ރައީސް މުއިއްޒު މިއަދު އުތީމަށް ވަޑައިގަތުމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މަރުހަބާ ދަންނަަވަނީ.
24 އޯގަސްޓް 2025 - 09:32
ހއ. އުތީމުގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދެންމެ އެ ރަށަށް ވަޑައިގެންފި އެވެ.
ޖަލްސާ އޮންނަނީ މިއަދު ހެނދުނު 10:00 ގަ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސްގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް އުތީމަށް ވަޑައިގަތެވެ.
މިއަދަށްޓަކައި އުތީމު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.
އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު ވަނީ ހާއްސަ ޝަރަފެއް އެ ރަށު ރައްޔިތުންނަށް އެރުވުމަށް ނިންމަވައިފަ އެވެ.
އެ ޝަރަފު އަރުވާނީ މިއަދު އެ ރަށުގައި ބާއްވާ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވާ އެ ހާއްސަ ހަފުލާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދޭނެ އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅާގެ ހަނދާނަށެވެ.
މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްކަރީ
24 August 2025
ރާއްޖެ ތެރޭ ރަށްރަށުގެ މިފަދަ މުނާސަބަތުތައް ބޭއްވުމުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރައީސް ދެއްވާ އަހައްމިއްޔަތު ކަން ފާހަގަވޭ