ޝަހީމް ވިދާޅުވިގޮތުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތާ ގުޅޭ ކަންކަން ކަމަށް.
ރާއްޖޭގައި މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމް އަދި މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނީޒާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
23 އޯގަސްޓް 2025 - 10:49
ފަގީރުންނާއި މިސްކީނުންނަށް ޒަކާތުގެ ފަންޑުން އެހީތެރިކަން ދެވޭނެ ގޮތުގެ އިތުރު މަޝްވަރާތައް ފަށައި އެ ކަމާ ގުޅޭ ހާއްސަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އެކުލަވައިލަމުން އަންނަނީ ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ އެކިއެކި ޟަރޫރަތްތައް ފުއްދައި ދޭނެ ގޮތުގެ ތަސައްވުރު ކަމަށެވެ. އެހެންވެ، ކެބިނެޓަށް ހުށަހަޅާނެ ކަރުދާހެއް ތައްޔާރު ކުރުމާ ގުޅޭ ކަންކަން ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބޭސްފަރުވާ އާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ ޟަރޫރަތްތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެންނަށް ތަރައްގީ ކުރެވިއްޖެ ނަމަ އަޅުގަނޑަށް ޔަގީން ހެޔޮ މުޖުތަމައެއް ރާއްޖޭގައި އުފެދިގެން ދާނެ ކަން. ހަމަ އެހެންމެ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހުރި ކޮންމެ ބަޔަކީ ވެސް ހަމަ ތަރައްގީ ކުރެވޭނެ ބައެއް،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތުގެ ކަންތައްތަކެވެ. އެހެންވެ، ޝަހީމް ވިދާޅުވީ، މުޅި ގައުމު ނުފުދިގެން އުޅޭ މިފަދަ ޒަމާނެއްގައި ފަގީރުންނާއި މިސްކީނުންގެ "މި ޒަމާނުގެ މަފްހޫމެއް" ކަނޑައަޅަންޖެހޭ ކަމަށެވެ.
"އެއީ މީހުންނަށް ދިރިއުޅޭނެ ތަނެއް ލިބުމަކީ އެއީ ޝަރޫރަތެއް ހަޔާތުގައި. އޭނާ އަށް ތައުލީމު ލިބުމަކީ ހަޔާތުގައި ޝަރޫރަތެއް މި ޒަމާނުގައި. އެހެންވީމާ މި ކަންކަމާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފެށުމުގެ ޖަލްސާގައި ޝަހީމް ވިދާޅުވީ، ޒަކާތާ ގުޅޭ ކަންތައްތަކުގައި ރާއްޖެއަކީ ދުނިޔޭގަައި އެންމެ ލީޑިން ގައުމަށް ވުމަކީ އަމާޒެއް ކަމަށާއި އެ ކަމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އެއީ މީހުންނަށް ދިރިއުޅޭނެ ތަނެއް ލިބުމަކީ އެއީ ޝަރޫރަތެއް ހަޔާތުގައި. އޭނާ އަށް ތައުލީމު ލިބުމަކީ ހަޔާތުގައި ޝަރޫރަތެއް މި ޒަމާނުގައި. އެހެންވީމާ މި ކަންކަމާ މެދު ވިސްނައި ފިކުރު ކުރަންޖެހޭ،"--- މިނިސްޓަރު
އެއް ކާމިޔާބީއެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ޒަކާތު ބިލެވެ. އޭނާ ވިދާޅުވީ، އެ ބިލް ފަރުމާކުރީ "ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާގެ މައްޗަށް" ކަމަށެވެ.
"އެހެންކަމުން މީގެ އެތައް އަހަރެއް ކުރިން އެކި ގައުމުތަކުގައި މި ދާއިރާގައި ތަހުސީސް ކުރެވުނު ގާނޫނުތަކަށް ވުރެ ދިވެހިރާއްޖޭގައި ޒަކާތުގެ ބިލް ނުވަތަ ގާނޫނު ވަރަށް ފުރިހަމަ ވާނެ،" އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ޝަހީމް ވިދާޅުވި އެވެ.
އޭގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެ ބިލްގައި އިދާރީ މެނޭޖުމަންޓާއި ޝަރުއީ ހަމަތައް ގުޅިލާމެހިފައި ވުމާއި އިންވެސްޓުމަންޓުތަކަށް ފުރުސަތު ދީފައިވުން ކަމަށެވެ. އަދި އެއީ ޒަކާތާ ބެހޭ އެހެން ގާނޫނުގައި ނެތް ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ފެށި ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
"ދިވެހިރާއްޖޭގެ ޒަކާތުގެ ގާނޫނު ވުޖޫދު ވެގެން މި އަންނަނީ އިދާރީ މެނޭޖުމަންޓު، އިދާރީ ގޮތުން ޒަކާތް ހަވާލުވެ، ބެހުމުގެ އިދާރީ އިންތިޒާމުތަކާއި ޝަރުއީ ކޮމިޓީ ގާނޫނުގައި އެބައޮތް. އިންވެސްޓްމަންޓު އެޑްވައިޒަރީ ކޮމިޓީ ގާނޫނުގައި އެބައޮތް. އިންވެސްޓް ކުރާނެ ހަމަތަކާއި ގޮތްތައް އަދި ކުރިއަށް ދެވޭނެ މަގުތަކަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.
އެހެންވެ، އެއީ ޒަކާތާ ގުޅޭ ކަންތައްތަކުގައި އާ އުސްމިނަކަށް ރާއްޖެ ގެންގޮސްދޭނެ ގާނޫނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޝަރުއީ، އިލްމީ އަސާސްތައް ވެސް ވެސް ބަޔާން ކޮށްފައި ވާނީ އެންމެ ފަހުގެ ތަޖުރިބާތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވިގޮތުގައި އެ ބިލް ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރާނެ ކަމަށް އުންމީދު ކުރެވޭއިރު، އެ ގާނޫނު ތަރުޖަމާކޮށް އެހެން ގައުމުތަކަށް ވެސް ފޮނުވާނެ އެވެ.
އޭނާ ވިދާޅުވީ، ޒަކާތުގެ ބިލް އެކުލަވައިލުމުގައި މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސަށް އިލްމުވެރިން ދެއްވި ލަފަ އާއި އިރުޝާދުގެ ބޭނުން ހިފާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިކަމެތިންނަށް އެހީވުން، ތިމާ ނުކައިވެސް ...
25 August 2025
ދީނީ ކަންކަން އެނގިފަހުރިވަރު މިމީހުންގެ ދިރިއުޅުމުގަ ހުރި ޒުހުދުވެރިކަމުން ފެންނާނެ؟
ގޮނުއަނގަ
25 August 2025
ޒަކާރުގެ ރުކުނެއް އަލުން ތަރައްޤީ ކުރުން. "ތަރައްޤީ" އަދި "އާއުސްމިން" އަދި "އިތުރަށް ފުރިހަމަކުރުން" މިކަންކަމަކީ މިސުރުޚީގެ ދަށުން މިންގަނޑު ކަނޑައަޅިފައިވާކަމެއް. އަލުން ކުރާނެ ތަރައްޤީއެއް ނޯންނާނެ. ދެން އޮންނާނީ ބަހާނަ އާގޮތްތައް "މިޒަމާނުގެ ޢިލްމުވެރިން" ބައިއެޅުމުގައި ގެން ގުޅޭނެ އާގޮތްތައް ބުއްދިކޮށްގެން ބަހާލުން.މީހަކު ކިޔަވަން ނެގި ލޯނަކަށް ވަޒީފާ ގެއްލިގެން ފައިސާ ނުދެއްކިގެން އެހީއަކަށް އެދުނު. ކެޓަގަރީ އޮތީ ކަޓައިފަ. މީމިސާލު.
ދޮންދީނާ
24 August 2025
އުފެދޭ ސުވާލަކީ ޒަކާތް ނަގައިގެން އެއިން ވިޔަފާރިކޮށް، ސެމިނާ ބާއްވާ، ތަޖުރިބާ ދަތުރުކޮށް، ގާތް މީހުނަށް ޞެސްފަރުވާއާއި ސްކޮލަރޝިޕްދީ، ކެމްޕެއިން ދަތުރުތައްކޮށް މިހުރިހާ ކަމެއް ކުރުމަކީ ޒަކާތް މޮޑަރނައިޒް ކުރުން ހެއްޔެވެ؟ ދެން ހައްގުވެރިންނަށް ދޭނެ އެއްޗެއް އޮންނާނީ އަދި ކޮމިޓީތަކު ތިބޭ މީހުނަށް ބައި އަޅާފަ ބާކީވާ ވަރަކުން
މުސްކުޅިން
24 August 2025
މިނިސްޓަރެވެ، ދިވެހި ފަސްގަނޑުގައި ކައިގެންބޮއިގެން އުޅޭނެވަރު ނެތިވެ ބަޔަކު ތިއްބާ ޟަރޫރަތޭ ކިޔާފަ ވަކި ބަޔަކަށް މާލެއިން ފްލެޓްގަތުމަށާއި ވަކި ބަޔަކު ޔޫރަޕުގައި ޕީއެޗްޑީ ނުވަތަ މާސްޓާސްއަށް ކިޔެވުމަށް ޒަކާތު ފައިސާ ޚަރަދުކުރުން ނުހިމެނޭނެ ޒަކާތް ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމަކަށް، އެވާނީ ޒަމާނާ އެއްގޮތަށް ޒަކާތުފައިސާގެ ބޭނުން ނަހަމަގޮތުގައި ހިފައި އަމިއްލަ މަންފާއެއް ހޯދުން ކަމަށް،
އަސފަފ
24 August 2025
މިހާރުދެން މިއުޅެނި ޒަކާތު ފަންޑް ދަވާލާނެ ގޮތެއް ހޯދެތޯ
ޒައްރު
23 August 2025
އިސްލާމިކް މިނިސްޓްރީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ހޭލުންތެރި ކުރުވާ ތަބާ ވުމަށް ގޮވާލަން. ރިބާ އާއި ކޮރޮޕްޝަނާއި ރައްޔިތުންގެ މެދުގައި ވަކި ރަށަކަށް ނިސްބަތްވީތީ ތަފާތު ކުރުން އޮވެގެން ނުވާނެ ކަމާއި އިންސާފުން ކަންކަން ކުރަން ގޮވާލާ ބަޔަކަށް ވާންޖެހޭ. ޒަކާތް ބެހުމުގައި ހައްޤުވާ ނިކަމެތިން އިސްތިސްނާ ނުވާނެ ގޮތަށް އަމަލުކުރަން ގޮވާލަން.
އުޗް
23 August 2025
ދިވެހި ދައުލަތަށް ދެކުމުގެ ބަދަލުގައި އަމިލަޔަށް ރަށުގެ ނިކަމެތިން ބަހާލުން ބުއްދިވެރި ގޮތެކަމުގައި ދެކެން
މަޖީދު
23 August 2025
ދިވެހިރާއްޖޭގައި ފަގީރުންކަމަށް ބަލާ މިންގަނޑަކީ ކޮބާ؟ އަދި އެމިންގަނޑު ކަނޑައަޅާފައިވަނީ ކޮން ހަމަޔަކުން؟ އާމްދަނީ ލިބޭ މިންވަރު ބަލަނީ ކިހިނެއް؟ ސަރުކާރު އޮފީހެއްގަ އުޅޭ މީހެއްވިއްޔާ ވަރަށް ފަސޭހަވާނެ އާމްދަނީ ލިބޭ ވަރު ބަލަން. އެކަމަކު މަސްވެރިން، ދަނޑުވެރިން، އެނޫންވެސް އަމިއްލައަށް މަސައްކަތް ކުރާ މީހުންނަށް ލިބޭ އާމްދަނީ މިންކުރަނީ ކިހިނެއް؟ ޝަހީމް ތީ އެންމެ ގިނައިން ފަޤީރުންގެ ވާހަކަ ދައްކަވާ ބޭފުޅާ ވީމަ ޝަހީމްގާތު މިސުވާލު މި ކުރަނީ
ދދދދ
23 August 2025
ޒަކާތު ހައުސް ސައިޓަށް ވަދެބަލަ
ދިއްދާ
23 August 2025
ސުބްޙާނައްﷲ... ލާރިގަނޑު ކާލާނެ މޮޅުގޮތެއް ހޯދާލީތާ. "ޝަހީމް ވިދާޅުވިގޮތުގައި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ޒަމާނާއި ހާލަތަށް ބަލައި ތަރައްގީ ކުރެވެން އޮތް ހަމައެކަނި ރުކުނަކީ ޒަކާތާ ގުޅޭ ކަންކަން ކަމަށް." ފައިސާއާއި ގުޅޭކަމެއްނު، ތިކަން ވާނެ. ޝަހީމް ހާސްނުވޭ.
ޙަސީނާާ
23 August 2025
ވަޒީފާތައް އިތުރުކޮށް ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދޭތޯ އުޅެބަލަ. އަބަދުވެސް ނާށިގަނޑު ހިފައިގެން އުޅޭ ވެލްފެއަރ ދައުލަތެއް ގޮތަށް ރާއްޖެ ބައްޓަންކުރަން ވެރިންގެ ވިސްނުން ހުންނަނީ ކީއްވެތަ. ހަމަ ރައްޔިތުން ކޮންޓްރޯލުކުރަން ފަސޭހަކަށްތަ؟