ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" އެވެ.
އެ މައްސަލައިގައި ފަސް ޖަމިއްޔާއިން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަސްދަރު ހާމަކުރަން މަޖުބޫރުކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފުކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާ ކަމަށް ބުނެ، މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާ އަނބުރާ ގެނައުމަށް ގޮވާލާފައިވެ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑު، އެމިނެސްޓީ އިންޓަނޭޝަނަލް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އެ ބިލް އޮތް ގޮތަށް ފާސްވެއްޖެނަމަ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންދާނެ އެވެ. ހަމައެއާއެކު، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް-ސެންސަޝިޕަށް މަގުފަހިވެގެން ދިއުމަކީ ވެސް އޮތް ނުރައްކަލެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބިލާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓަސް ސަރުކާރުން އަދި އޭޖީ އޮފީހުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.