ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ ހުކުރު ދުވަހު ހައްޔަރުކޮށްގެން ޖަލަށް ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
24 އޯގަސްޓް 2025 - 06:37
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހާ ހައްޔަރުކުރީ އޭނާ އަލުން ވެރިކަމަށް އަތުވެދާނެތީ އެކަމުގެ ބިރަށް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަތުން ބަލިވި އުމުރުން 76 އަހަރުގެ ކުރީގެ ލީޑަރު ރަނިލް ހުކުރު ދުވަހު ހައްޔަރުކުރީ ގައުމުން ބޭރަށް ކުރެއްވި އަމިއްލަ ދަތުރަކަށް ދައުލަތުގެ ފައިސާ ބޭނުންކުރި ކަމުގެ މައްސަލައެއްގަ އެވެ.
ލަންކާއަށް 2022 ވަނަ އަހަރު އިގްތިސާދީ ގޮތުން ކުރިމަތިވި ނުރައްކާތެރި ކާރިސާއިން އަރައިގަންނަމުން އަންނައިރު އެ ގައުމުން އަންނަނީ ކޮރަޕްޝަން ހުއްޓުވުމަށް ކަމާ ގުޅުންހުރި އެކި އިދާރާތަކުން އެކި މަސައްކަތްތައް ކުރަމުންނެވެ.
އިދިކޮޅު މައި ޕާޓީ ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) ޕާޓީގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ނަލިން ބަންޑާރަ ކޮލަމްބޯގެ ނިއު މެގަޒިން ޖަލުގައި ހުންނެވި ރަނިލް އަރިހަށް ވަޑައިގަތުމަށް ފަހު ވިދާޅުވީ ޑިސަނަޔަކަގެ ވާތުފިޔައިގެ ސަރުކާރާ ކުރިމަތިލުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ރަނިލް އެދިވަގައިގަތް ކަމަށެވެ.
"ކުރީގެ ރައީސް ވިދާޅުވީ އާ ސަރުކާރުގެ ހުދުމުހުތާރުކަމާ ދެކޮޅަށް އެންމެން އެކައްޗެއް ކިޔާފައި ތެދުވަން ޖެހެޔޭ،" ޖަލު ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން އެންމެ ދެ ގޮނޑި ހިއްސާކުރާ ރަނިލްގެ އަމިއްލަ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ބުނީ ކުރީގެ ރައީސް ހައްޔަރުކުރީ އޭނާ ދެކެ ބިރުން ކަމަށެވެ.
"އެ މީހުން ބިރުގަންނަނީ ރަނިލް އަލުން ވެރިކަމަށް ވަޑައިގެންފާނެޔޭ،" ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ ތަލަތާ އަތޫކޯރާލާ ކޮލަމްބޯގައި ނޫސްވެރިންނަށް ވިދާޅުވި އެވެ.
ރަނިލް ހައްޔަރުކުރީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީއެއްގައި އޮތް އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާއަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހާޒިރުކުރުމަށް ފަހުގަ އެވެ. ވެރިކަމުގައި ހުންނެވި އިރު ލަންޑަނަށް ކުރެއްވި އެ ދަތުރަކީ އަމިއްލަ ދަތުރެއް ނަމަވެސް ދައުލަތުގެ ފައިސާ އެކަމަށް ބޭނުންކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ރަނިލްގެ އަރިހުގައި ދިހަ ބޭފުޅަކު ވަޑައިގެން ދަތުރަށް ދައުލަތުން ގާތްގަނޑަކަށް 16.9 މިލިއަން ރުޕީސް (ގާތްގަނޑަކަށް 56،000 އެމެރިކާ ޑޮލަރު) ހަރަދުވި އެވެ. އަދި މި ދަތުރުގެ މުއްދަތު ތެރޭގައި ރަނިލް ވަނީ ކިއުބާ އަށާއި އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ. އިނގިރޭސި ވިލާތަށް އަމިއްލަ ދަތުރެއްގައި ވަޑައިގަތީ އެމެރިކާގައި ހުންނެވުމަށް ފަހުގައި ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި ފަހުން ހާލު ގޯސްވެ އައިސީޔޫގައި ވެސް ފަރުވާ ދޭން ޖެހުނު ރަނިލް އަކީ ހިތުގެ މައްސަލަ އާއި ހަކުރު ބަލި ވެސް ހުންނަ ބޭފުޅެއް ކަމަށް އޭނާގެ ވަކީލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައުމީ ދުވަސް
24 August 2025
ޥަރައް ކުޑަ އެއްޗެއް..މިގައުމައް ލިބޭ ބޭރު ފައިސާ ކަހާލައިގެން ބޭރު ކުަރަނީ ކޮން ބައެއް؟؟ 3 ބޭންކް އެބަހުރި. ޢިންސޫރަންސް ކުންފުނިތައް .ކޫރިއަރ ތައް،،ރާއްޖޭގެ ރިސޯޓް ތަކުގެ %25ގެ އިތުރުން، އެކައުންޓްސް އާ ސަޕްލައި ކޮންޓްރޯލް. ޜާއްޖެ އެތެރެވާ 6000 ޢަށްވުރެ ގިނަ ކޮންޓޭނަރު ލަންކާ އަށް ބާލުވާފަ 4 ގުނަ އަގު ބޮޑު ކޮށް ޜާއްޖެ އަށް.. ޕިއްޒާ..ފޭޝަލް. ގަރާޖު..އިންޓަރނޭޝަނަލް ބްރޭންޑް ތައް ލަންކާ މޯލްޑިވްސް އެއްކޮށް ނަގައިގެން...ވެރިން އަރާރުމާ ކޯޅުމުގަ.
ދދދދދދދ
25 August 2025
ނޭނގެ، ކާކުތަ؟