އަނިލް އަމްބާނީ: އެސްބީއައި އިން ހުށަހެޅި މައްސަލައަކާ އެކު އޭނާގެ މައްޗަށް އަންނަނީ ޖިނާއީ ތަހުގީގެއް ހިންގަމުން.
24 އޯގަސްޓް 2025 - 06:37
އިންޑިއާގެ މަހުޖަނު އަނިލް އަމްބާނީ އެ ގައުމުގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ލޯނު އެއްބަސްވުމާ ހިލާފުވެ ނަހަމަ ގޮތުގައި އެ ފައިސާ ބޭނުންކުރި ކަމަށް އެ ބޭންކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.
އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ އެއްބަނޑު އެއްބަފާ މީހުންތެ ތެރެއިން އެންމެ ހަގު މީހާ ކަމަށްވާ އަނިލް އަލީ ހަކަތައިގެ ވިޔަފާރިން ފެށިގެން ޑިފެންސް ދާއިރާގެ ވިޔަފާރި ވެސް ހިންގާ މީހެކެވެ.
އެސްބީއައި އިން ތުހުމަތުކޮށްފައިވާ ގޮތުގައި އަނިލް އަމްބާނީ އާއި އޭނާގެ ކުރީގެ ޓެލްކޮމް ކުންފުނި ރިލަޔަންސް ކޮމިއުނިކޭޝަންސް އިން ވަނީ ލޯނުގެ ޝަރުތުތަކާ ހިލާފުވެ ބޭންކުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފަ އެވެ. އެ ބޭންކުން ބުނާ ގޮތުގައި މި އަމަލުތަކުގެ ސަބަބުން އެ ބޭންކަށް ވަނީ 29.29 ބިލިއަން ރުޕީސް (335.4 މިލިއަން ޑޮލަރު) ގެއްލުން ވެފަ އެވެ.
ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނީ ގައުމީ ބޭންކުން ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށެވެ. މި ތަހުގީގުގައި މިހާރު ވަނީ އަނިލް އަމްބާނީގެ ގެޔާއި ރިލަޔަންސް ކޮމިއުނިކޭޝަންސްގެ އޮފީސް ވެސް ފާސްކޮށްފަ އެވެ.
އަނިލްގެ ތަރުޖަމާނަކު ވިދާޅުވީ މި ހުރިހާ ތުހުމަތަކަށް އަނިލް އިންކާރުކުރައްވާ ކަމަށާއި ޔަގީންކަމާ އެކު ދިފާއު ވެވޭނެ ކަމަށެވެ.
"ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ހުށަހެޅި ޝަކުވާ ބިނާކޮށްފައިވަނީ 10 އަހަރަށް ވުރެ ކުރީގެ މުއާމަލާތްތަކަކަށް. އެ ދުވަސްވަރު އަމްބާނީ ހުންނެވީ އެ ކުންފުނީގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި. ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތަކުގައި އަނިލް އަމްބާނީ ބައިވެރިވެވަޑައެއް ވެސް ނުގަންނަވާ،" ތަރުޖަމާނު ވިދާޅުވި އެވެ.
"ފާހަގަކޮށްލަން ޖެހޭ ކަމަކީ އިތުރު ފަސް ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ މައްޗަށް ކޮށްފައިވާ ތުހުމަތު އެސްބީއައިގެ އަމިއްލަ އިހުތިޔާރުގައި ވަނީ އަނބުރާ ގެންގޮސްފައިކަން. ނަމަވެސް މި މައްސަލައި ވަނީ ސީދާ އަނިލް އަމްބާނީއަށް އަމާޒުކޮށްފައި."
އަނިލް އަމްބާނީގެ ވާހަކަ އެންމެ ފަހުން އާންމުންގެ ސަމާލުކަމަށް އައީ ފްރާންސުން ރަފޭލް ޖެޓް ގަތުމާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އަނިލް އަމްބާނީއާ މެދު ސުވާލު އުފެދޭ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް މީގެ ހަތް އަހަރު ކުރިން، އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ތުހުމަތު ކުރެއްވުމާ އެކުގަ އެވެ. މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން ހިންގި މުއާމަލާތެއް ކަމަށް ބުނެ އެ މައްސަލަ ބަލައިގެން އެދުނަސް 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތް ކަމަށް ބަލައި މައްސަލަ ބޭރުކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy