ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުން: ޝައިހް އިސްމާއިލް މުހައްމަދާއި މައުރޫފް ޖަމީލާއި މުހައްމަދު މާޖިދު (މެޒޯ).-- ފޮޓޯ: ރައީސް އޮފީސް
24 އޯގަސްޓް 2025 - 12:30
ދިވެހި ދައުލަތުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ ޝައިހް އިސްމާއިލް މުހައްމަދާއި މި ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުކަން އެންމެ ފަހުން ކުރެއްވި މައުރޫފް ޖަމީލާއި ކުރީގެ ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) އަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ތިން ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އާއި ބެޖާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
މއ. ފީރޯޒްވާދީ، ޝައިހް އިސްމާއިލަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިންނެވެ.
ރައީސް އޮފީހުން ބުނީ ޝައިހް އިސްމާއިލަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކާ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، މިހާރު ވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ޝައިހް އިސްމާއިލް މުހައްމަދަށް އެރުވި ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ހަނދާނީ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝައިހް މުހައްމަދު ލަތީފަށް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އާލާސްކަންފުޅާ އުޅުއްވާތީ ޝާއިހް އިސްމާއިލަށް މިއަދުގެ ޖަލްސާއަށް ވަޑައިނުގަނެވުމުން އާއިލާގެ ފަރާތުން އެ އިނާމާ ހަވާލުވެވަޑައިގަތީ ޝައިހް މުހައްމަދު ލަތީފެވެ.
އާކިޓެކްޗާ، ޓީޗިން އަދި މެނޭޖްމަންޓްގެ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަދި އެ ދާއިރާތަކުން ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ މައުރޫފަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިިބިވަޑައިގަތީ އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިންނެވެ.
ރައީސް އޮފީހުން ބުނީ މައުރޫފަކީ ކުރައްވާ ކޮންމެ ކަމެއް ވެސް އިހުލާސްތެރިކަމާ އެކު ކުރައްވައި، ރައްޔިތުންގެ އިހުތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.
މ. ދޫރެސް، މައުރޫފަކީ މޯލްޑިވްސް އާކިޓެކްޗަރަލް ހެރިޓޭޖުގެ ފުންނާބު އުސް މާހިރެއްގެ އިތުރުން، ކޮރަލް ސްޓޯން އާކިޓެކްޗާގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނީ މާހިރެކެވެ. ހިރިގަލުގެ މިސްކިތްތަކާ ބެހޭ ގޮތުން އޭނާ ކުރެއްވި ދިރާސާތަކުގެ ސަބަބުން، ޔުނެސްކޯ ވޯލްޑް ހެރިޓޭޖުގެ ޓެންޓެޓިވް ލިސްޓުގައި ރާއްޖޭގައި ހުރި އެފަދަ ތަންތަން ހިމެނުނެވެ. ރާއްޖޭގެ އާކިޓެކްޗަރަލް ތަރިކައާ ބެހޭ ގޮތުން އޭނާ ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވައި، ކަރުދާސްތައް ތައްޔާރުކުރައްވައި، މައުރަޒު ކުރެއްވި އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ބެޖު ރައީސް ޑރ. މުހައްމަދު މުއިއްޒު، މައުރޫފް ޖަމީލްއާ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އިމާރާތްކުރުމާއި ބޯހިޔާވަހިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ވެސް އޭނާ ކުރެއްވި އެވެ. އަދި އިމާރާތް ކުރުމާ ބެހޭ ގާނޫނާއި ނޭޝަނަލް ބިލްޑިން ކޯޑު ފަރުމާ ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކި އިރު، އެ މަސައްކަތުގައި ވެސް އޭނާ އިސްކޮށް އުޅުއްވި އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެން ލިބިވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކުއްލި ގޮތަަކަށް ނިޔާވި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ އަށެވެ. މެޒޯގެ ހަނދާނަށް އެރުވި މި ޝަރަފުގެ އިނަމާ މިއަދު ހަވާލުވީ އޭނާގެ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ.
ގ. ކްރީމްގޭ، މެޒޯއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވީ ޕާފޯމިން އާޓްސްގެ ދާއިރާއިންނެވެ.
މިޔުޒިކުގެ ދާއިރާގައި ގިނަ ދުވަހު އުޅުނު މެޒޯ އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި "މެޒޯ ބޭންޑް"ގެ ނަމުގައި ބޭންޑެއް އުފައްދައި އެ ބޭންޑުން އަމިއްލަ އުފެއްދުންތަކެއް ނެރުމެވެ. އޭނާގެ އަމިއްލަ އުފެއްދުންތަކުގެ ލަވަތަކަކީ، އާންމުންގެ މެދުގައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވި އުފެއްދުންތަކެކެވެ.
މުހައްމަދު މާޖިދު (މޯޒޯ)ގެ ދަރިފުޅު މީރާ (ވ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކަމުގެ އިނާމު އިނާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކަމަނަގޯތީ އާދަނުތާ"، "ޖިސްމު"، "ރޯނުއެދުރު"، "ވެއްޖެ ކަމަކާ ހައްޖާ ހަމައޭ"، "އެޅިކަނޑުމަތި"، "މާލިއަރާނޭ މާލިއަރާނޭ" އަދި "އަކިރިދެމޭ" ކަހަލަ ލަވަތައް ހިމެނެ އެވެ. އޭގެ ފަހުން މަޝްހޫރުވި ލަވަތަކުގެ ތެރޭގައި "އުޑުން ތަރިތައް" އާއި "ވިސްނާ ވިސްނާ" އަދި "ދާނެހޭ ތިހަނދާން ފިލާ" ކަހަލަ ލަވަތައް ވެސް ހިމެނެ އެވެ.
ލަވަކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން 2010 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު މެޒޯއަށް ލިބިފައިވެ އެވެ. އަދި 2022 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާގެ ޓޫރިޒަމް ގޯލްޑް އެވޯޑު ވެސް އޭނާއަށް ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނުވާ
25 August 2025
ދުނިޔޭގަ ހުރިއިރު ނުދިން އެއްޗެއް މަރުވުމުން ދެނީ މަރުވުމުން އުފާ ކުރަންތަ? މަރުވުމުން އެމީހަކަށް ދެވޭނެ އެއްޗެއް, ކުރެވޭނެ ކަމެއް އޮންނާނެ ކަމަކަށް ނުދެކެން
ކަނބިލި
24 August 2025
އިބްރާހީމް ރަޝީދު މޫސާ ފަދަ ދީނަށް ޚިދުމަތް ކުރެއްވި ބޭފުޅުން ތިއްބާ ޢާއިލީި ގޮތުން ގުޅުން އޮންނަ ފަރާތްތައް ގައުމީ އިނާމު ދިނުމުގައިވެސް އިސްކުރެވެނީ ތޯ
ޝަކް
24 August 2025
އެބޭފުޅާޔަށް މައުމޫނުގެ ދައުރުގައި ވަރަށް ގިނަ އިނާމުތަކެއްދިން. ޝަރަފްވެސް ދީފައި އޮވެދާނެ.
ޝެލަރީ
24 August 2025
ޝަރަފް ލިބޭކަން މި އެނގެނީ ކައްވަޅައްދިޔައީމަ
ކަލޯ ބެއްޔާ
24 August 2025
ހުރާގޭ ދޮންބަންޑާރައިންނާއި ތަކުރުފާނާއި އަމީނުފަދަ ބޭފުޅުންނަށް ޝަރަފުވެރިއިނާމު ހައްގު
ނަންރީތި
24 August 2025
ގ.މެހުރާ މަހްރީންއަކީ ރާއްޖޭގައި އާރކިޓެކްޗަރަލް ދާއިރާގެ ފުންނާބުއުސް ބޭފުޅެއް. ހާއްސަކޮށް އެއަރޕޯރޓްސް ހެދުމުގެ ދާއިރާ. ރާއްޖޭގައި މިހާތަނަށް ހެދި ހުރިހައި ރީޖަނަލް އެއަރޕޯރޓްސްއެއްގެ އާރކިޓޗްޗަރަލް އިންޖިނިއަރ. އަދި ސްޓެލްކޯ އިމާރާތް ފަދަ ރީތި އެތައް އެމާރަތެއް ކުރެހި. ކޮންމެވެސް ދުވަހަކުން ފާހަގަ ކުރާނެކަމަށް އުންމީދުކުރަން.
ޢަލްޓިކޯ
24 August 2025
ތިހެން ކޮމެންޓު ކުރުމުގެ ބޭނުމެއްނެއް ތި ގޮތަށް ވިސްނާނަމަ ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އަމިއްލަ ނަފްސްގެ މައްޗަށް ގައުމަށް ކޮށްދޭ ކަމެއްނެއް ފަހަރުގަ ފާހަގަ ކޮށްލެވޭ ބޭފުޅަކު ނުހިމެނި ހުރެދާނެ އެއީ އެހެންކަމެއް އިނާމް ދިނުމުގެ އުސޫލު ރަގަނޅު
އެޗްޑީސީ
24 August 2025
މައުރޫފު ޖަމީލު ޝަރަފުވެރިކަމުންތޯ މިތަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުއްޓާ އަދި ރިޓަޔަރ ކުރަން މަހަކަށްވުރެ މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ސަރުކާރުން އަންގައިގެން އިސްތިއުފާދޭން ޖެހުނީ، އޭރު ގައުމަށް ކުރެއްވި ޚިދުމަތެއް، އިޚްލާސްތެރިކަމެއް މިއިން އެއވެސް ކަމެއް ފެނިވަޑައި ނުގަތީތޯއޭ،
ޢައިޖޭ
24 August 2025
ދޮގެެއވާ ނޫން
ދުއްލިސާ
24 August 2025
މަ ހިތަށް އަރަނީ މިއީ ހަމަ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެވޭނެ އެންމެ ރަގަޅުގޮތްބާވައޭ، ހުރިހާ ކަމަކަށް ވިސްނާލާއިރު ހީވަނީ ވަކި ބަޔަކަށް އިނާމުދޭން ޖެހޭތީ އެ ދާއިރާތަކުން ދެނީއޭ، ކޮންމެހެން ގައުމަށް ކުރެއްވި ޚިދުމަތަކަށް ނުވަތަ އޭގެން ގައުމަށްވި ފައިދާއަކަށް ބަލާފައެއްނޫނޭ އިނާމުދޭން ކަނޑައަޅަނީ، ފުރަތަމަ ކަނޑައަޅަނީ ދޭންޖެހޭ މީހާއޭ ދެން އެއަށް ކްރައިޓީރިއާ ހަދާ ޕޮއިންޓް ދެނީއޭ،